Roadha Mihaaru
"ފާރިސް މަސައްކަތްކުރައްވަނީ މައުމޫންގެ އިރުޝާދަށް"

"ފާރިސް މަސައްކަތްކުރައްވަނީ މައުމޫންގެ އިރުޝާދަށް"

24 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އޭނާ މިހާރު ކުރައްވާ މަސައްކަތަކީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރައްވާ މަސައްކަތެއް ކަމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އޭނާ މިހާރު ކުރައްވާ މަސައްކަތަކީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރައްވާ މަސައްކަތެއް ކަމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި އެކަމުގައި އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ ފާރިސް، އިދިކޮޅު ފަރާތްތަކާ އެކު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމް ތަމްސީލްކުރައްވައި ޕާޓީގެ ދިދަ ބޭނުންކުރެއްވުމުން އެކަން ކުށްވެރިކޮށް ޕީޕީއެމްގެ ރައީސް އަބްﷲ ޔާމީންގެ ފެކްޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފާރިސް އަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށެވެ.

އެ ބަޔާނަށް ރައްދުދީ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ފާރިސް އަކީ ޕާޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މުއައްސިސެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާ ފާރިސް އަކީ މިހާރު ވެސް އެ ޕާޓީގެ މެންބަރެއް ކަމަށެވެ. އަދި ޕާޓީގެ ގައުމީ ޖަލްސާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅަކީ ވެސް ފާރިސް ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.

އިއުލާނު ނުކޮށް ރަށްރަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދޭން ނެރުނު ތްރީލައިން ވިޕާ ޚިލާފަށް ފާރިސް ވޯޓު ދެއްވުމުން އޭނާ ޕާޓީން ވަކިކުރަން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައިވެ އެވެ.

"އެ މަނިކުފާނު ޕާޓީން ވަކިކުރިކަމަށް ބުނާއިރު ޕާޓީގެ އެއްވެސް ގުނަވަނަކުން އެ މަނިކުފާނު ވަކި ކުރިކަމަށް ބުނާ ޕާޓީގެ އެއްވެސް ލިޔުމެއް މިއަދާއި ހަމައަށް އެމަނިކުފާނަށް ލިބިވަޑައިގަންފައެއް ނުވެ އެވެ. އަދި ޕީޕީއެމް އިން އެމަނިކުފާނު ވަކިކުރިކަމަށް ބުނާ މައްސަލަ ފާރިސް ވަނީ ކޯޓަށް ހުށަހަޅުއްވާފަ އެވެ." މައުމޫންގެ އޮފީހުން ބުންޏެވެ.

"ޕާޓީގެ ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުތަކާއި ހިލާފަށް ފާރިސް މައުމޫން އެއްވެސް ކަމެއް ކުރައްވަމަކުން ގެންދަވާފައެއް ނުވެ އެވެ. އަހުމަދު ފާރިސް މައުމޫން މި ވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ، ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، ޕާޓީގެ ރައީސް ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމުގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވަމުންގެންދަވާ ވަރަށް މުހިންމު ގައުމީ މަސައްކަތެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފާރިސް ޕާޓީން ވަކިކުރަން ނިންމި މައްސަލާގައި ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދާ ހަމައަށް ވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެހެންވެ އޭނާ ޕާޓީން ވަކިވި ކަމަށް ބެލެވޭނެ ޖާގައެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ބަޔާނުގައިވެ އެވެ. އެ މައްސަލަ ހައެއްކަ ފަހަރު މަތިން ސިވިލް ކޯޓުގައި ޝެޑިއުލް ކުރި ކަމަށާއި އެކަމަކު މައްސަލަ ކުރިޔަށް ނުގެންދެވިފައި ވަނީ އެ މައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުން ހާޒިރުނުވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ފާރިސްގެ މަސައްކަތަށް އިޝާރާތްކުރަމުން ބަޔާނުގައި ބުނެފައި ވަނީ އެފަދަ ގައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.