Roadha Mihaaru
ދެ އިވެންޓަކުން ގައުމީ ބެޑްމިންޓަން ޓީމު ސެމީ އަށް

ދެ އިވެންޓަކުން ސެމީ އަށް، ގައުމީ ބެޑްމިންޓަން ޓީމަށް ބޮޑު ކުރިއެރުމެއް

17 ޖޫން 2017

މޮރިޝަސްގައި ކުރިއަށްދާ ބެޑްމިންޓަން ސީރީސްގެ ދެ އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮރިޝަސްގައި ކުރިއަށްދާ ބެޑްމިންޓަން ސީރީސްގެ ދެ އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިން ފުރުސަތު ހޯދައިފި އެވެ.

ސެމީން ޖާގަ ހޯދީ އަންހެން ޑަބަލްސްގެ ދެ ޕެއާ އިންނާއި މިކްސް ޑަބަލްސްގެ އެއް ޕެއާ އިންނެވެ. އަންހެން ޑަބަލްސް އިން ސެމީގެ ޖާގަ ހޯދީ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އާއި މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲ ގެ ޕެއާ އެވެ. މިކްސް ޑަބަލްސް އިން ސެމީގެ ފުރުސަތު ހޯދީ އިތުރުން ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ އެވެ.

މީގެ ކުރިން ބީޑަބްލިއުއެފް މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިއަކު ހޯދި އެންމެ ރަނގަޅު ކާމިޔާބީ އަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ކުއާޓާ ފައިނަލުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ މައިސާ ޖާގަހޯދުމެވެ.

މި ކުޅުންތެރިން ސެމީ އިން ޖާގަ ހޯދީ މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ މިއަދު ހަވީރު އެވެ.

އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ނަބާހާ ކެޓީ މުބާރާތުގައި ތިން ވަނަ އަށް ސީޑުކޮށްފައިވާ އިންޑިއާގެ އަނޫރާ ޕްރަބޫދޭސާއީ އަތުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 8-21، 16-21 އިންނެވެ.

ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިމެންސް ޑަބަލްސްގެ ކުއާޓާގައި ނަފްހާ އާއި މައިސާގެ ޕެއާ މޮޅުވީ ރީޔޫނިއަންގެ ސްޓެފަނީ ބިލޮން އާއި އިސަބެލް ލައިޝެއުންގެ ޕެއާގެ މައްޗަށް 21-12، 21-16 އިން ކުރިހޯދައިގެންނެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ ރީޔޫނިއަންގެ މާތޭ ހުއިޗާޑް އާއި ލޮއީސް ލޯވް ކްވާއިގެ ޕެއާއާ ވާދަކޮށެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-17، 21-18 އިންނެވެ.

މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާންގެ ޕެއާ ސެމީގެ ޖާގަ ހޯދީ ކުއާޓާގައި މޮރިޝަސްގެ ސެންޑީލާ މޯރަތު އާއި ޓެޖްރަޖް ޕުލްޓޫ ބަލިކުރުމަށް ފަހު އެވެ. ނަބާހާ އާއި ޒަޔާންގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-17، 23-21 އިންނެވެ.

މި ބައިން ރާއްޖޭގެ މުހައްމަދު އަޖުފާން އާއި ނީލާ ނަޖީބުގެ ޕެއާ ކެޓީ މެލޭޝިއާގެ ޔޮގެންދުރަ ޝިނަން އާއި އިންޑިއާގެ ޕްރަޖަކްތާ ސާވަންތުގެ ޕެއާއާ ވާދަކޮށެވެ. އެއް ވަނަ އަށް ސީޑުކޮށްފައިވާ ޔޮގެންދުރަ އާއި ޕްރަޖަކްތާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 9-21، 13-21 އިންނެވެ.

މި މުބާރާތުގައި ވާދަކުރަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ނިންމާފައިވަނީ ވެސް 2019 ވަނަ އަހަރުގެ އިންޑިއާން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ގެނައުމުގެ މަސައްކަތުގެ ތެރެއިންނެވެ. ބީއޭއެމުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ނަތީޖާ ނެރެވޭ މުބާރާތްތަކުގައި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ.