ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީއަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް އަނެއްކާ ވެސް އާ ސްކީމެއް އޭނާ އިސްވެ ފަށައިފި އެވެ.
22 ޖޫން 2025
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީއަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް އަނެއްކާ ވެސް އާ ސްކީމެއް އޭނާ އިސްވެ ފަށައިފި އެވެ.
ކިންގްސް ކެޕިޓަލްސް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތައް އެ ތިން މީހުންގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ، ދައުވާތައް ބޭރު ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅިޔަސް ކޯޓުން މިދިޔަ މަހު ނިންމީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ މައްސަލަ ބަލަމުންދަނިކޮށް 2023 ގެ މެދުތެރޭގައި ވެސް އަލްހާން ވަނީ "ކޮޕީ ޓްރޭޑިން" ގެ ނަމުގައި އާ ސްކީމެއް ފަށައި އިޝްތިހާރު ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ވެސް އާ ސްކީމެއް އޭނާ އިއުލާންކުރި އެވެ.
އަލްހާން ކުރިން ހިންގި ސްކީމުގައި ވެސް ވަކިވަކި ފަރުދުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މިހާރު ވެސް 65 މިލިއަނެއްހާ ރުފިޔާ މީހުންނަށް އަނބުރާ ނުދައްކާ އޮތް ކަމަށްވެ އެވެ.
އަލްހާން ބުނީ އޭނާގެ ކުންފުނިން ހިންގި އޮންލައިން ޓްރޭޑިން އިންވެސްޓްމަންޓް ޕްލޭންތަކަކީ އެއްވެސް ހާލެއްގައި މަކަރާއި ހީލަތުން މީހުންގެ ފައިސާ ނަގަން ހިންގި ޕޮންޒީ ސްކީމެއް ނޫން ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެ މުއާމަލާތްކުރީ ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވެގެން ބައިވެރިންނަށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިގެންނެވެ. އެކަން ކުރީ މީހުން ފޮނުވާ ފައިސާ އިން ޓްރޭޑު ކޮށްގެން ލިބޭ ފައިދާގެ މައްޗަށް ރާވައިގެން ކަމަށާއި އެއީ ޕޮންޒީ ސްކީމު ހިންގާ އުސޫލު ނޫން ކަމަށް ބުންޏެވެ.
"އޮންލަައިން ޓްރޭޑިންގައިި ގާތްގަނޑަކަށް ދުވާލަކު 5 ޕަސެންޓް އާއި 10 ޕަސެންޓާ ދެމެދުގެެ މިންވަރަކަށް ފަައިދާ ހޯދުމަަކީ އަޅުގަނޑުގެ ތަޖުރިބާގައި ކުރެވޭނެ ކަމަކަށް ވާތީ އެކަން ކުރީ އެ ގޮތަށް މަަސައްކަަތް ކޮށްގެންނެވެ،" އަލްހާން ނެރުނު ބަޔާނުގައިވެ އެވެ.
އޭނާ ބުނިގޮތުގައި، އެއްވެސް ސަބަބެއް ނެތި ބީއެމްއެލް އިން ކުންފުނީގެ އެކައުންޓް ބަންދުކޮށް ވިޔަފާރި ހުއްޓުމާ ގުޅިގެން، ލިބުނު ގެއްލުމަށް ބަދަލު ހޯދަން އެ ކުންފުނިން ބީއެމްއެލްގެ މައްޗަށް ދައުވާކުރުމުން، ޝަރީއަތުން ނިންމީ ކުންފުނީގެ ވިޔަފާރި ހުއްޓުވައި އެކައުންޓް ބަންދުކޮށް ފައިސާ ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެެވެ.
އަލްހާން ބުނީ 13 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށް އޭނާ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކުރުމަކީ އިންސާފު ކަމަށް ނުދެކޭ ކަމަށެވެ.
އޭނާ ބުނި ގޮތުގައި 1،800 އެއްހާ މީހުން ބައިވެރިވެގެން ހިންގި އެ ސްކީމާ ގުޅިގެން ހަމައެކަނި 13 މީހެއްގެ ބަޔާން ނަގާ މަކަރާއި ހީލަތުން ފައިސާ ޓަކައިގެންފައިވާ ކަމަށް ދައުވާ ކުރުމަކީ އެކަމުގައި ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އަލްހާން ބުނީ، އަދިވެސް އޭނާއާ އެކު ބަޔަކު ބައިވެރިވާ ނަމަ ޓްރޭޑް ކޮށްގެން ފައިިދާ ހޯދައިދޭން ހުރީ ތައްޔާރަށް ކަމަށެވެ ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުން ވެސް މަދެއް ނުވާނެ ކަމަށާއި އެކަން ހުއްޓުވުމާ ހަމައަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކަމަށް ވެސް ބުންޏެެވެ.
"އެހެންކަމުން އަލުން އަޅުގަނޑާ އެކީ ކްރިޕްޓޯ ކަރަންސީން އޮންލަައިން ޓްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލަން އަޅުގަނޑު ގަސްތު ކުރަމެވެ،" އަލްހާން ބުންޏެވެ.
އަލްހާން ބުނި ގޮތުގައި އޭނާގެ ކްރިޕްޓޯ ޓްރޭޑިން އެކައުންޓަށް ޔޫއެސްޑީޓީ ޖަމާކުރުމުން، ޓްރޭޑްކޮށް ދުވާލަކު މަދުވެގެން 1.5 ޕަސެންޓް އިން ފެށިގެން މައްޗަށް ފައިދާ ހޯދައި ފޮނުވުމަކީ ކުރެވިދާނެ ކަމެކެވެ. އެހެންވެ އެކަން ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުންޏެެވެ.
އޭނާގެ އެ ސްކީމު ހިންގާ ގޮތަކީ މަދުވެގެން 200 ޔޫއެސްޑީޓީ ޖަމާކުރުމުން އެ އަދަދުން ފެށިގެން މައްޗަށް ދުވާލަކު 1.5 ޕަސެންޓާއި 3 ޕަސެންޓްގެ ފައިދާއެއް ދޭ ގޮތަށެވެ.
އަލްހާނުގެ ބަޔާނުގައި ވަނީ ޓްރޭޑް ކުރަން ޖަމަކުރާ ފައިސާ ނާދިރު ހާލަތެއްގައި އެކީ ގެއްލުމަކީ ވެސް އެކަށީިގެންވާ ކަމަކަށް ވާތީ، އެ ޒިންމާ އާއި ރިސްކް އޮންނާނެ ކަމަށެވެ.
ކިންގް ކެޕިޓަލް އިން ކުރިން ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށްފަ އެވެ. އެހެންވެ އެ މައްސަލާގައި ބޭންކާ ދެކޮޅަށް ކިންގްސް އިން ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމީ އެކައުންޓްތައް ފްރީޒްކުރި ގޮތް ގާނޫނާ ހިލާފު ކަމަށެވެ. އެހެންވެ، އެކައުންޓުތައް ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ސްކީމުގެ ހިންގުމުގައި ހިމެނޭ ޖިނާއީ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ދައުވާކުރަން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
އަލްހާން އާއި ދެ ކޮއްކޮއަކަށް ދައުވާކުރަން ޕީޖީއަށް
ފުލުހުން އަލްހާންގެ އޮފީސް ފާސްކޮށް،ފޯނު ހިފަހައްޓައިފި
ޒައިދާންގެ ދެމަފިރިން ހައްޔަރު؛ މިފަހަރު ނެގީ މުދާ
ފައިސާ ނުނެގި ޖެމްކިޔު ހުއްޓި، ބޮޑު ގެއްލުމެއް!
ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓި، މީހުން ރަތަށް!
ކާކުގެ ސްކީމެއްކަން ވެސް ނޭނގި ބޮޑު ސްކޭމަކާ ދިމާލަށް
ޖެމްކިޔުސްކީމްގައި 50،000 އަށް ވުރެ ގިނަ ދިވެހިން
ޖެމްކިޔު ސްކީމް ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅަނީ
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ފަރުވާގެ ނަމުގައި އެހީ ހޯދާ ޕޯސްޓުތަކަށް ސަމާލުވޭ