Roadha Mihaaru
ރާއްޖޭން ސެޓު ނިންމަން ދަސްކުރަން ޖެހޭ: ކޯޗު

ރާއްޖޭން ސެޓު ނިންމަން ދަސްކުރަން ޖެހޭ: ކޯޗު

23 މާޗް 2017

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ފުރަތަމަ ދެ ސެޓުގައި އެހާ ބޮޑަށް ވާދަކޮށް ލީޑު ވެސް ނަގާފައިވަނިކޮށް ރާއްޖެ އަށް މެޗު ގެއްލުނީ ސެޓު ނިންމަން ނޭގިގެން ކަމަށާއި ރާއްޖޭން ދަސްކުރަންވީ ސެޓު ނިންމަން ކަމަށް ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ފުރަތަމަ ދެ ސެޓުގައި އެހާ ބޮޑަށް ވާދަކޮށް ލީޑު ވެސް ނަގާފައިވަނިކޮށް ރާއްޖެ އަށް މެޗު ގެއްލުނީ ސެޓު ނިންމަން ނޭގިގެން ކަމަށާއި ރާއްޖޭން ދަސްކުރަންވީ ސެޓު ނިންމަން ކަމަށް ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ކިރްގިސްތާނުގެ މައްޗަށް ވަރަށް ބޮޑަށް ކޮންޓްރޯލް ހޯދައި ބޮޑު ލީޑެއްގައި ވެސް އޮތެވެ. ދެ ސެޓު ވެސް ރާއްޖެ އަށް ގެއްލުނީ ފަހު ވަގުތެވެ. ތިން ވަނަ ސެޓުގައި ރާއްޖޭގެ ކުޅުން ދަށްކޮށް ދިޔައިރު މި ސެޓު ކިރްގިސްތާން ވަނީ ފަސޭހަކަމާ އެކު ގެންގޮސްފަ އެވެ.

ޝަރަފް ބުނީ ފަހު ސެޓުގެ ނަތީޖާ އެހާ ބޮޑަށް ނުގުނާނެ ކަމަށާއި ފުރަތަމަ ދެ ސެޓުގައި ވީ ގޮތުން ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ކުރި އަސަރު ފަހު ސެޓަށް އައިއިރު ރިކަވާނުވީ ކަމަށެވެ.

"ފަހު ސެޓުގައި އެއްވެސް ވަރަކަށް ނުކުޅެވުނު. ކިރްގިސްތާން އެހާ ބޮޑަށް ކުޅެން ނުޖެހުނު ރާއްޖެ ނުކުޅޭތީ. ފުރަތަމަ ސެޓުގައި އެހާ ބޮޑަށް ވާދަކޮށްފައި، ލީޑުގައި ވެސް އޮވެފައި ސެޓުގެ ތެރޭގައި މިސްޓޭކެއް ވެސް ނެތި، އެންމެ ފަހު ގަޑީގައި ހެދުނު މިސްޓޭކަކުން ސެޓު ގެއްލުނީ. ދެ ވަނަ ސެޓު ވެސް ރަނގަޅަށް ފަށައި ލީޑުގައި އޮއްވާ ފަހު ވަގުތު ގެއްލުނީ. ކުޅިވަރުގައި ނުބުނެވޭނެ އެއީކީ ނަސީބެކޭ. އެއީ ވިސްނަން ޖެހޭ ކަމެއް އަޅުގަނޑުމެން. ސެޓު ނިންމަން ދަސްކުރަން ޖެހޭ. ސެޓު ނިންމުން މައްސަލައަކަށްވީ."

ޝަރަފް ބުނީ މި މެޗުން ބަލިވުމަކީ އަމާޒަށް ވާސިލްވުމަށް އެޅުނު ހުރަހެއް ނޫން ކަމަށާއި މި މެޗުން ބަލިވިޔަސް ޔަގީންވީ ކަމަކީ ރާއްޖެ އަށް ރަނގަޅަށް ވާދަކުރެވޭކަން ކަމަށެވެ.

"މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު ދިވެހި ޓީމަށް ފުރަތަމަ މެޗުގައި މިފަދަ ކަންތައް ދިމާވާނެ. އެކަމަކު މި ފަހަރު އުއްމީދުކުރީ މިކޮޅުގައި ކުޅޭތީއާ އެކު އެތަން ނުދައްކާނެ ކަމަށް. އެކަމަކު އެހެން މިވީ މި ފަހަރު ވެސް. ސީދާ ތިން ސެޓުން ބަލިވުމަކީ ގޯސް ނަތީޖާއެއް އެކަމަކު ކުޅުމަށް ބަލާއިރު ހާއްސަކޮށް ފުރަރަމަ ދެ ސެޓުގެ ސްކޯއަށް ބަލާއިރު ގޯހެއް ނޫން. އެ ދެ ސެޓު ނުނިންމުނީ ކީއްވެތޯ އެއީ އަޅުގަނޑު، އަޅުގަނޑާ ވެސް ކުރާ ސުވާލެއް. އެކަމަކު އެކަން ރަނގަޅުކުރާނަން ދެން އޮތް މެޗަކަށް،" ޝަރަފް ބުންޏެވެ.

ޝަރަފް ބުނީ މި މެޗުގައި އޭނާ ނެގި ރިސްކަކީ ޒުވާން ކުޅުންތެރިޔާ އާދަމް ފައިރޫޒް އެރުވުން ކަމަށާއި އޭނާ ދެއްކި މޮޅު ކުޅުމާ އެކު އެ ރިސްކު ކާމިޔާބުވި ކަމަށެވެ. އަދި ރާއްޖޭން މި މެޗުގައި ރަނގަޅަށް ބްލޮކްކުރި ކަމަށާއި ޓެކްނިކަލީ ބަލާއިރު އެއީ ރާއްޖެ އަށް ލިބުނު ކުރިއެރުމެއްކަން ވެސް ޝަރަފް ފާހަގަކުރި އެވެ.

ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.