02 މެއި 2017
ރައްޔިތުން ވަކިވަކިން އާދޭސް ނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން ވަކިވަކިން އާދޭސް ނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި މިވަގުތު އިންޑިއާގައި ހުންނެވި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ރައްޔިތުން ސަރުކާރެއް ހޮވަނީ އެ މީހުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރުމަށެވެ. އެ ކަންކަން ނުކޮށްދެވޭނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނާއި ހަމަޔާއި އިންސާފުގެ ބޭރުން ސިޔާސީ ވާދަވެރިންނަށް އެކި ގޮތް ގޮތުން ދަތިކޮށް، ފުލުސް އޮފީހަށާއި ކޯޓުތަކަށް ރެ އާއި ދުވާލު ގެންގޮސް، ގޭގައި ނުވަތަ ޖަލުގައި ބަންދުކޮށް އެކިއެކި ބޮޑެތި އަނިޔާތައް ދެމުން ގެންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނާ ޚިލާފަށް މެމްބަރުންނާ މެދު އަމަލު ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ މި ހުރިހާ ގާނޫނާ ޚިލާފު، އަދި މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ ތައާރުޒުވާ އަދި ޑިމޮކޮރެޓިކް ހަމަތަކާ ފުށުއަރާ ނާއިންސާފު އަމަލުތައް ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. މިކަން އަޅުގަނޑު ފޮނުވާފައިވާ ސިޓީތަކާއި ނެރެފައިވާ ބަޔާންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން ފެންނާން ހުންނާނެ އެވެ،" ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންނަވާފައިވާ މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލިހުގެ މެމްބަރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ހައްޔަރު ނުކުރުމަށާއި ޝަރީއަތައް ނުގެންދިއުމަށާއި ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ހޯދައި ދިނުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.
އެހެން ކަމުން ވަކި ބޭފުޅަކު މިނިވަން ކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވުި އެވެ.
"މި ވޭތުވެ ދިޔަ ދެތިން އަހަރު ތެރޭގައި އެކިއެކި ބޮޑެތި ގައުމީ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑު އެ ފަރާތަށް ސިޓީ ފޮނުވާފައިވާނެ ކަން ދިވެހި ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް އަޅުގަނޑަކަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ،" ރައީސް ޔާމީނަށް އެކި ފަހަރު މަތިން ފޮނުއްވި ސިޓީތަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލައްވަމުން ވަނީ އެއްވެސް ކަމަކާ ބެހޭ ގޮތުން ރައީސް ޔާމީނަށް ސިޓީ ނުފޮނުއްވާނެ ކަން ހާމަކުރައްވައިފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ނަންފުޅެއް އެމަނިކުފާނު ބަޔާނުގައި ހާމަކުރައްވާފައެއް ނުވެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތަށް އެމަނިކުފާނު މިނިވަންކުރަން ބޭނުންވާ ނަމަ، އިދިކޮޅު ސިޔާސީ ލީޑަރުން އެކަމަށް ވަކިވަކިން އެދިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
މައުމޫނާއި ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ސަރުކާރާ ދެކޮޅު ކޯލިޝަނެއް އުފެއްދި ފަހުން، ތަފާތު ތުހުމަތުތަކުގައި ސިޔާސީ ލީޑަރު ފުލުސް އޮފީހަށް ހާޒިރުކޮށް، އަދި ބައެއް ބޭފުޅުންނަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. މިހާރު ވެސް ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް އެބަ ކުރިއަށް ގެންދެ އެވެ. އަދި ގާސިމް މިހާރު ވެސް ހުންނެވީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ.
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓަންޖެހޭ: މައުމޫން
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
މި ހިތްވަރެއް ނޭލޭނެ: މައުމޫން
ޕީޕީއެމް ހިންގާނެ ބޭފުޅަކު ކަނޑަނޭޅި ހައްގު ގެއްލެނީ!
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟
ކޯޓުގައި ޕީޕީއެމް ތަމްސީލްކުރަން ވަކީލުންގެ ޓީމެއް
ޕީޕީއެމަށް އަލުން ސޮއިކޮށް، އެސްޖީ ކަމަށް މަތީން