Roadha Mihaaru
ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް

މެމްބަރު ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް

07 އެޕްރީލް 2017

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.

ތަފާތު މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އާއި އެތަނުގެ ބައެއް މުވައްޒަފުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާތީ، އާންމުންގެ އެހީތެރިކަމަށް އެދި ހުޅުވާފައިވާ ފަންޑަށް 50،000ރ. ހަދިޔާ ކުރަން ނިޒާރު ނިންމެވިއިރު، އިއްޔެ ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ އަބުރުގެ ގާނޫނުގެ ދަށުން ކުރި މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަންޖެހެ އެވެ. ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެން މައްސަލަ ބެލުމަށް ފަހު، ކުރި ބޮޑު ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ރާއްޖެ ޓީވީގެ ލައިސަންސް ބާތިލް ކުރަން ނުވަތަ ސަސްޕެންޑް ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާނެ އެވެ. ޖޫރިމަނާ ކުރި މައްސަލަ ރާއްޖެ ޓީވީ އަށް އިސްތިއުނާފު ކުރެވޭނީ ވެސް އެއް މިލިއަން ރުފިޔާ ދެއްކުމަށް ފަހު އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ނިޒާރު މިއަދު ވިދާޅުވީ އޭނާ އަށް މަޖިލިހުން ލިބިވަޑައިގަންނަވާ 75،000ރ. ގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. އަބުރު ފަންޑަށް ހަދިޔާ ކުރަން ނިންމެވީ މީޑިއާތަކުގެ ހިމާޔަތުގައި ކަމަށެވެ.

"މިއީ ދިވެހި ރައްޔިތެއްގެ ގޮތުގައި އަޅުގަނޑު ދޭ ހަދިޔާއެއް. މަޖިލިސް މެމްބަރެއް ވީމާ ދޭ އެއްޗެއް ނޫން. މި ގޮތަށް ކޮންމެ ފަހަރަކު ފައިސާ ދިނުމަކީ ހައްލެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ މިގޮތަށް މީޑިއާތަކާ ދެކޮޅަށް ހިންގާ ކަންކަން ހުއްޓުވުން،" އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ފ. މަގޫދޫގައި ހުންނެވި ނިޒާރު ވިދާޅުވި އެވެ.

"މި ވާހަކަ ދައްކައި، މީޑިއާތަކަށް މިކުރާ ޖެއްސުން ހުއްޓުވުން އަޅުގަނޑުގެ ބޭނުމަކީ. މި ވާހަކަ ގިނަގިނައިން ދެއްކުމަކީ ވެސް ރާއްޖޭގައި މީޑިއާތަކާ ދެކޮޅަށް ކަންކަން ހިންގަމުންދާކަން ހާމަވާނެ ކަމެއް. މި ވާހަކަ ގިނަގިނައިން ދައްކަންޖެހޭ."

އޭނާ ވިދާޅުވީ މިގޮތަށް ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާ ކުރުމަކީ ޑިމޮކްރެސީ އަށް ވަރަށް ބޮޑު ހުރަކަށް ވާނެ ކަމަށެވެ. އެހެންވެ މީޑިއާތައް ސަލާމަތް ކުރުމަށްޓަކައި އެންމެންގެ އެއްބާރުލުމަށް ނިޒާރު ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވީ ހުދުމުހުތާރު ވެރިކަން ކުރާ ގައުމުތަކުގައި މީޑިއާތަކާ ދެކޮޅަށް ކަންކަން ހިންގާނެ ކަމަށާއި މިއަދު ރާއްޖެ އިން ފެންނަނީ އެކަން ކަމަށެވެ. އަދި މީޑިއާ އަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ބަދަލަކާ އެކު މީޑިއާތަކަށް އުނދަގޫކޮށް ހެދުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީ އިއްޔެ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރިއިރު، އެ ސްޓޭޝަނަށް ކުރިން އައި 250،000ރ. ޖޫރިމަނާ ދެއްކީ ވެސް އިއްޔެ އެވެ.

ރާއްޖެ ޓީވީން ބުނީ އެ ފައިސާ ވެސް ދެއްކީ އަބުރު ފަންޑަށް އެކި ފަރާތްތަކުން ދިން އެހީތެރިކަމާއެކު ކަމަށެވެ.