Roadha Mihaaru
ނިއު-ވެލެންސިއާ މެޗުން ވެޓެރަންސް ކަޕް މާދަމާ ފަށަނީ

ނިއު އާއި ވެލެންސިއާ މެޗުން ވެޓެރަންސް ކަޕް މާދަމާ ފަށަނީ

29 މެއި 2017

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތް ވެސް އިންތިޒާމްކުރަނީ މޯލްޑިވްސް ސޮކާ މޭޓްސް އިންނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަތް ޓީމަކުންނެވެ. އެއީ ނިއު، ވެލެންސިއާ، ދިވެހި ސިފައިންގެ ކްލަބް، ގްރީން ސްޓްރީޓްސް، މާޒިޔާ، ވިކްޓަރީ އަދި އީގަލްސް އެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލިއިރު ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ގްރޫޕް ބީގައި ތިން ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ނިއު، ވެލެންސިއާ، އީގަލްސް އަދި މާޒިޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ގްރީން ސްޓްރީޓްސް އާއި ވިކްޓަރީ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕް އޭގެ ތިން ޓީމާއި ގްރޫޕް ބީގެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އޭގެ ހަތަރު ވަނަ އާއި ގްރޫޕް ބީގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ދެ ވަނަ ބުރުގައި ކުޅޭނީ ވެސް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ބުރުން ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ތިން ވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ފުރަތަމަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ.

ވެލެންސިއާ އާއި ނިއު ކުޅޭ މެޗު ފަށާނީ ޓާފް އެއް ނަންބަރު ދަނޑުގައި މާދަމާ ހަވީރު 16:30 ގަ އެވެ. މިދިޔަ އަހަރު ނިއު އިން މި މުބާރާތް ދެ ވަނަ ފަހަރަށް ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ވެލެންސިއާ ބަލިކުރުމަށް ފަހު އެވެ.