Roadha Mihaaru
ވަތްކެއް ނުކުރެވޭނެ، އިންތިހާބީ ރައީސަކީ އަޅުގަނޑު: މައުމޫން

ވަކިކުރުމުގެ ބާރު ދަރުބާރު ފެކްޝަނަކަށް ނެތް، އަޅުގަނޑަކީ އަދިވެސް އިންތިހާބީ ރައީސް: މައުމޫން

26 މާޗް 2017

ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރު ފެކްޝަނަށް ނެތް ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަކިކުރަން ކައުންސިލުން މިއަދު ނިންމި ނިންމުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރު ފެކްޝަނަށް ނެތް ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަކިކުރަން ކައުންސިލުން މިއަދު ނިންމި ނިންމުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.

ދަރުބާރު ފެކްޝަން ކަމަށް މައުމޫން އެ އިޝާރާތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ދަރުބާރުގޭގައި ހިންގަމުންދާ އެ ޕާޓީގެ ހަރަކާތްތަކަށެވެ. މައުމޫން ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މިއަދު ގަރާރެއް ހުށަހަޅައި ފާސްކުރީ ވެސް ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގަ އެވެ.

ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރަން ފާސްކުރީ 26 ވޯޓުންނެވެ. ކައުންސިލަށް ހާޒިރުވީ މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫނާ އެކު 27 ބޭފުޅުންނެވެ. މަސްލަހަތު ފުށު އަރާ ވޯޓަކަށް ވާތީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ޣައްސާން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މައުމޫން ޕާޓީން ވަކިކުރަން ކައުންސިލުން ނިންމި ނިންމުން، ސުލޫކީ ކޮމެޓީ އަށް ހުށަހަޅާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޕާޓީން ވަކިވާނީ ސުލޫކު ކޮމިޓީން ނިންމުމުންނެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އަދި ބާރުވެރިކަމެއް ދަރުބާރު ފެކްޝަނަށް ލިބިގެން ނުވާ ކަމަށެވެ. މާތްﷲގެ ވާގިފުޅާ އެކު އެ މަނިކުފާނަކީ އަދިވެސް ޕާޓީގެ ރައީސް އަދި މެމްބަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫންގެ ޓުވީޓް:

ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރަން ކައުންސިލުން މި ނިންމީ، އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުންނެވެ.

ރައީސް ޔާމީންގެ ފަޅީގައި ތިއްބެވި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެ ޕާޓީގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުގެ ހައިސިއްޔަތެއް މިހާރު މައުމޫނަށް ނެތް ކަމަށެވެ. މައުމޫން ވަކިކުރަން އެދި، ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ ހުކުމަށް ގޮންޖައްސަވައި، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށެވެ. ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތްކުރުމަކީ، ގަރާރުގައިވާ ގޮތުގައި ގާނޫނުއަސާސީ އާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުރަން ލާޒިމު ކަމެކެވެ. ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން މައުމޫން ހިލާފުވެ ވަޑައިގެންފައިވާ ކަމަށް ބުނެ އެ މަނިކުފާނު ވަކިކުރުމަކީ ގައުމީ މައްސަލައެއް ކަމުގައި ބަލައި އަވަހަށް ވަކި ކޮށްދޭން ގަރާރުގައި އެދިފައިވެ އެވެ.

އެ ގަރާރުގައި ބުނީ ސިވިލް ކޯޓުގެ އަމުރަށް ފުރިހަމަ އަށް ބޯލަނބައި ކިޔަމަންވުމަކީ ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން މައުމޫންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނަށް މައުމޫން ގޮންޖައްސަވަމުން ގެންދެވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓަން ހުރަސްތަކެއް ކުރިމަތިވެ ގައުމުގެ އަމަންއަމާން ކަމަށާއި ދާހިލީ އަމްނަށް ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

މައުމޫން ޕީޕީއެމުން ވަކިކުރި އިރު، ސަރުކާރު ހިންގާ ގޮތާ ދޭތެރޭ އެ މަނިކުފާނު ހިތްހަމަޖެހިވަޑައިނުގަތް މައްސަލައިގައި ރައީސް ޔާމީނާ ދެމެދު އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެ ހިޔާލު ތަފާތުވުންތަކުގައި އެކި ޖަލްސާތަކުގައި، ދެ ބޭފުޅުން ވަނީ ބަހުުގެ ހަމަލާތަކެއް ވެސް ބަދަލުކުރައްވައިފަ އެވެ.

މައުމޫން ފެކްޝަނުން ދެކޭ ގޮތުގައި ޕީޕީއެމްގެ ކައުންސިލް ބާއްވައި ރައީސްގެ މަގާމުން މައުމޫން ވަތްކެއް ނުކުރެވޭނެ އެވެ. އެ މަނިކުފާނު ޕާޓީގެ ރައީސް ކަމަށް ވަޑައިގަތީ ގައުމީ މަޖިލީހުގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުން ކަމަށް ވެސް މައުމޫން ފެކްޝަނުން ވަނީ ބުނެފަ އެވެ.

އެހެންވެ އެ މަނިކުފާނު ވަކިކުރުމުގެ ބާރު އޮތީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށް ވެސް މައުމޫން ފެކްޝަނުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.