23 މެއި 2017
އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ހޯދި މޮޅާ އެކު ކްލަބް އީގަލްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ހޯދި މޮޅާ އެކު ކްލަބް އީގަލްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އީގަލްސް މި މޮޅާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަށް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. މިއަދު މާޒިޔާ އަތުން މޮޅުވި ވިކްޓަރީ ހަ ވަނައިގައި އޮތީ އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ.
މި މެޗަކީ ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. އެހެން ނަމަވެސް ވިއްސާރައިގެ ސަބަބުން މެޗު ވަނީ މިރެއަށް ފަސްކުރީ އެވެ.
އީގަލްސް މިރޭގެ މެޗަށް ނުކުތްއިރު އެ ޓީމުގެ އިތުބާރު މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) ހުރީ ދެ މެޗުގެ ސަސްޕެންޝަނެއްގަ އެވެ. އަދި ޔުނައިޓެޑް ވިކްޓަރީގެ ހަސަން ފައިރޫޒް (ލަކީ) އާއި އިބްރާހިމް މައިސާން ކާޑު ހަމަވުމުގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ މެދު ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރުމަށެވެ. އެހެން ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.
މި ހާފްގައި އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ އީގަލްސް އަށެވެ. މެޗުގެ 19 ވަނަ މިނިޓްގައި ޒުވާން ފޯވާޑް މުހައްމަދު ނާއިމް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ. ނާއިމް އަށް މި ފުރުސަތު ލިބުނީ ޔުނައިޓެޑް ވިކްޓަރީ ފަހަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ.
މެޗުގެ 37 ވަނަ މިނިޓްގައި އީގަލްސްގެ ޔޫސުފް ޝިފާއު އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ރިހާމް އަބްދުލް ގަނީ (ބޮބީ) ހުސްކޮށްލާފައި އޭރިއާ ތެރެއިން ސިފާއު އަށް ދިން ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ ދިޔައި ބޭރަށެވެ. އެ ބޯޅަ އޭރިއާ ތެރެއަށް ކުޅުނު ނަމަ އެއަށް ވުރެ ރަނގަޅަށް ބޭނުން ކުރެވޭނެ އެވެ.
ދެ ވަނަ ހާފަށް އީގަލްސް އިން ނުކުތީ އަންސަރު އިބްރާހިމް (އަންކޮ)ގެ ބަދަލުގައި ޖުމައިލް ޖަމީލް ކުޅެން އަރުވައިގެންނެވެ.
މި ހާފްގައި އީގަލްސް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ހާފްތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރަން އެ ޓީމުން މަސައްކަތްކުރި އެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ.
ސިފާއު އަރިމަތިން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ނަގައިދިން ހުރަހަކުން އެއް ފަހަރުން އިބްރާހިމް އައިސަމް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް އަތްމަތިން ގޮސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި ޔުނައިޓެޑް ވިކްޓަރީ އިން ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން އަބްދުލް ވާހިދު (ވާޑު) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އީގަލްސް އަށް ލީޑުނަގައިދިނީ މި ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ނައުފަލް އެވެ. އޭރިއާ ތެރެއިން މަގްދީ އަލްހުސްނީ ދިން ބޯޅަ ނައުފަލް ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 78 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީން ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ވާޑު ނަގައިދިން ކޯނަރަކުން އެ ޓީމުގެ ވުކްރޮބްޓް ޑޯޑޭ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން އީގަލްސް ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.
މެޗުގެ ފަހު 10 ވަރަކަށް މިނިޓް ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ޔުނައިޓެޑް ވިކްޓަރީން ގިނަ އެޓޭކްތަކެއް ކުރަން މަސައްކަތް ކުރިނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. މެޗުގެ އިތުރު ވަގުުތުގައި އީގަލްސް އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުނު ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީއެއް ނުދެ އެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ލީގު ބްރޭކަކަށް ދާއިރު ހަތަރު ވަނަ މަގާމުގައި އޮންނަން މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.
"އެފްއޭއެމުން މި މެޗު ލަސްކުރީމަ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އެއީ ރޭގައި އޮތް ހާލަތުގައި ކުޅެގެން ކުޅުންތެރިންތަކެއް އަނިޔާވާން ބޭނުންނުވާތީ. މިއީ ހަގީގަތުގައި ވަރަށް މުހިއްމު ތިން ޕޮއިންޓް. ލީގު ބްރޭކަކަށް ދާއިރު ހަތަރު ވަނަ މަގާމުގައި އޮންނަން މި ތިން ޕޮއިންޓް ވަރަށް ބޭނުންވެފައި އަޅުގަނޑުމެން ތިބީ،" ސާންތީ ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުގައި އޭނާގެ ޓީމުން ކުރި މަސައްކަތާ މެދު ހިތްހަަމަ ޖެހޭ ކަމަށެވެ.
"ހަގީގަތުގައި މެޗު ބެއްލެވި ފަރާތްތަކަށް އެނގޭނެ އަޅުގަނޑުމެން ކުޅުނީ ކޮން ކުޅުންތެރިންތަކެއް ލައިގެންކަން. ޓީމުގެ އެގާރައިގައި އެންމެ ފަހުން ދުވަހު ކުޅުނު ގިނަ ކުޅުންތެރިންނެއް ނުލައި ކުޅުނީ. މި ހާލަތުގައި ވެސް އަޅުގަނޑުމެން ކުރި މަސައްކަތް ފެނިއްޖެ. ކުޅުން ގޯހެއް ނޫން،" ނަޒީހު ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ޑިވިޝަން ކްލަބްތަކުން ޕްރެކްޓިސް އަށް ނާންނަ ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ނުދިނުން މުހިއްމު ކަމަށާއި އެއީ ޒުވާން ކުޅުންތެރިންނާއި ޕްރެކްޓިހަށް އަންނަ ކުޅުންތެރިންނަށް މިސާލު ދެއްކުމުގެ ގޮތުން ކަމަށެވެ.
"ޓީމު އޮތީ ފޯމުގައި، މި ބުރު ވަރަށް އުނދަގޫވާނެ"
ޔޫވީ އަތުން އީގަލްސް އަށް ފަސޭހަ މޮޅެއް
އީގަލްސްއާ ދެކޮޅަށް ކުޅޭއިރު ޔޫވީ އުނދަގޫ ހާލަތެއްގައި
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ޔޫވީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
ކުރިން މަހިބަދޫ އަށް ކުޅުނު އެންޑަސަން އީގަލްސް އަށް
އަނިޔާއަށް ފަހު ނޫމާން އެނބުރި އަތުވެއްޖެ