Roadha Mihaaru

މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދަން އެމްޖޭއޭ އިން ގޮވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

މީޑިއާ ބިލު އަނބުރާ ގެންދަން އެމްޖޭއޭއިން ގޮވާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 އޯގަސްޓް 2025

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރު ވެސް ހުށަހެޅުއްވީ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މީގެ ކުރިން މަޖިލީހަށް އޭނާ މީގެ ބިލެއް ހުށަހެޅުއްވުމަށް ފަހު ބިލު އަނބުރާ ގެންދެވީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާ އެކު އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށް މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކޭ ކަމަށެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މިއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުމެވެ.،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ ރައީސް އައްޔަންކުރައްވާ މެމްބަރުން ތިއްބަވާ އަދި ރައީސް ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށް ބުންޏެެވެ.

އެމްޖޭއޭ އިން ބުނީ އެފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ އެ ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތެއް ނެތުން ކަމަށެވެ.

އެ ޖަމިއްޔާ އިން ވަނީ އެ ބިލާ ގުޅޭ އެކި ކަންކަމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލް މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއްކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ ކުރީގެ ތަޖުރިބާއަށް ބަލާއިރު މިހާރު އޮތް ނިޒާމު އިސްލާހުކުރަން ޖެހިފައިވާ ކަމަށާއި އެކަމަކު ދެން އެކުލަވާލާ ނިޒާމު ވާންޖެހޭނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓްކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެެވެ. އެ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ވައުދެއްކަން ވެސް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

އެހެންވެ، އެ ބިލަށް ތާއީދުނުކުރާ ކަމަށް ބުނެ އެމްޖޭއޭއިން ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ގޮވާލައިފަ އެވެ.

ބިލްގައިވާ ގޮތުން ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅުއްވާނީ ރައީސެވެ. އަދި ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.