Roadha Mihaaru
އެއާޕޯޓްގެ ސަލާމަތީ ކަންތައް ފުލުހުންނާ ހަވާލުކޮށްފި

އެއާޕޯޓްގެ ސަލާމަތީ ކަންތައް ފުލުހުންނާ ހަވާލުކޮށްފި

31 މެއި 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ފުލުހުންނާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ފުލުހުންނާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ފުލުހުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާ ހަވާލުވާނެ ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

ފުލުހުން އެއާޕޯޓްގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދާނީ އާއްމުންނަށް އެއްވެސް ހުރަހެއް ނެތި ވަދެ އުޅެވޭ ސަރަހައްދުތަކުގަ އެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އާދިލް މޫސާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވަނީ އެއާޕޯޓް ފަދަ ބޮޑެތި ތަންތަނުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައްވައިފަ އެވެ. އަދި އެއާޕޯޓްގެ ހިދުމަތްތަކާއި މަސައްކަތްތައް ފުޅާ ވަމުން ދާއިރު ގަވައިދުތަކަށާއި އުސޫލުތަކަށް އަމަލު ކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.

އަދި ހަމަ މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ އެއާޕޯޓްގައި އާންމުންނަށް ވަދެ އުޅެވޭ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަކީ މުުހިއްމު ކަމަށްވެފައި މިކަން ފުލުހުން ނޫން ބަޔަކަށް ޒިންމާދާރުކަމާ އެކު ނުކުރެވޭނެ ކަމަށެވެ.