Roadha Mihaaru
އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި އެއާލައިނެއްގެ މުވައްޒަފުންތަކަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

07 މެއި 2024

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ، އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެހެންވެ، އެއީ ރާއްޖެ އައި ޓޫރިސްޓެއް ކަމެއް ނުވަތަ ވާކް ވިސާ ނުވަތަ ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެ އެވެ.

މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީމީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިނެއްގެ މުވައްޒަފެއްގެ މޫނު މަތީގަ އެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީމީހާ ޖަހާ ތަން ފެނެ އެވެ.

ބިދޭސީމީހާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރާތަން ވީޑީއޯ އިން ފެނެ އެވެ. ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް ގޮވައިގެންދާ މަންޒަރު ވެސް ފެނެ އެވެ.