Roadha Mihaaru
އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް

އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް

29 މާޗް 2017

އަރަބި ގައުމުތަކުގެ އެންމެ އިސް ވެރިން ޖޯޑަންގައި މިއަދު ބައްދަލު ކުރައްވާއިރު ފަލަސްތީނުގެ މައްސަލަ އަށް އެ ބޭފުޅުން ބޭނުންވަނީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރެވޭ ފަދަ ހައްލެކެވެ.

އަރަބި ގައުމުތަކުގެ އެންމެ އިސް ވެރިން ޖޯޑަންގައި މިއަދު ބައްދަލު ކުރައްވާއިރު ފަލަސްތީނުގެ މައްސަލަ އަށް އެ ބޭފުޅުން ބޭނުންވަނީ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރެވޭ ފަދަ ހައްލެކެވެ.

މިއަދުގެ ބައްދަލުވުމުގައި ނިންމުމަށް ހަމަޖެހިފައިވާ ކަންތަކާ ގުޅޭ ގޮތުން އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ވޭތުވެ ދިޔަ ތިން ދުވަހު މަޝްވަރާ ކުރައްވައިފަ އެވެ. ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތަކުން ފައިދާކުރެވުނު މައިގަނޑު އޮއްޓަރަކީ، އަރަބީންގެ މެދުގައި ހުރި ތަފާތުތައް އެ ގޮތުގައި ހުރި ކަމުގައި ވިޔަސް، ފަލަސްތީނުގެ މައްސަލައާ މެދު ހުރިހާ އަރަބިން އެކައްޗެއް ކިޔުމެވެ.

އަރަބި ގައުމުތަކުގެ ވެރިން ފަލަސްތީނުގެ މައްސަލައާ މެދު ގުޅިފައިވާ އެއްބަސްވުމަކަށް އަންނަން ނިންމާފައިވާ އިރު، އިޒްރޭލުގެ އެންމެ ބޮޑު މަދަދުވެރިޔާ ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އަރަބި ގައުމުތަކުގެ މެދުގައި ދޭދޭ އަރާރުންތައް ހުރި ކަމުގައި ވިޔަސް، މިއަދު ބާއްވާ ސަމިޓަކީ މި ފަހަކަށް އައިސް ބާއްވާ އެންމެ ކާމިޔާބު ބައްދަލުވުމަށް ވާނެ ކަމަށް ބެލެވެ އެވެ. އެއީ މިއަދުގެ ސަމިޓްގައި ބައިވެރިވާ ގައުމުތަކުގެ އަދަދާއި ބައިވެރިވާ އެންމެ އިސް ވެރިންގެ އަދަދު ވެސް މަތިވީމަ އެވެ.

މިއަދުގެ ސަމިޓްގައި، ޔަމަނާއި ސީރިޔާ ގައި މިހާރު ހިނގަމުން ދާ ހަނގުރާމަ އާއި އަރަބި ގައުމުތަކުގައި އޮތް އީރާންގެ ނުފޫޒާ ބެހޭ ގޮތުން މާ ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވޭނެ ކަމަކަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި ހުރިހާ ވެރިންގެ ވެސް މައިގަނޑު އަމާޒަކަށް ހައްދަވާނީ ފަލަސްތީނުގެ މައްސަލައިގައި ގުޅިފައިވާ ސިޔާސަތެއް އިއުލާން ކުރެއްވުމަށެވެ.

އެއީ މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން، އެމެރިކާގެ މިހާރުގެ ސަރުކާރާ އެކު މަޝްވަރާތައް ބާއްވާ އިރު، ފަލަސްތީނާ މެދު އަރަބިން ގެންގުޅޭ ސިޔާސަތަކީ ކޮބައިކަން އެނގިފައި އޮތުމަށްޓަކަ އެވެ. އަދި މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމުގައި އަރަބިން ބުނާ ބުނުން އަދިވެސް އޮތީ އެ ގޮތުގައި ކަން އެމެރިކާ އަށް ސާބިތުކޮށްދިނުމަށްޓަކަ އެވެ.

އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޓްރަމްޕު ވިދާޅުވެފައިވަނީ، އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އޭނާގެ ވެރިކަމެއްގައި ގުދުސަށް ބަދަލު ކުރާނެ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ، ގުދުސަކީ އިޒްރޭލުގެ މުސްތަގުބަލުގެ ވެރިރަށް ކަމުގައި އިޒްރޭލުން ބުނާ ބުނުމަށް ތާއީދު ކުރުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ އެ ސިޔާސަތަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އިރުމަތީ ގުދުސަކީ ފަލަސްތީނު ދެކޭ ގޮތުގައި އެމީހުންގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އިޒްރޭލުން އިރުމަތީ ގުދުސް ހިފައި އަޅުވެތި ކުރީ 1967 ވަނަ އަހަރު އަރަބީންނާ ދެކޮޅަށް ކުރި ހަނގުރާމައިގަ އެވެ. ބައިނަލްއަގުވާމީ މުޖްތަމައުން އެ ކަމަށް ދެކޮޅު ހަދަމުންދާ އިރު ވެސް، އެ ބިމުން ފައިބަން އިޒްރޭލު ނުވިސްނަ އެވެ.

މިދިޔަ މަހުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް ޓްރަމްޕާ އެކު ކުރެއްވި މަޝްވަރާތަކުގައި ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ބަދަލުގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ދައުލަތް ގާއިމު ކުރުމަށެވެ.

އަރަބި ވެރިންގެ ސަމިޓް ކުރިއަށް ދާނީ ޖޯޑްންގައި އޮންނަ ޑެޑް ސީގެ އައްސޭރި ރިސޯޓެއްގަ އެވެ. އެ ސަރަހައްދުގައި ތިބޭ އިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހަދާފައިވާ ޔަހޫދީންގެ އާބާދީތައް ހަމަލޮލަށް ފެންނާނެ އެވެ.