Roadha Mihaaru
ވިންޑޯޒް ވިސްޓާ ހުއްޓާލައިފި

މައިކްރޮސޮފްޓުން ވިންޑޯޒް ވިސްޓާ ހުއްޓާލައިފި

12 އެޕްރީލް 2017

ވިންޑޯޒް ވިސްޓާއަށް ސަޕޯޓް ދިނުން އިއްޔެ މައިކްރޮސޮފްޓުން ހުއްޓާލައިފި އެވެ. ވިންޑޯޒް ވިސްޓާގެ އެންމެ ކުރިން ނެރުނު މޮޑިއުލްތަކަށް ސަޕޯޓްދިނުން އޭޕްރީލް 10، 2012 ގައި ހުއްޓާލާފައި ވި ނަމަވެސް، ބައެއް "ސާވިސް ޕެކް"ތަކަށް ޚިދުމަތްދޭ އެންމެ ފަހު ދުވަކީ އޭޕްރީލް 11 ކަމަށް މައިކްރޮސޮފްޓުން ކަނޑައަޅައި މީގެ ފަސް އަހަރު ކުރިން ވަނީ ތާވަލްކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް ވިސްޓާއަށް ސަޕޯޓް ދިނުން އިއްޔެ މައިކްރޮސޮފްޓުން ހުއްޓާލައިފި އެވެ. ވިންޑޯޒް ވިސްޓާގެ އެންމެ ކުރިން ނެރުނު މޮޑިއުލްތަކަށް ސަޕޯޓްދިނުން އޭޕްރީލް 10، 2012 ގައި ހުއްޓާލާފައި ވި ނަމަވެސް، ބައެއް "ސާވިސް ޕެކް"ތަކަށް ޚިދުމަތްދޭ އެންމެ ފަހު ދުވަކީ އޭޕްރީލް 11 ކަމަށް މައިކްރޮސޮފްޓުން ކަނޑައަޅައި މީގެ ފަސް އަހަރު ކުރިން ވަނީ ތާވަލްކޮށްފަ އެވެ.

މުޅި ދުނިޔޭގައި ވިންޑޯޒް ބޭނުންކުރާ އާބާދީއަށް ބަލާއިރު، ވިސްޓާ މިހާރު ބޭނުންކުރަނީ 0.72 ޕަސެންޓް ކަމަށް "ނެޓްމާކެޓްޝެއާ"އިން ދައްކަ އެވެ. ވިންޑޯޒް ވިސްޓާއަށް ވުރެ "ވިންޑޯޒް އެކްސްޕީ" އަދި ވެސް މަޝްހޫރެވެ. ބޭނުންކުރާ މީހުން ވެސް ގިނަ އެވެ. ނެޓްމާކެޓްޝެއާ އިން ދައްކާ ގޮތުގައި، ވިންޑޯޒް ބޭނުންކުރާ އަބާދީގެ 7.44 ޕަސެންޓް އަދި ވެސް ވިންޑޯޒް އެކްސްޕީި ބޭނުންކުރެ އެވެ. ވިންޑޯޒް އެކްސްޕީ އަކީ ވިންޑޯޒް ވިސްޓާ އަށް ވުރެ މުސްކުޅި އަދަދެކެވެ.

ވިންޑޯޒް ވިސްޓާ މާކެޓަށް ނެރެފައި ވަނީ ޖެނުއަރީ 30، 2007 ގަ އެވެ. ވިސްޓާ އަށް އިންތިޒާރުކޮށްގެން އެއިރު ވަރަށް ގިނަ ބަޔަކު ތިއްބެވެ. ވިންޑޯޒް އެކްސްޕީ އަށް ވުރެ ފުރިހަމަވާނެ ކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ވިސްޓާ ވެފައި ވަނީ މައިކްރޮސޮފްޓުން ދުވަހަކު ވެސް ނުއުފައްދާ ވަރުގެ އުނދަގޫ އެހައި ޖެއްސުން ބޮޑު އޮަޕަރޭޓިން ސިސްޓަމަކަށެވެ.

ވިންޑޯޒް ވިސްޓާ އަށް ބޭނުން ޖެހޭ ހާޑްވެއާ ވަރުގަދަވުމާއި މަތީ އަދަދަކަށް ރޭމް ބޭނުންކުރަން ޖެހުން ވެސް ވެފައި ވަނީ ވިސްޓާ އަށް މީހުން ބަލާލަން ވެސް ބޭނުން ނުވި ސަބަބަކަށެވެ.

މައިކްރޮސޮފްޓް ވިސްޓާގައި އަދަދުތައް ގިނަވުން ވެސް ބައްޔަކާ އެއްފަދަ ކުރެވުނެވެ. "ވިންޑޯޒް ވިސްޓާ: ސްޓާޓާ، ހޯމް ބޭސިކް، ހޯމް ޕްރީމިއަމް، ބިޒްނަސް، އެންޓާޕްރައިޒް އަދި އަލްޓިމޭޓް" އެވެ. މި އަދަދުތައް ތަފާތު އަގުތަކުގައި މައިކްރޮސޮފްޓުން ވިއްކިއިރު، އަދަދެއް އިޚްތިޔާރުކުރުން ވެސް ވީ ގަދަ ވޭނަކަށެވެ.

ވިންޑޯޒް ވިސްޓާ އާންމުކުރުމާ އެކު ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން މައިކްރޮސޮފްޓަށް ގޮތް ހުސްވި އެވެ. ފިސާރި ތެދެކެވެ. ވިންޑޯޒް 7 އުފައްދަން މައިކްރޮސޮފްޓަށް މަޖުބޫރުކުރުވީ ބޭނުންކުރާ މީހުން ވިސްޓާ އަށް ކުރި ފުރައްސާރަ އާއި ނަފުރަތެވެ.

މައިކްރޮސޮފްޓުން އަދި ވަރަށް މޮޅު ފީޗާއެއް ކަމަށް ދެކި ވިންޑޯޒް ވިސްޓާގައި ތައާރުފުކުރި "ޔޫޒާ އެކައުންޓް ކޮންޓްރޯލް"، (ޔޫއޭސީ) ވެގެން ދިޔައީ، އަރައިގަންނަ ރުޅީގައި ސްކްރީން ވީދާލަން ވެސް މެދުވެރިވި "މޮޅު"ކަމަކަށެވެ. އެ ފީޗާގެ ސަބަބުން މައުސްގައި އަތްލެވޭ ގޮތަކުން، ފިތާލެވޭ ފިތަކުން ވެސް "އެކަން ކުރީ ކާކު"ތޯ އަހަ އެވެ. ސީޑީ ރޮމް ހުޅުވާލިޔަސް އަދި އެޑްމިނިސްޓްރޭޓާ އަށް ލިބިދީފައި ހުރި ބާރެއް ބޭނުންކުރި ނަމަވެސް، އެކަން ކުރި މީހަކު ވިންޓާ އަށް އެނގެން ބޭނުންވެ އެވެ.

މިއަދު ހަގީގަތުގައި، މައިކްރޮސޮފްޓުން ވިންޑޯޒް ވިސްޓާ ހުއްޓާލާ ޚަބަރު ލިބުމުން އެތައް ބަޔަކު އުފާކުރާނެ އެވެ.

ވިންޑޯޒް ވިސްޓާއާ އެކު އިންޓަނެޓް އެކްސްޕްލޯރާ 9 ވެސް ވަޅުލެވި ދާނެ އެވެ. ވިސްޓާ އަށް ސެކިޔުރިޓީ އަޕްޑޭޓް ދިނުން ފަދަ މުއާމަލާތެއް މައިކްރޮސްފްޓުން ދެން ނުކުރާނެ އެވެ. ނަތީޖާއަކަށް ވާނީ އަލަށް އުފައްދާ ވައިރަސްތައް، ވިސްޓާ އަށް އަރައި ރޯގަޖެހުން އަވަސްވުމެވެ.