Roadha Mihaaru
ސީރިޔާ ހަނގުރާމަ ގޯލާންގެ އުސް ބިންތަކަށް ފެތުރެނީ

ސީރިޔާ ހަނގުރާމަ ގޯލާންގެ އުސް ބިންތަކަށް ފެތުރެނީ

26 ޖޫން 2017

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ، އިޒްރޭލާ އިންވެގެން އޮންނަ ގޯލާންގެ އުސް ބިންތަކަށް ފެތުރެން ފަށައި ހަނގުރާމަ ވަރުގަދަ ވަމުން އެބަދެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ، އިޒްރޭލާ އިންވެގެން އޮންނަ ގޯލާންގެ އުސް ބިންތަކަށް ފެތުރެން ފަށައި ހަނގުރާމަ ވަރުގަދަ ވަމުން އެބަދެ އެވެ.

ގޯލާން އުސް ބިންތަކަކީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. މި ސަރަހައްދުގައި ސަރުކާރު ސިފައިންނާ ދެކޮޅަށް ހަމަލާ ދެމުން ދަނީ، އަލްގާއިދާއާ ގުޅިފައިވާ ކުރީގެ ޖަބްހަތުއް ނުސްރާ އަދި މިހާރު ހައިއަތު ތަހްރީރުއް ޝާމް (ލެވެންޓް ލެބަރޭޝަން ކޮމިޓީ)ގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމަވެރިންނެވެ.

މީގެ ހަފުތާއެއްހާ ކުރިން މި ސަރަހައްދުގައި އެ ޖަމާއަތުން ހަމަލާތައް ފަށާފައިވާ އިރު، ގޯލާންގެ އުސް ބިންތަކުގެ ގާތްގަނޑަކަށް 30 ޕަސެންޓަށް މިހާރު ވަނީ މި ހަމަލާތައް ފެތުރިފަ އެވެ. މި ހަމަލާތަކުގައި މިހާތަނަށް ދެ ފަރާތުގެ 15 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގޯލާންގައި ހަމަލާތައް ފެށިފައިވާ އިރު، އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވެސް މިހާރު ވަނީ ގޯލާންގައި ތިބި ސީރިޔާ ސިފައިންގެ މަގާމުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ. އެ ގޮތުން އިޒްރޭލުން މިހާތަނަށް ދިން ދެ ވަނަ ހަމަލާތައް އިއްޔެ ދިން އިރު، ސީރިޔާ ސިފައިންގެ ޓޭންކުތަކެއް ވަނީ ހަލާކު ކޮށްލައިފަ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ސީރިޔާގެ އެތެރޭގައިވާ އަމާޒުތަކަށް ހަމަލާ ދޭން ޖެހުނީ، ސީރިޔާގެ އިމުގެ ތެރެއިން އިޒްރޭލަށް ހަމަލާތަކެއް އަމާޒު ވުމުންނެވެ. މި ހަމަލާތަކުގައި ސީރިޔާ ސިފައިންގެ ދެ މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވި އެވެ.

ސީރިޔާ ސަރުކާރުން ބުނާ ގޮތުގައި އިޒްރާލުން ގޯލާން އަށް ހަމަލާ ދެނީ ބައްޝާރުގެ ވެރިކަމާ ދެކޮޅު ޖަމާއަތްތަކުން ދޭ ހަމަލާތަކަށް ހިތްވަރުދީ ސަރުކާރު ސިފައިން ބަލިކޮށްލުމުގެ ގޮތުންނެވެ. އިޒްރޭލާއި އަރަބީންނާ ދެމެދު 1967 ގައި ކުރެވުނު ހަނގުރާމައިގައި އިޒްރޭލުން ވަނީ ގޯލާންގެ އުސް ބިންތަކުގެ 70 ޕަސެންޓް ފޭރިގަނެ އަޅުވެތިކޮށްފަ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން 2011 ގައި ފެށި ހަރަކާތްތައް ފުޅާ ދާއިރާގެ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައިވާ އިރު، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެވެ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ވިއްސިވިހާލިވެފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖްރަ ކޮށްފަ އެވެ.

ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓިދާނެ ހެން ހީވެފައި ވަނިކޮށް، ރަޝިޔާ އާއި އީރާންގެ އަސްކަރީ މަދަދާ އެކު ސަރުކާރު ސިފައިން މިހާރު އަންނަނީ އަނެއްކާ ވެސް ކާމިޔާބު ހޯދައި ބައްޝާރަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރު ގަދަ ކުރަމުންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދު ދެނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އަރަބި ބައެއް ގައުމުތަކުންނެވެ.