Roadha Mihaaru
ޑިންގީ ހާދިސާގެ ތަހުގީގު ކުރިއަށް އެބަދޭ: ޕޮލިސް

ޑިންގީ ހާދިސާގެ ތަހުގީގު ކުރިއަށް އެބަދޭ، ސުމޭދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

06 ޖޫން 2017

މިދިޔަ އާދީއްތަދުވަހު ހަވީރު އައްޑޫން ތިން މީހުންނާ އެކު މަހަށް ނުކުމެ އުޅެނިކޮށް، ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އާދީއްތަދުވަހު ހަވީރު އައްޑޫން ތިން މީހުންނާ އެކު މަހަށް ނުކުމެ އުޅެނިކޮށް، ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަން ކަނޑުގައި ހިނގި ހާދިސާގައި ގެއްލުނު ހިތަދޫ އާބިން މުހައްމަދު ސުމޭދު 27، ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ސުމޭދު ހޯދުމުގެ މަސައްކަތާ އެކު ތަހުގީގު ވެސް ކުރިއަށް އެބަދޭ. އަދި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ވެސް ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ސަލާމަތްވި ދެ މީހުންގެ ތެރެއިން ފޭދޫ ފަހާގޭ، ހުސައިން ސައީދު ބުނި ގޮތުގައި 17 ފޫޓްގެ ޑިންގީ ބަންޑުން ޖަހައިލީ، ނެގި ބޮޑު ރާޅަކާ އެކުގަ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލައި އެ މީހުން ކަނޑަށް ވެއްޓުނު ފަހުން ވެސް، އޭތި އަނގަމަތި ކޮށްގެން އުޅެނިކޮށް ތިން ހަތަރު ފަހަރަށް ޑިންގީ ބަންޑުން ޖަހާލި އޭނާ އިއްޔެ "މިހާރު" އަށް ބުނެފައިވެ އެވެ.

ނަމަވެސް ހުސައިން އާއި ހާދިސާގައި ސަލާމަތްވި އިބްރާހީމް ނާއިފް ފަތާފައި އެރި ފަޅު ރަށުން، އެ މީހުން ތިބި ޑިންގީ ފެނުނުއިރު، އޭގައި ތަކެތި ހުއްޓެވެ. އޭގެ ތެރޭގައި ލައިފް ޖެކެޓާއި ފިންސާއި 20 ލީޓަރުގެ ހަމަކާއި ކާން ބޭނުން ކުރާ ޒާތުގެ ތަށި ފަދަ ހިމެނެ އެވެ.

އެހެންވެ ޑިންގީ ބަންޑުން ޖަހައިލި ކަމަށް ބުނާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ސުމޭދުގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނީ ޑިންގީ ފެނުނު އިރު އޮތް ހާލަތަށް ބަލާ އިރު، އޭތި ބަންޑުން ޖެހިކަން ކަށަވަރު ނުވާ ކަމަށެވެ.

ބަންޑުން ޖަހާލި ކަމަށް ބުނާ ޑިންގީ ފެނުނު އިރު އޮތް ގޮތް ދައްކުވައިދޭ ވީޑިއޯއެއް.

ސުމޭދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ފޯނާއި ދޮށްޓެއް ފެނިފައިވެ އެވެ.

ޑިންގީގައި ސާމާނުތައް ހުރި ފޮޓޯ އާއި ވީޑިއޯ ވެސް މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ އިރު، ބައެއް މީހުން ދަނީ މި ހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނަމުންނެވެ.