Roadha Mihaaru
ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަނީ

ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަނީ

11 ޖޫން 2017

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްލާހުގައިވާ ގޮތުން، ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް 11 ފަނޑިޔާރުން ކަމަށް ހަމަޖައްސައި، އެ ބިލް ގާނޫނަކަށް ވާތާ ތިން މަސް ތެރޭގައި އެ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރަންޖެހޭނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެ ބަދަލު ގެނަޔަސް މިހާރު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިބޭނެ އެވެ. އަދި ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރާނީ މިހާރު ވެސް އޮންނަ ގޮތަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށް އެ އިސްލާހުުގައިވެ އެވެ.

އެގޮތަށް އިސްލާހު ހުށަހެޅީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުވި މިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ މަގާމު މިހާރު ވެސް ހުހަށް އޮތް އިރު، ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވަ އެވެ. އަދި މާލޭގައި ހަތަރު ފަނޑިޔާރުންނެވެ.

ފަނޑިޔާރުންގެ ގާނޫނު ވުޖޫދަށް އައި އިރު އޮތީ ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބޭ ގޮތަށް ކަމަށް ވިޔަސް އޭގެ ފަހުން ކޯޓުތަކާ ބެހޭ ގާނޫނު އައި އިރު އެ އަދަދު ވަނީ ނުވައަކަށް ދަށްކޮށްފަ އެވެ.

ނުވަ ފަނޑިޔާރުން ހައި ކޯޓުގައި ތިއްބަވާ އިރު 2014 ގައި އުފެދުނު އެ ކޯޓުގެ ދެ ގޮފިން ކުރެ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހޭތީ ކޮންމެ ގޮތްޕެއްގައި ވެސް އަދި މާލޭގައި ވެސް ތިއްބަވާނީ އެންމެ ތިން ފަނޑިޔާރުންނެވެ.

އެހެންވުމުން މައްސަލަތައް ކުރިއަށް ގެންދިއުމުގެ ދަތިތަކެއްް ކުރިމަތިވަމުންދެ އެވެ. ސަބަބަކީ ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުން ތިބެގެން ކަމަށްވެފައި، އެންމެ ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަތަސް ނުވަތަ ސަލާމް ބުންޏަސް ހުރިހާ ޝަރީއަތްތަކެއް ހެން ހުއްޓޭނެތީ އެވެ.

އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ވެސް ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް މިހާރު އޮތީ ހުސްކޮށެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން އަދިވެސް ކަނޑައެއް ނާޅަ އެވެ.