Roadha Mihaaru
ޔޫވީ އަތުން އީގަލްސް އަށް ފަސޭހަ މޮޅެއް

ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް އަށް ފަސޭހަ މޮޅެއް

04 މާޗް 2017

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ފަސޭހަކަމާ އެކު ކްލަބް އީގަލްސް މިއަދު މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ފަސޭހަކަމާ އެކު ކްލަބް އީގަލްސް މިއަދު މޮޅުވެއްޖެ އެވެ.

މިއީ ޔުނައިޓެޑް ވިކްޓަރީ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އީގަލްސް ވަނީ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އަތުން 1-0 އިން ބަލިވެފަ އެވެ. އެހެން ކަމުން މިއަދުގެ މެޗަށް އެ ޓީމު ނުކުތީ މޮޅަކާ އެކު އާ ފެށުމަކަށް އުއްމީދު ކޮށްގެންނެވެ.

ޔުނައިޓެޑް ވިކްޓަރީ އަކީ މި ފަހަރު ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމެވެ. މިއަދުގެ މެޗުގެ ކުރިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ މި ފަހަރުގެ ލީގަށް އެންމެ ރަނގަޅަށް އަދި އެ ޓީމަށް ތައްޔާރުވެވިފައިނުވާ ކަމަށެވެ. އަދި މި މެޗަކީ އެ ޓީމުގެ ފެންވަރު ވަޒަންކޮށްލަން ވެސް ލިބޭ މެޗެއް ކަމަށް ވަނީ ބުނެފަ އެވެ.

މެޗު ފަށައިގެން އީގަލްސް އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުން ދިޔަ އެވެ. މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކުރުމަށް އީގަލްސް އިން މަސައްކަތް ކުރި އެވެ. ޔުނައިޓެޑް ކުޅުންތެރިންގެ ފަރާތުން މި ހާފްގައި ގިނަ މައްސަލަތަކެއް ފެނުނެވެ. އަދި ރަނގަޅު ވަގުތުގައި އެޓޭކް ކުރުމަށް އުނދަގޫތަކެއް ދިމާވި އެވެ.

އީގަލްސް އަށް މެޗުގެ ލީޑުނަގައިދިނީ 27 ވަނަ މިނިޓްގައި އަންސަރު އިބްރާހިމް (އަންކޮ) އެވެ. ހާފްގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަންކޮ ވަނީ ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އަމިރޯވް ފައި ކައިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އީގަލްސް އިން ލަނޑު ޖެހުމާ އެކު ޔުނައިޓެޑް ވިކްޓަރީން ކުރިއަށް ޖެހިގެން ކުޅެ ރަނގަޅު ހަަމަލާއެއް އުފެއްދި އެވެ. މެޗުގެ 31 ވަނަ މިނިޓްގައި އިބްރާހިމް ނޫރައްދީން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން އެ ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ޖެހި ބޯޅަ ވެސް ގޯލާ ސިދާނުވި އެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އަންކޮ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އަންކޮ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓްގަ އެވެ. މި ލަނޑު ކާމިޔާބުކުރީ ނެދަލެންޑްސްގެ ފޯވާޑް ޑޮނޮވަން ޑީކްމަން އެވެ. ޔުނައިޓެޑް ވިކްޓަރީގެ ހުސެއިން ޝުވައިބް ބޭރުކޮށްލަން ޖެހި ބޯޅަ އެ ޓީމުގެ ވުކޮބްރަޓް ޑޯޑޭ ގައިގައި ޖެހިފައި އޭރިއާ ތެރެއިން ލިބުނީ ޑީކްމަން އަށެވެ. އޭނާ ވަނީ އެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އީގަލްސް އިން ފުރަތަމަ ހާފްގައި ރިހާމް އަބްދުލް ޣަނީ (ބޮބީ)ގެ ބަދަލުގައި އަބްދުﷲ ސަމީހް ކުޅެން އެރުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެސް އީގަލްސް އިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނެވެ. އެ ޓީމަށް ތިން ވަނަ ލަނޑެއް ޖެހުމަށް އަހުމަދު ނައުފަލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ހުސްކޮށްލާފައި ނައުފަލް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މި ހާފްގައި ވެސް ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން މާ ރަނގަޅު އެޓޭކްތަކެއް ނުފެނެ އެވެ. ޓީމުގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ.

އީގަލްސް އަށް އިތުރު ލަނޑެއް ޖަހަން، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި މުހައްމަދު ނާއިމް އާއި ޖުމައިލް ޖަމީލް އަށް ފުރުސަތު ލިބުނުވެ. ޖުމައިލް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު އާމިރޯވް މަތަކުރިއިރު، ނާއިމްގެ ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އާތީ ބުނީ ބޮޑު ތަފާތަކުން ބަލިނުވެ މެޗު ނިންމާލެމުކީ ހިތްހަމަ ޖެހުމެއް ކަމަށާއި ކުޅުންތެރިންގެ ފެންވަރު ދެނެގަނެވިއްޖެ ކަމަށެވެ.

"މި މެޗުން ފެނިިއްޖެ އަހަރެމެންގެ ކޮންބިނޭޝަނާއި އެހެން ގޮތްގޮތުން ވެސް ހުރި މައްސަލަތައް. އެކަންތައްތައް ހައްލުކޮށް ދެން އޮތް މެޗު ނިންމާފައި އެނގޭނެ. އަހަރެމެން މި ސީޒަނަށް ކަނޑައަޅާ ޓާާގެޓް ތިން ވަނަ މެޗާ ހަމަައިން އެނގޭނެ. މިދިޔަ ސީޒަނުގެ ޔުނައިޓެޑް ވިކްޓަރީ އެ ހިސާބުން ފެންނާނެ،" އާތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކުޑޫސް (ވ) އީގަލްސްގެ ބޮބީ ކައިރިން ބޯޅަ ބޭރުކޮށްލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީގެ ކުޑޫސް (ވ) އީގަލްސްގެ ބޮބީ ކައިރިން ބޯޅަ ބޭރުކޮށްލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ މި މެޗުގައި ކުޅުނީ ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ އެގާރައިގައި ހިމެނޭ ބައެއް ކުޅުންތެރިން ނުލައި ކަމަށާއި އެ ކުޅުންތެރިންނާ އެކު ކުރިއަށް ހުރި މެޗުތަކުގައި ތަފާތު ދެއްކޭނެ ކަމަށެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ބުނީ މޮޅާ އެކު ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހުނަސް ކުޅުން އެންމެ ރަނގަޅު ނޫން ކަމަށެވެ.

"މާޒިޔާ މެޗާ ގާތަށް ވެސް އަޅުގަނޑުމެންނަށް ނުކުޅެވޭ. ހަގީގަތުގައި ޕްރެޝަރު މެޗެއް ނަމަ ރަނގަޅުވީސް. ކުޅުންތެރިން ވެސް ފަސޭހަކޮށްލައިގެން ކުޅުނީމަ އެހާ ކުޅުން ދަށްވީ. މިއީ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ލިބުނު ފުރަތަމަ މޮޅު އެއީ ވެސް ހިތްހަމަ ޖެހުމެއް،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ލީގުގައި ކުރިއަށް ހުރި މެޗުތަކަށްދާއިރު ލަނޑު ނުޖެހުމުގެ މައްސަލަ ހައްލުކުރުން މުހިއްމު ކަމަށެވެ.

"ރޭ އަޅުގަނޑުމެންނަށް ފެނުނު ނިއު ރޭޑިއަންޓްގެ ނުވަ ނަންބަރު (ގަލާޑޯ). ތަފާތު މޮޅު ކުޅުންތެރިޔެއް. އޭގެ ކުޅުންތެރިން ތިބީމަ ލަނޑު އެބަޖެހޭ. އެއީ އީގަލްސް އަށް މަދުވާ ކަމަކީ ލަނޑު ޖަހާނެ ކުޅުންތެރިޔަކު ނެތުން. ބައެއް ފަހަރު އެބަހީވޭ ލަނޑު ޖަހަން ނޫޅެނީޔޭވެސް. އެކަމަކު މި ޓީމުގައި އެބަހުރި އެކަން ހައްލުކުރެވޭނެ ފެންވަރު، ސާންތީ ބުންޏެވެ.

އީގަލްސް އިން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އަހުމަދު ރިޒުވާން (ރިޒޭ) އާއި އަހުމަދު ނާޝިދު (ނައްޓޭ) ނުކުޅެ އެވެ.

"ނާއްޓޭ އާއި ރިޒޭ އަކީ ވަރަށް މުހިއްމު ދެ ކުޅުންތެރިން. ނާއްޓޭ މި މެޗުގައި ވެސް އަޅުގަނޑަށް ބޭނުންކުރެވުނިސް. އެކަމަކު އަޅުގަނޑަކީ ކުޅުންތެރިޔަކު އެއްކޮށް ރަނގަޅު ނުވަނީސް އޭނާ ހަލާކުކޮށްލާނެ ކޯޗެއް ނޫން. ނާއްޓޭ ބޭނުންކުރާނީ އެއްކޮށް ރަނގަޅުވުމުން. ރިޒޭ ހުރީ އާއިލާ ކަމެއްގައި ޓީމާ ދުރުގައި،" ސާންތީ ބުންޏެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.