Roadha Mihaaru

ބޮޑެތި ކަންކަމުގައި ފެންނަ ނުފެންނަ ވޯޓް ނަގާ ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރިފަރެންޑަމް ބިލު މަޖިލީހުން ފާސްކޮށްފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

15 ސެޕްޓެމްބަރ 2025

ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ ދައުރުން ބޭރު މިއަދު ބޭއްވި ފަސް ވަނަ ޖަލްސާގަ އެވެ. އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 76 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރި އިރު، ކޮމިޓީން ވަނީ ބިލަށް ބައެއް ބޮޑެތި ބަލުތައް ގެނެސްފަ އެެވެ.

އެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ވެސް ބިލު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އެފަދަ ވޯޓެއް ނަގާ ނަމަ އެ ވޯޓެއް ނަގަން ނިންމާ ތާރީހާއި ވޯޓު ނަގާ ދުވަހާ ދެމެދު އޮންނަންޖެހޭ މުއްދަތުތަކަށް ވެސް ކޮމެޓީން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ވަކި ސަރަހައްދެއްގައި ނަގާ ވޯޓުތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ.

ހިޔާލު ހޯދުމަށް ވޯޓަކަށް ހަރަދުވާނެ ކަމަށް އަންދާޒާކުރާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ފައިސާ ދޫކުރަން ޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދޫކުރަން ޖެހޭ ގޮތަށް ވެސް ކޮމެޓީން އެ ބިލް ވަނީ ބަދަލުކޮށްފަ އެވެ.

ރިފަރެންޑަމް ބިލުގެ ބޭނުމަކީ ރިޔާސީ ދައުރު ދަންމައިލުން ކަމަށް އިދިކޮޅު ބައެއް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ. އެ ތުހުމަތު ތަކަށް ރައްްދު ދެއްވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވީ ރިފަރެންޑަމް ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުން ނޫން އެހެން ކަމެއް ނެތް ކަމަށެވެ.

ރިޔާސީ ދައުރު ދަންމައިލަން ޕީއެންސީގެ މެންބަރުން ތާއީދު ނުކުރައްވާނެ ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.