Roadha Mihaaru
މައުމޫންގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ:ވައްޑެ

މައުމޫންގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ: ވައްޑެ

03 ޖުލައި 2017

ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިކޮށް، ބާކީ ކުރި މީހުންނަށް އެ މަނިކުފާނުގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިކޮށް، ބާކީ ކުރި މީހުންނަށް އެ މަނިކުފާނުގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތިން ވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ވައްޑެ ވިދާޅުވީ މައުމޫން ވަރުގެ ސިޔާސީ ލީޑަރެއް ނެތް ކަން އެ މަނިކުފާނު ބާކީ ކުރި ފަރާތްތަކަށް ސާފުވާނެ ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި އެ މަނިކުފާނު ޕީޕީއެމްގެ ތެރެއިން ފެއްޓެވި އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"އަޅުގަނޑު ކުރިން ވެސް ދެންނެވިން ރައީސް މައުމޫނަކީ ވަރަށް ވަރުގަދަ އެސެޓެކޭ. އިލްމާއި ހިކުމަތާއި ތަޖުރިބާ ހުންނެވި، އަދި ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ބާކީ ކުރުމަކީ ސިޔާސީ ގޮތުން މޮޔަ ބަޔަކު ކުރާނެ ކަމެއް. އެކަން ވަރަށް އަވަހަށް ފެންނާނެ،" ވައްޑެ ވިދާޅުވި އެވެ.

މައުމޫން ޕީޕީއެމުން ވަކިކުރީ، ޕާޓީ ހިންގާ ގޮތާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެގެންނެވެ. މައުމޫންގެ ބާރުތައް ފުރަތަމަ އަތުލީ ސިވިލް ކޯޓު މެދުވެެރިކޮށެވެ.

އެއީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ އެ ނިންމުން މައުމޫން ގަބޫލު ނުކުރެއްވުމުން، ޕާޓީން ވަކިކުރީ ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.