Roadha Mihaaru
ވިލިނގިލީ ކައުންސިލްގެ މެމްބަރުން އިދިކޮޅު އިއްތިހާދަށް

ވިލިނގިލީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރުން އިދިކޮޅު އިއްތިހާދާ ގުޅިއްޖެ

07 އެޕްރީލް 2017

ގއ. ވިލިނގިލީ ކައުންސިލްގެ ޕީޕީއެމްގެ ހަ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފި އެވެ.

ގއ. ވިލިނގިލީ ކައުންސިލްގެ ޕީޕީއެމްގެ ހަ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފި އެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ހަ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ޖަލްސާގައި ވިލިނގިލީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ މުހައްމަދު ފާރޫގު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ވިލިނގިލީ ކައުންސިލްގެ ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ނިސްބަތް ވަނީ ޕީޕީއެމަށެވެ. އެ ކައުންސިލްގައި ދެން ހުންނަވަނީ އެމްޑީޕީގެ ކައުންސިލަރެކެވެ.

ފާރޫގު މިއަދު "މިހާރު" އަށް ވިދާޅުވީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ ހުރިހާ މެމްބަރުން އަބަދުވެސް ތާއީދު ކުރައްވަނީ މައުމޫނަށް ކަމަށާއި ރައީސް ޔާމީނަށް އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން، ދެން ރައީސް ޔާމީނާ އެއްކޮޅަށް މަސައްކަތް ކުރެއްވުމުގެ މާނައެއް ނެތް ކަމަށެވެ.

އެމްޑީޕީން ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށު ކައުންސިލްގެ ޕީޕީއެމްގެ މެމްބަރުން، އެމްޑީޕީގެ އިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާ އެކު ފޮޓޯއެއް ނަންގަވަނީ.

އެމްޑީޕީން ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށު ކައުންސިލްގެ ޕީޕީއެމްގެ މެމްބަރުން، އެމްޑީޕީގެ އިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާ އެކު ފޮޓޯއެއް ނަންގަވަނީ.

"އަޅުގަނޑުމެން ހަ މީހުންނަކީ ވެސް ރައީސް މައުމޫނަށް ތާއީދުކުރާ މީހުން. އަޅުގަނޑުމެންނަކީ ސައުދު [ވިލިނިގިލި ދާއިރާގެ މެމްބަރު] ގެ ޓީމުގެ މީހުން. މި ރަށުގައި ޕީޕީއެމް ލީޑް ކުރައްވާ ބޭފުޅަކީ ސައުދު. ރައީސް މައުމޫން މިހާރު އިދިކޮޅު ކޯލިޝަނާ އެކު އެއްބސްވުމެއް ހައްދަވައިފި. ސައުދު ވެސް އެ ކޯލިޝަނާ ގުޅިވަޑައިގެންފި. ދެން ރައީސް ޔާމީނަށް ތާއީދުކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭ ސަބަބެއް ނުވިސްނޭ،" ފާރޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަރުން ބައިވެރިވި މައިގަނޑު ސަބަބަކީ އެހެން ރަށްރަށުގައި ތިބި މައުމޫންގެ ސަޕޯޓަރުންނަށް ވެސް މެސެޖެއް ދިނުމެވެ. އެއީ މިވަގުތު ސިޔާސީ ގޮތުން އެންމެ ރަނގަޅު އަދި ގައުމަށް އެންމެ ތެދުވެރި ޕްލެޓްފޯމަކީ އިދިކޮޅު ކޯލިޝަން ކަން އާންމުންނަށް އަންގައި ދިނުމުގެ މެސެޖް ކަން ފާރޫގު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވިލިނގިލި ދާއިރާ އިދިކޮޅު އިއްތިހާދު ނުވަތަ ސައުދުގެ ޓީމުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ޕްރައިމަރީން ހޮވުނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް ވިޔަސް ފާރޫހު ވިދާޅުވީ، ސައުދު ހުސެއިންގެ ޓީމުގެ އެހީތެރިކަމާއި އެއްބާރުލުން ދެން ލިބޭނީ މައުމޫން ގުޅިވަޑައިގެންފައިވާ ކޯލިޝަނަށް ކަމަށެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވެސް ވަނީ މިދިޔަ ހަފުތާގައި އެ ބޭފުޅުންނާ ގުޅިވަޑައިގެންފަ އެވެ.

ވިލިނގިއްޔަކީ މައުމޫންގެ މަންމާފުޅުގެ އާއިލާ ނިސްބަތްވާ އަދި މައުމޫނަށް ތާއީދު ބޮޑު ރަށެކެވެ.