Roadha Mihaaru

ވަރިއަށްފަހު ދަރިންނަށް ހަރަދު ދިނުމާއި ނުދިނުމަށް ދަރިން ހަތިޔާރަކަށް ބޭނުންކުރޭ: ފެމިލީ ކޯޓު

ކައިވެނި ރޫޅުމުން ހަރަދު ހޯދުމާއި ހަރަދު ނުދިނުމަށް ވެސް ހަތިޔާރެއްގެ ގޮތުގައި ދަރިން ބޭނުންކުރާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ،

"ހަރަދުގެ ކަންކަމުގައި ދަރިން ހަތިޔާރަކަށް ހަދާ"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 ޖޫން 2025

ކައިވެނި ރޫޅުމުން ހަރަދު ހޯދުމާއި ހަރަދު ނުދިނުމަށް ވެސް ހަތިޔާރެއްގެ ގޮތުގައި ދަރިން ބޭނުންކުރާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ،

ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު މިހެން ވިދާޅުވީ ދަރިންގެ ހަރަދަށް މިހާރު ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދު ކުޑަކަމުން އެކަމާ މެދު މަޝްވަރާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން ގަވައިދު ކޮމެޓީން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ފެމެލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) މި ބައްދަލުވުމުގައި ބައިވެރިކުރި އެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ ނަޝީދު ވިދާޅުވީ ބައެއް މީހުން އެ މީހުން ދަރިންނަށް ހަރަދު ނުދެނީ އެ ހަރަދު ކުރިޔަސް ދަރިފުޅަށް ޒިޔާރަތްކޮށް، ކުއްޖާއާ އެކު ވަގުތު ހޭދަކުރަން ނުދޭތީ ކަމަށް ބުނެ އެވެ.

އެހެންވެ، އޭނާ ވަނީ ހަރަދުގެ ކަންތަކާ އެކު ނިޒާމެއްގެ ތެރެއިން ބައްދަލުވެވޭނެ ގޮތްތަކާއި ކުއްޖާއަށް މައިންބަފައިންނާ އެކުގައި އުޅެވޭނެ މާހައުލެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ބައެއް ފަހަރު ކުއްޖާ ބޭނުންކުރަނީ ޓޫލަކަށް ހަރަދު ނުދޭން ވެސް ނޫނީ ހަރަދު ހޯދުމުގައި ވެސް. އެކަންކަމަށް ހައްލެއް ލިބޭނެ ކަހަލަ ގޮތަކަށް އެކަން ކުރުން މުހިއްމު. އަޅުގަނޑަކަށް ނޭނގޭ އެ ކަހަލަ މެޖިކެއް ހެދޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލް އައިޝަތު އިފާދާ ވިދާޅުވީ މިނިސްޓްރީން މިހާރު ހަދާފައި އޮންނަ ގަވައިދުގައި ކުދިންނާ ބައްދަލުކުރުމާ ބެހޭ ތަފްސީލެއް ނޯންނަ ކަމަށެވެ.

އެ ގަވައިދު މިހާރު އޮންނަނީ، ދެމަފިރިންގެ ވަރިވެއްޖެ ނަމަ ދެ ފަރާތުގެ އެއްބަސްވުމާ އެކު ދަރިންނާ ބައްދަލުކުރުމުގެ ކަންކަމުގައި ގާޒީ ގޮތެއް ކަނޑައެޅުމެވެ.

ނަމަވެސް އިފާދާ ވިދާޅުވީ ދަރިންނާ ބައްދަލުނުވެގެން މިނިސްޓްރީއަށް ވެސް އެ ފަދަ މައްސަލަތައް ހުށަހަޅާފައި ހުންނަ ކަމަށެވެ. އެހެންވެ، ދެ ފަރާތުން އެއްބަސްވާ އިޖުރާއަތްތަކެއް ކަނޑައަޅައި ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް

އެ ބައްދަލުވުމުގައި ބައެއް ބޭފުޅުން ވަނީ، ދަރިންނަށް ހަރަދު ނުދޭތީ ރާއްޖޭގައި ކައިވެނި ނުކުރެވި، ބޭރު ގައުމުތަކަށް ގޮސްގެން ކައިވެނިކުރާ މައްސަލައަށް ވެސް އަލިއަޅުއްވާލައިފަ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކައިވެނި ކުރިއަސް އެ ކައިވެންޏަށް ރާއްޖޭގައި ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އެކަންކަން ފުރިހަމަވާނީ ދަރިންނަށް ހަރަދު ދޭކަމުގައިވާ ނަމަ އެވެ. އެކަން ދޫކޮށްލައި ކައިވެނި ރަޖިސްޓްރީކޮށްފި ނަމަ އެ ބުނެދެނީ، ނަޝީދު ވިދާޅުވި ގޮތުގައި ދަރިންގެ ހަރަދު ލާޒިމްކުރުމުގެ ބޭނުމެއް ނެތް ކަމެވެ.

އެފަދަ ހާލަތްތަކުގައި ކައިވެނިކުރަން ދިވެހިން އެންމެ ގިނައިން ދަނީ ސްރީ ލަންކާއަށެވެ. އެހެންވެ، ފެމިލީ ކޯޓާއި ފޮރިން މިނިސްޓްރީން ވަނީ ލަންކާ އަދި އިންޑިއާގެ މިޝަންތަކާ އެކު މާދަމާ އޮންލައިން ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.

އެ ބައްދަލުވުމުގައި ފެމިލީ ކޯޓުން ވަނީ ކައިވެނިކުރުމުގެ ކުރިން އެމްބަސީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްދޭން އެދިފަ އެވެ.

ނަޝީދު ވިދާޅުވީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިހާރު ކައިވެނީގެ ކަންކަމުގައި ކުރާ ހަމައެކަނި ކަމަކީ، ކައިވެނިކޮށްދޭ އެ ޖަމާއަތަކީ ލަންކާގެ ސަރުކާރުގެ ހުއްދަ އޮންނަ ބައެއްކަން އަންގައިދޭ ލިޔުމެއް ދިނުން ކަމަށެވެ. އެހެންވެ، އެ ކައިވެންޏާ ބެހޭ އެއްވެސް މައުލޫމާތެއް އެމްބަސީގައި ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ލިޔުމުގައި ނޯންނާނެ އެ ތަނުން ކޮށްދިން ކައިވެންޏެއް ކަމަށް ވެސް... ރިކުއެސްޓުކުރީ، ޖަމާއަތްތެރިންނަށް ދިވެހިން ކައިވެނިކުރާއިރު އެއީ ހުއްދަ ލިބުނީމަ ކުރާ ކައިވެންޏެއްތޯ، އެމްބަސީން އެ ހުއްދަ ދޭނީ ދަރިންގެ ހަރަދުގެ މި ކަންތައް ބަލާފައޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓުން މިހާރު ވެސް ދަރިންގެ ހަރަދާއި ބޯހިޔާވަހިކަމުގެ ހަރަދާއި އެހެނިހެން ހަރަދު ނަގައިދޭ ކަމަށެވެ. ނަމަވެސް، އެ އަދަދުތަކަށް ވުރެ އެންމެ ބޮޑު މައްސަލައަކީ އެ ގަވައިދު ތަންފީޒުނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"..ހަރަދު ލިބެންޖެހޭ މީހުން ނުލިބޭތީ ގިނައިން ދޭ. މީގެ ކުރިން ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރަން ފެށި. އެކަމަކު ގާނޫނަކަށް ގެނައި ބަދަލަކުން ކޯޓުން އިސްނަގައިގެން މައްސަލަ ނުބެލޭ ގޮތަށް ހަމަޖެއްސީމާ މިހާރު އަމަލުކުރަނީ މައްސަލަ ހުށަހެޅުމުން ތަންފީޒުކުރަން ފެށުން،" ނަޝީދު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން މިހާރު އަންނަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އެ ގަވައިދު ގެޒެޓުކުރުމަށް މަސައްކަތްކުރަމުންނެވެ.