Roadha Mihaaru
މޯލްޑިވިއަން އިން ގަމުން ހަތަރު ސިޓީއަކަށް

މޯލްޑިވިއަން އިން ގަމުން ހަތަރު ސިޓީއަކަށް ޓިކެޓް ވިއްކަން ފަށައިފި

11 އެޕްރީލް 2017

މޯލްޑިވިއަން އިން މާލެ މެދުވެރިކޮށް އިންޑިއާގެ ޓްރިވެންޑްރަމަށާއި ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާ އަށާއި ތައިލެންޑްގެ ބެންކޮކަށް ސ. ގަމުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން އިން މާލެ މެދުވެރިކޮށް އިންޑިއާގެ ޓްރިވެންޑްރަމަށާއި ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާ އަށާއި ތައިލެންޑްގެ ބެންކޮކަށް ސ. ގަމުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

ގައުމީ އެއާލައިނުން ގަމާއި ޓްރިވެންޑްރަމާ ދެމެދު ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓެއް ވިއްކަނީ 286 ޑޮލަރު (4،410ރ) އަށެވެ. ޗެންނާއީ އަށް 328 ޑޮލަރު (5،057ރ) އަށް ދެކޮޅު ޓިކެޓެއް ވިއްކާއިރު، ޑާކާ އަށް 545 ޑޮލަރު (8،403ރ) އަށް އަދި ބެންކޮކް ޓިކެޓެއްގެ އަގަކީ 492 ޑޮލަރު (7،586ރ) އެވެ.

މޯލްޑިވިއަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫން އެ ހަތަރު ސިޓީ އަށް ދަތުރުކުރަން ބޭނުންވާ މީހުން މާލެ އައިސް އެއާޕޯޓުގައި މަޑުކުރަން ޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.

"އަޅުގަނޑުމެން މި އަގުތައް ހެދިއިރު ވަރަށް ބޮޑަށް ބަލާފައިވާނެ ގަމާއި މާލެއާ ދެމެދު ވިއްކާ ޓިކެޓަށާއި މަޑުކުރަން ޖެހޭ ވަގުތަށް. މި އަގުތަކަކީ ވަކިވަކިން ޓިކެޓް ގަނެގެން ދަތުރުކުރުމަށް ވުރެ ވަރަށް ބޮޑު ތަން ހެޔޮ އަގުތަކެއް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެގޮތަށް ދަތުރުތައް ހަމަޖެއްސީ ސީދާ އައްޑޫން ދަތުރުކުރަން ބޭނުންވެގެން ގިނަ ބަޔަކު އެދެން ފެށުމުން ކަމަށެވެ.

"މިހާރު އެ ހަތަރު ސިޓީ އަށް ދަތުރުކުރަން ބޭނުންވާ މީހުން މާލެ އައިސް ތަނެއް ކުއްޔަށް ހިފައިގެން މަޑުކުރާކަށް ނުޖެހޭނެ. އެއާޕޯޓުގައި ވަރަށް ކުޑަ ވަގުތުކޮޅަކަށް މަޑުކުރުމަށް ފަހު ފުރައިގެން ދެވޭނެ. މިއީ އައްޑޫގެ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފަސޭހައެއް،" އޭނާ ވިދާޅުވި އެވެ.