Roadha Mihaaru

އިންޑިއާގެ ގުޅުމަށް ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ: މޯދީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ރާއްޖެ-އިންޑިއާގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގުޅުމަށް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ޖުލައި 2025

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ރާއްޖެ-އިންޑިއާގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މޯދީ ވަނީ ސިޔާސީ އެކި ބޭފުޅުންނާ ހެނދުނު ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކުރީގެ ރައީސް ނަޝީދާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އިދިކޮޅު ޕާޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުންތަކަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވީ ނަޝީދަކީ އަބަދުވެސް ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ.

އެ މަޝްވަރާތަކުގައި "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި އިންޑިއާގެ "މަހާސަގަރު"ގެ ތަސައްވަރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ރާއްޖެ އޮތުމާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށް މޯދީ ވިދާޅުވި އެވެ.

"އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ،" މޯދީގެ ޕޯސްޓުގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މޯދީ ވިދާޅުވީ އެއީ ދެ ގައުމުގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެކަމުން ދެ ގައުމުން ހިއްސާކުރާ އަސާސްތަކުން އެ މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަމަށް މޯދީ ވިދާޅުވި އެވެ.