Roadha Mihaaru
ރައީސް ޔާމީން ސައުދީ އަށް ފުރާވަޑައިގެންފި

އަރަބި އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ސައުދީ ފުރާވަޑައިގެންފި

20 މެއި 2017

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މި ސަމިޓް ކުރިއަށް ގެންދާނީ ސައުދީގެ ވެރިރަށް ރިޔާޒްގަ އެވެ. އެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްލާމީ ގިނަ ގައުމުތަކެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ސަމިޓްގައި ރައީސް ޔާމީން މާދަމާ ހަވީރު ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި އަރަބި އިސްލާމީ އުއްމަތާއި އެމެރިކާއާ ގުޅިފައިވާ އެލަޔަންސެއް އުފެއްދުމަށްޓަކައި ބާއްވާ މި ސަމިޓުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ތަގްރީރު ކުރައްވާނެ އެެވެ.

ރައީސް ޔާމީންގެ އަރިހުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަސީރު ވެސް ސައޫދީ އަށް ފުރާވަޑައިގެންނެވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ރައީސް ޔާމީން ވަނީ ސައުދީ އަށް ވަޑައިގެން، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ ބައްދަލު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އެންމެ ގާތްގުޅުމެއް އުފެދިފައިވާ ސައޫދީ އަށް އެމަނިކުފާނު ފުރާވަޑައިގެންނެވިއިރު، ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމަށް، ސައޫދީގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއާ އެކު ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމަށް ރައީސް ޔާމީން ވަނީ މި މަހު ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަރަމްކޯ އިން ސާފު ނުކުރާ ތެޔޮ ރާއްޖެ އަށް ދޭނެ ކަމަށް މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ.

މި މަހުގެ ފަސްވަނަދުވަހުގެ ރޭ ބޭއްވި ޕީޕީއެމް ކޯލިޝަންގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އޭރު ހުންނެވީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ސައޫދީގެ ވެރިރަށް ރިޔާޒުގައި ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރައްވާ ހިސާބުން، ރާއްޖޭގައި ތެލުން އުފައްދާ ބާވަތްތަކުގެ އަގު ހެޔޮވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

"އެކަން ވެއްޖެ ކަމަށްވާނަމަ، ތެލުން އުފައްދާ އެއްޗެހީގެ އަގު ހެޔޮ ކުރެވޭނެ،" ކަރަންޓުގެ އަގު ހެޔޮވާނެ ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ސައޫދީ އަށް ވަޑައިގަންނަވާއިރު، އެ ގައުމުގެ ރަސްގެފާނު ސަލްމާން މިދިޔަ މާޗްމަހު 18 ގައި ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވި ނަމަވެސް އެ ދަތުރުފުޅަށް ރާއްޖެ އިން ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ވަނީ ދަތުރުފުޅު ފަސްކުރައްވައިފަ އެވެ. ދިވެހި ސަރުކާރުން ބުނެފައި ވަނީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރާއްޖޭގައި އޭރު ފެތުރެމުންދިޔަ ހުމުގެ ރޯގާއާ ގުޅިގެން ކަަމަށެވެ.