Roadha Mihaaru
ތޫފާން މޯރާ ބަންގްލަދޭޝް އަށް އަރައިފި

ތޫފާން މޯރާ ބަންގްލަދޭޝް އަށް އަރައިފި

30 މެއި 2017

ޑާކާ (މެއި 30) - ބޭ އޮފް ބެންގާލުގައި އުފެދުނު ތޫފާން މޯރާ ބަންގްލަދޭޝް އަށް މިއަދު އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (މެއި 30) - ބޭ އޮފް ބެންގާލުގައި އުފެދުނު ތޫފާން މޯރާ ބަންގްލަދޭޝް އަށް މިއަދު އަރައިފި އެވެ.

ބާރުގަދަ ތޫފާން ބަންގްލަދޭޝްގެ އިރު ދެކުނުގެ އައްސޭރި ފަށުގެ ހިސާބުތަކަށް އެރުމާ އެކު ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ އެވެ. ބަންގްލަދޭޝްގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ ބަނދަރު މަތީގެ ކޮކްސް ބާޒާރާއި ޗިޓަގޮން ސިޓީ އަށް ތޫފާން އެރި އިރު 117 ކިލޯ މީޓަރު (73 މޭލު) ބާރު މިނުގައި ވައި ޖެހެމުން ދިޔަ ކަމަށެވެ. ތޫފާނުގައި ގެއްލުން ލިބިދާނެތީ އެއް މިލިއަން މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ބަންގްލަދޭޝްގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ކުރިން ވަނީ ކޮކްސް ބާޒާރާއި ޗިޓަގޮން އާއި ބިންގަނޑު ތިރި އެހެން ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެތީ 4-5 ފޫޓަށް ފެންބޮޑުވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ސްކޫލްތައް ބަންދުކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މަސްވެރިން ކަނޑަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ތޫފާން އެރުމުގެ ކުރިން ވެރިރަށް ޑާކާ އަށް ވަނީ ބޯކޮށް ވާރޭވެހެން ފަށާފައި. --ފޮޓޯ:އީޕީއޭ

ތޫފާން އެރުމުގެ ކުރިން ވެރިރަށް ޑާކާ އަށް ވަނީ ބޯކޮށް ވާރޭވެހެން ފަށާފައި. --ފޮޓޯ:އީޕީއޭ

ތޫފާން މޯރާގައި ބަންގްލަދޭޝް އިން އަދި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. ނަމަވެސް ރޮއިޓާސް އިން ބުނެފައި ވަނީ ތޫފާނުގައި ރޮހިންޖާޔާ މުސްލިމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ކޮމިއުނިޓީ ލީޑަރެއް ކަމަށް ޝަމްސުލް އާލަމް ބުނީ ދެ ކޭމްޕަކުން ގާތްގަނޑަކަށް 10،000 ޖިފުޓި ހަލާކުވެފައިވާ ކަމަށެވެ. މިއަންމާގެ ސިފައިންގެ އަނިޔާވެރިކަމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވާ ރޮހިންޖާޔާ ދަރިކޮޅު މީހުންނަށް ކޮކްސް ބާޒާރުގައި ވަނީ ބޮޑެތި ކޭމްޕްތައް ހަދައިފަ އެވެ.

މި ތޫފާން އިންޑިއާގެ ބައެއް ސަރަހައްދުތަކަށާއި މިއަންމާ އަށް ވެސް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަންގްލަދޭޝް އަށް ތޫފާން އެރި އިރު ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ސްރީ ލަންކާ އަށް ކުރި ގަދަ ވިއްސާރައިގައި ބިންގަނޑު ފޭބުމުން އެ ގައުމުން ވަނީ 180 މީހުން މަރުވެފަ އެވެ.