ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގުގެ މައްޗަށް ސިންގަޕޫރުގައި އުފުލި އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.
ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގުގެ މައްޗަށް ސިންގަޕޫރުގައި އުފުލި އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.
ސިންގަޕޫރަށް "ފޯމިއުލާ ވަން" ގެނައުމުގައި އެހީތެރިވި އޮންގުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު ސިންގަޕޫރުގެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންގެ މައްޗަށް ޖަލު ހުކުމެއް އައި ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިންނެވެ.
ސިންގަޕޫރުގައި އުޅޭ މެލޭޝިއާގެ މަހުޖަނެއް ކަމަށްވާ އުމުރުން 79 އަހަރުގެ އޮންގުގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދައުވާ އުފުލީ ރިޝްވަތުގެ ތަހުގީގެއްގައި ހެކި ފޮރުވުމަށް އެސް އިސްވަރަން އަށް އެހީތެރިވެދިން މައްސަލައިގަ އެވެ.
ސިންގަޕޫރުގައި މަދުން ނޫނީ ނުހިނގާ ފަދަ ކޮރަޕްޝަންގެ މައްސަލަތަކެއް މިދިޔަ އަހަރު ފަޅާއަރައި ހިންގި މި ތަހުގީގުން ހާމަވެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ސިންގަޕޫރު ފޯމިއުލާ ވަން ގްރޯން ޕްރީގެ ޓިކެޓާއި ޕްރައިވެޓް ޖެޓެއްގެ ދަތުރުތަކާއި ބިޒްނަސް ކްލާހުގެ ދަތުރުތަކާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމަށް ހަރަދުކޮށްދިނުން ފަދަ އަގުބޮޑު ހަދިޔާތައް އޮންގް ވަނީ އިސްވަރަން އަށް ދީފަ އެވެ.
ސިންގަޕޫރުގެ ޑިސްޓްރިކްޓް ކޯޓެއްގައި ބޭއްވި އަޑުއެހުމުގައި، އޮންނަ ކުށަށް އިއުތިރާފުވާ ކަމަށް ބުނި އިރު ހާޒިރުކޮށްފައި އިނީ ބިއްލޫރިން ބަންދުކޮށްފައިވާ ކޮށިގަނޑެއްގެ ތެރޭގަ އެވެ. ޕްރޮސިކިއުޓަރުން ވަނީ އޮންގް ކުށަށް އިއުތިރާފުވުމާ އެކު ދެ މަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދިފަ އެވެ.
އެކަމަކު ޕްރޮސިކިއުޓަރުން ވަނީ އޮންގުގެ ބަލި ހާލަތަށް ރިއާޔަތްކޮށް ލުއި ދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ ވަރަށް ލުއި ގޮތަކަށް އަދަބު ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އަދަބު ކަނޑައެޅުމުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.
ދިފާއީ ވަކީލުން ވަނީ އޮންގުގެ އުމުރުން 70 އަހަރު ވެފައި ވާއިރު ސިއްހީ އެކި މައްސަލަތައް ދިމާވެފައިވާ ކަމަށާއި ފަސޭހަ ނުވާނެ ބާވަތެއްގެ ކެންސަރެއް ވެސް އޭނާއަށް ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އެހެންވެ ޖަލަށް ލުމުގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރުމަށް ދިފާއުން އެދުނެވެ.
"ޖަލުގައި އޮންނަ ޖެހޭ ނަމަ އޮންގްގެ ފުރާނައަށް އޮތް ނުރައްކާ ވަރަށް ބޮޑަށް އިތުރުވޭ،" ގާނޫނީ ވަކީލް ކެވިންޑާ ބުލް ކޯޓުގައި ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އޭނާގެ މުވައްކިލަށް ޖަލުގައި އެކަށީގެންވާ އަޅާލުމެއް ނުދެވޭނެ ކަމަށެވެ.
"މިއީ ހަމަ ކިރިޔާ ދުނިޔޭގައި ހުރި މީހެއް،" ވަކީލް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓަށް ހުށަހަޅާފައިވާ މެޑިކަލް ލިޔުންތައް ބެލުމަށް ފަހު ދައުލަތުން ވެސް، ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާއެއް ކުރުމާ ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ.
ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި
ސިންގަޕޫރުގެ ކުރީގެ ވަޒީރު ދައުވާތަކަށް އިއުތިރާފްވެއްޖެ
ކޮރަޕްޝަންގެ ދައުވާއާ އެކު މުބާރާތުގެ ޑީލް ރިވިއުކުރަނީ
ކޮރަޕްޝަންގެ ތުހުމަތުވާ ސިންގަޕޫރު ވަޒީރު އިސްތިއުފާދީފި
ސިންގަޕޫރުގެ ބިލިއަނަރު އޯންގް ހައްޔަރު ކުރަނީ
ގެއްލުނު ފައިސާ ހުރީ ސިންގަޕޫރު ތިޖޫރިއެއްގައި: ޔާމީން
އެއް ޑޮލަރުގެ ރިޝްވަތާ އެކު ވެސް ޖަލަށް ދިއުމުގެ ބިރު
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
މެލޭޝިއާގެ ކޮރަޕްޝަނާ ގުޅިގެން ސިންގަޕޫރު ބޭންކު ބަންދު
ވައްކަމާ ގުޅިގެން 180 މިލިއަން ޑޮލަރު ހިފަހައްޓައިފި