Roadha Mihaaru

މީޑިއާ ބިލު ތަސްދީގުނުކުރަން ނަޝީދު އެދިވަަޑައިގެންފި

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.

މީޑިއާ ބިލު ތަސްދީގުނުކުރަން ނަޝީދު އެދިވަޑައިގެންފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 އޯގަސްޓް 2025

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.

މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން، ރައީސްގެ އަރިހުން އެދިވަޑައިގަންނަވަނީ، މި ބިލް ތަސްދީގު ނުކުރެއްވުމަށް ކަމަށެވެ.

ނޫސްވެެރިއެއްގެ ގޮތުގައި ހައްގުތަކަށް ވަކާލާތުކުރެއްވި އަދި ގިނަ އަދަދެއްގެ ލިޔުންތައް ވެސް ލިޔުއްވާފައިވާ ނަޝީދު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ކޮންމެ ފަހަރަކީ އެ ގައުމެއްގެ މިނިވަންކަންކަމާއި ތަނަވަސްކަން ކުޑަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުންފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ.

ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.

އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ މައްސަލާގައި ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، ދިވެހިރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އޮތުމުންނެވެ.

އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.