ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
21 އޯގަސްޓް 2025
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އެމްޕީއެލުގައި ކުރިން ވަކީލެއްގެ ގޮތުގައި އުޅުނު ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲގެ ގާނޫނީ ވަކީލުގެ ކަމުގެ ހުއްދައަކީ ސައްހަ އެއްޗެއް ނޫންކަން އެނގުނީ އެމްޕީއެލް އިން އޭނާއަށް އެލަވަންސް ދިނުމަށް ބެލިއިރު އޭނާގެ ނަން ގާނޫނީ ވަކީލުންގެ ދަފްތަރުގައި ނެތުމުންނެވެ.
އެކަން އިތުރަށް ޔަގީންކުރަން އެމްޕީއެލުން ބާ ކައުންސިލަށް ހުށަހެޅީ އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ ފެންމަތިވި ފަހުން އޭނާ ވަނީ އެ ކުންފުނިން ވަކިވެފަ އެވެ.
އެކަން ބެލިއިރު އޭނާއަކީ ބާ ކައުންސިލުން އެެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އަދި އޭނާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތު ކުރުމުގެ ހުއްދައާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަން ވެސް ފާހަގަކުރެވޭ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލުން ބުނީ އެ ލިޔުމުގައި އޮތް ސޮޔަކީ، ލިޔުން ހެދި ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ވެސް ނޫން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖޫން 27، 2019 ގައި ބާ ކައުންސިލް ވުޖޫދުވުމަށް ފަހު، އެ ގާނޫނުގައިވާ ގޮތުގެ މަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ އޮންނަނީ ބާ ކައުންސިލަށް އެކަންޏެވެ.
އެ ކައުންސިލުން ބުނީ ބާ ކައުންސިލިގެ ވަކީލުންގެ ދަފްތަރުގައި ތޫބާގެ ނަން ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރިޓަޔާކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، ސެޕްޓެމްބަރު 20، 2020 ގައި ތައްޔާރުކޮށްފައިވާ ލިޔުމުގެ މައްސަލަ އިތުރަށް ބެލިބެލުމުން ތޫބާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން އެ ކައުންސިލަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ހުއްދަ ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމުގައި އާންމުންނަަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނުން މަނާކަމެކެވެ.
"އެއީ ގާނޫނީ ކުށެކެވެ. އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ނުހިންގުމަށް މި ކައުންސިލުގެ ފަރާތުން އިލްތިމާސްކުރަމެވެ." ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އެތަނުން ބުނި ގޮތުގައި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނާނެ އެވެ. އެހެންވެ، ހިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ ހުއްދަ އޮތް ފަރާތެއްތޯ ކަށަވަރުކުރުމަށް ވެސް ބާ ކައުންސިލުން އިލްތިމާސްކުރި އެވެ.
ބާ ކައުންސިލްގެ ނައިބު ރައީސަކަށް ޝަމީލް
ދެމަފިރިއެއްގެ ވަކީލް ކަމުގެ ހުއްދަ ހިފަހައްޓައިފި
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާ ކަމުގެ އިޝާރާތެއް
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖު
މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުންނަށް އެވޯޑެއް
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް