27 ޑިސެމްބަރ 2016
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުން 3-1 ސެޓުން ނޭޕާލް ބަލިކޮށް ރާއްޖެ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުން 3-1 ސެޓުން ނޭޕާލް ބަލިކޮށް ރާއްޖެ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.
މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް މޮޅުވީ ހަމަ މި ނަތީޖާ އިންނެވެ. އެހެން ނަމަވެސް މިއަދުގެ މެޗުގައި ރާއްޖޭން ވަނީ މޮޅު ކުޅުމަކާ އެކު ބަދަލު ހިފައިފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުން ދެ ވަނަ ހޯދި ރާއްޖޭން މި ފަހަރުގެ މުބާރާތުގައި ފަސް މެޗު ކުޅުނެވެ. އޭގެ ތެރެއިން ތިން މެޗުން ލީގު ބުރުގައި ބަންގްލަދޭޝް އާއި ނޭޕާލް އަދި ކިރްގިސްތާން އަތުން ބަލިވިއިރު، އަފްގާނިސްތާނާ ދެކޮޅަށް ކުޅެގެން ވަނީ މޮޅުވެފަ އެވެ.
މިއަދުގެ މެޗުގައި ލިބުނު ފުރަތަމަ ޕޮއިންޓާ އެކު ރާއްޖޭން މޮޅު ކުޅުމެއް ދެއްކިއިރު، މުޅި ސެޓުގައި ވެސް ކުރީގައި އޮތީ ރާއްޖެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ނިލާމް އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ އިތުރުން އަލީ ހުޒާމްގެ ފަރާތުން ބާރު ޝޮޓުތަކެއް ފެނުނު މި ސެޓު ރާއްޖޭން ގެންދިޔައީ 25-22 އިންނެވެ.
ދެ ވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ސެޓަށް ވުރެ ރަނގަޅު ކުޅުމެއް ފެނުނެވެ. މެޗު ފަށައިގެން ރާއްޖޭން އަށް ޕޮއިންޓްގެ ތަފާތެއް ގެނަ އެވެ. މި ސެޓު 18-10 ގައި ރާއްޖޭ ކުރީގައި އޮއްވައި ނޭޕާލުން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި އެވެ. އެހެން ނަމަވެސް ނޭޕާލަށް އިތުރު ފުރުސަތެއް ނުދީ ރާއްޖޭން ސެޓު ކާމިޔާބުކުރީ 25-14 އިންނެވެ.
ތިން ވަނަ ސެޓުގައި ނޭޕާލުން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރި އެވެ. ސެޓު ފަށައިގެން އެ ޓީމުން ދެ ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު ރާއްޖޭން ދެ ފަހަރެއްގެ މަތިން އެއްވަރުކުރި އެވެ. އެހެން ނަމަވެސް ރާއްޖެ އަށް އެންމެ ފަހަރަކު ވެސް ރަނގަޅު ލީޑެއް ނުލިބުމުން، ނޭޕާލުން ވަނީ މި ސެޓު 19-25 އިން ގެންގޮސްފަ އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގެ މޮޅު ކުޅުންތެރިޔާ އަށްދޭ އިނާމް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ކ-3) ރާޢްޖޭގެ ނިލާމް (ވ)އާ ހަވާލުކުރަނީ.-- ފޮޓޯ: މިހާރު
ނޭޕާލުން ތިން ވަނަ ސެޓު ގެންދިޔުމުން ރާއްޖޭން ހަތަރު ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ސެޓު ފަށައިގެން ލީޑު ނެގި އެވެ. ވާދަވެރިކޮށް ދިޔަ މި ސެޓުގައި ދެ ޓީމަށް ވެސް ލީޑު ލިބުނެވެ. އެހެން ނަމަވެސް ސެޓުގެ މެދަކާ ހަމައަށް ދަންދެން އެއްވެސް ޓީމަކަށް ލީޑު ހިފަހައްޓައިނުލެވުނެވެ.
ރާއްޖޭން ކުރިހޯދީ 13-13 އިން އެއްވަރުވި ފަހުންނެވެ. އެ ހިސާބުން ލީޑު ނެގި ގޮތަށް ރާއްޖޭން ކޮންޓްރޯލް ހޯދި އެވެ. އަދި މި ސެޓު 25-21 އިން ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ.
އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ވެސް ރާއްޖޭގެ ކުޅުންތެރިޔާ މުހައްމަދު ޝާއިން (ޝާއިންޓެ) ނުކުޅެ އެވެ.
އޭވީސީ ސެންޓްރަލް ޒޯނުގެ ތިން ވަނަ ހޯދުމަށް ފަހު ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ޓްރޮފީ ހިފައިގެން.-- ފޮޓޯ: މިހާރު
މުބާރާތުގެ މެޗުތައް ގާތްގާތުގައި އޮތުމުން ކުޅުންތެރިންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ފުރަތަމަ ދެ މެޗުން ބަލިވިއިރު ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެހެން ނަމަވެސް ދެން ކުޅުނު ތިން މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.
ލީގު ބުރުގައި އިއްޔެ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ބަލިވި ނަމަވެސް ކުރިން ކުޅުނު މެޗުތަކާ އަޅާކިޔާއިރު ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ބަންގްލަދޭޝް މެޗުން ރާއްޖެ ބަލިވީ އެ މެޗުގެ ފުރަތަމަ ސެޓުގައި ރެފްރީގެ ގޯސް ނިންމުތަކެއްގެ ސަބަބުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ބަންގްލަދޭޝް މިއަދު ވަނީ ކިރްގިސްތާން ބަލިކޮށްފަ އެވެ. ބަންގްލަދޭޝް ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނިކޮށް ކިރްގިސްތާންގެ ކުޅުންތެރިޔަކު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ޓީމުން ވަނީ މެޗު ދޫކޮށްލައިފަ އެވެ.
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ
ސެމީން ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ކަޓައިފި
ރާއްޖޭން ސެޓު ނިންމަން ދަސްކުރަން ޖެހޭ: ކޯޗު
ތިން ވަނަ އަކީ ވެސް ކާމިޔާބެއް: ބަޓިސް
ޓާގެޓް ހާސިލްނުވީ ފެށުން ގޯސްވުމުން: ލޯންގޭ
ޓީމުގެ މައްސަލަ އަކީ ޑިފެންސް: ސަޑިއްކެ