Roadha Mihaaru
ދައުވާގެ ބޭނުމަކީ އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވުން

ދައުވާތަކުގެ ބޭނުމަކީ އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަަސްއެޅުން: އެމްޑީޕީ

13 އެޕްރީލް 2017

ސިޔާސީ ލީޑަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ދައުވާތައް އުފުލަނީ ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓުތަކަށް ހުރަސްއަޅަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ލީޑަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ދައުވާތައް އުފުލަނީ ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓުތަކަށް ހުރަސްއަޅަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދައުވާކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ސިޔާސީ ފަރާތްތަކަަށް ނާއިންސާފު ދައުވާކޮށް ޖަލަށް ލަމުން ދަނީ ރައްޔިތުންގެ މެދުގައި ރައީސް އަބްދުﷲ ޔާމީންގެ މަގުބޫލުކަން ނެތުމުންނެވެ.

ރައީސް ޔާމީންގެ ސިޔާސީ ބާރާއި ރައްޔިތުންގެ މެދުގައި މަގުބޫލުކަން ގެއްލެމުންދާ މަންޒަރު ސާފުކޮށް ފެންނަ އިރު މުއައްސަސާތައް ކިލަނބުކޮށް، ޑިމޮކްރަސީ ނެތިކޮށް، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލައި އަދި މަޖިލިސް މެމްބަރުންނަށް ބިރު ދައްކައި މުޅި ދައުލަތް ގަޑުބަޑުވާން ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ހުށަހެޅުމާ އެކު ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމަށެވެ.

ސަަރުކާރުގެ މެޖޯރިޓީ ކުޑަވަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް ކުއްލިއަކަށް ބަދަލު ގެނެސް މިހާރު ހަމަޖައްސާފައި ވަނީ 42 މެމްބަރެއްގެ ސޮއި ނެތި، މަޖިލިހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށެވެ.

ގަވާއިދަށް އިސްލާހު ގެނައީ މަސީހުގެ އިތުބާރު ނެތްކަމަށް ފުރަތަމަ ހުށަހެޅި މައްސަލަ، ނަން އިއްވައިގެން ނެގި ވޯޓަކުން ސަރުކާރު ފަޅިން ކާމިޔާބުކޮށްފައި ވަނިކޮށް، އިދިކޮޅު ފަރާތްތަކުން އަލުން އެ މައްސަލަ ހުށަހެޅުމުންނެވެ.

މަސީހުގެ ވޯޓާ ގުޅިގެން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އެތައް ތުހުމަތެއްކޮށް އޭނާ ދޫނިދޫގައި ބަންދު ވެސް ކުރި އެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.

"ގާނޫނާ ހިލާފް ބަންދެއްގައި ބަހައްޓައިގެން ނެގި ބަޔާންތަކަކަށް ބިނާކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެ އެވެ. އެހެންކަމުން އެ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލަށާއި ސަރުކާރަށް ގޮވާލަމެވެ. އަދި ނުހައްގުން އެމަނިކުފާނު ޖަލުގައި ހައްޔަރުކޮށް ބެހެއްޓުމުގައި ބައިވެރިވި އެންމެހައި ފަރާތްތައް އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމުގައި ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.