Roadha Mihaaru
ފަހުގެ ޕްރައިމަރީން ބާރު ލިބުނީ ގާސިމަށް: ޒަމީރު

ފަހުގެ ޕްރައިމަރީން ބާރު ލިބުނީ ގާސިމަށް: ޒަމީރު

16 ޖޫން 2016

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދޭން ބޭފުޅަކު ހޮވުމަށް ބޭއްވި ޕްރައިމަރީން "ހުރިހާ މޮޅެއް" ލިބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދޭން ބޭފުޅަކު ހޮވުމަށް ބޭއްވި ޕްރައިމަރީން "ހުރިހާ މޮޅެއް" ލިބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޒަމީރު އެހެން ވިދާޅުވިއިރު، 2013 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރައްވައި ލިބުނު ނާކާމިިޔާބާ އެކު، ޔާމީނަށް ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވުމުން އުމަރު ޕީޕީއެމުން ވަކިކުރީ އެވެ.

ނަތީޖާއަކަށް ވީ، އެފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި އުމަރު ބައިވެރިވެވަޑައިގަތުމެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން، ހޯމް މިނިސްޓަރުކަމުގެ މަގާމަށް އުމަރު ވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.

ކުރިއަށް އޮތް 2018ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ދެއްވުމާ ގުޅޭ ބަހުސް ހޫނުވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، 2013ގެ ޕްރައިމަރީން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.

އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް ވަރުގަދަކޮށް، އެއްބައިވަންތަ ކުރުވުމަށްޓަކައި 2018ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭންޖެހެ އެވެ.

މިނިސްޓަރު ޒަމީރުގެ ޓްވީޓް

ޒަމީރު މިހެން ވިދާޅުވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ދެއްވުމަށް އެދި އެ ޕާޓީގެ ކައުންސިލް މެމްބަރުންތަކެއް އަންނަނީ މައުމޫނަށް ފޮނުވާ ލިޔުމެއްގައި ސޮއިކުރަމުންނެވެ. އެގޮތުން ކައުންސިލްގައި ހިމެނޭ 33 މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު އޭގައި ސޮއިކޮށްފައިވާ ކަމަށްވެ އެވެ.

ނަމަވެސް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅެއް ނޫނެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.