Roadha Mihaaru

"ޓޫ އޮފް އަސް"އަށް ބްރިޓެއިންސް ގޮޓް ޓެލެންޓުގެ އޮޑިޝަނުން ފުރުސަތު ލިިބިއްޖެ

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ބޭންޑް "ޓޫ އޮފް އަސް"އަށް ލިބިއްޖެ އެވެ.

"ޓޫ އޮފް އަސް" ބްރިޓެއިންސް ގޮޓް ޓެލެންޓަށް

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ބޭންޑް "ޓޫ އޮފް އަސް"އަށް ލިބިއްޖެ އެވެ.

"ޓޫ އޮފް އަސް" އިން ނެރުނު ބަޔާނެއްގައި ބުނީ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ އޮންލައިން އޮޑިޝަން ސްޓޭޖުން ފާސްވެ، އެ މުބާރާތުގެ އޮޑިޝަންގެ ދެން އޮތް ބުރަށް އެ ބޭންޑު މިހާރު ދަތުރުކޮށްފައިވާ ކަމަށެވެ.

އޮޑިޝަންގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެ ބޭންޑަށް ޖެހެނީ ލަންޑަނަށް ދާށެވެ. މިހާރު އެ ބޭންޑަށް ވަނީ ރަސްމީކޮށް އެ ދައުވަތު ވެސް ލިބިފަ އެވެ.

އެ އޮޑިޝަން ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.

"ބްރިޓެއިންސް ގޮޓް ޓެލެންޓް"އަކީ އެކި ކަހަލަ ހުނަރު ދައްކާލުމަށް ހާއްސަކޮށް ގެނެސްދޭ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯއެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، "ޓޫ އޮފް އަސް"އަށް ވަނީ އެ މުބާރާތުން ތިންވަނަ ލިބިފަ އެވެ. އެ ބޭންޑަށް ގިނަ ބައެއްގެ ލޯބި ލިބި، މަޝްހޫރުވީ ވެސް އެ މުބާރާތުންނެވެ.

އެ މުބާރާތުން ލިބުނު މަޝްހޫރުކަމުގެ އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފަ އެވެ.

އޭގެފަހުން މާލެ އާއި ރަށްރަށުގައި ވެސް އެ ބޭންޑުން ޝޯތައް ދީފައިވެ އެވެ. މިފަހަރު ބޮޑު އީދުގައި ރަށްރަށުގައި ޝޯ ދިނުމަށް އެންމެ ޑިމާންޑު ބޮޑުވީ ވެސް އެ ބޭންޑަށެވެ.

ފަސް މެމްބަރުންގެ އެ ބޭންޑުގައި އުޅެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.