Roadha Mihaaru
މާރާމާރީހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން

އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން!

07 މެއި 2024

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު ބިދޭސީއަކު މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު ބިދޭސީއަކު މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.

އެ ތަނުގައި އެ ވަގުތު ހުރި މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.

ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށުމުން އެ މުވައްޒަފުން އެ ބިދޭސީމީހާގެ ލަގެޖްތައްތައް ބެލްޓުން ބޭލި ކަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.

އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވެ އެވެ.

ސޯޝަލް މީޑިއާގައި އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް އާންމު ވެފައި ވާއިރު އެ ވީޑިއޯ އިން ފެންނަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު، ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި މުވައްޒަފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީމީހާ ޖަހާ ތަން ފެނެ އެވެ.

ބިދޭސީމީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރާތަން ވީޑިއޯ އިން ފެނެ އެވެ. ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް ގޮވައިގެންދާ މަންޒަރު ވެސް ފެނެ އެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.