ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި އެވެ.
12 ޖޫން 2025
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި އެވެ.
ރާއްޖޭގެ ފިސްކަލް ހާލަތަށް މާބޮޑު ބަދަލެއް ނައިސް ބޭރުން ފައިސާ ހޯދުމުގެ ގޮންޖެހުންތައް ދެމިއޮތް ނަމަވެސް ރޭޓިން ދަމަހައްޓާފައިވަނީ ބޭރު ފައިސާގެ ރިޒާވަށް އައި އަދި އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއި އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމިހުންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
"އަޅުގަނޑުމެން ލަފާކުރަނީ މި ކުރިއެރުމަށް މައިގަނޑު ގޮތެއްގައި މަގުފަހިވެގެންދާނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަ ޓާމިނަލް ހުޅުވުމާއި އާ ރިސޯޓުތައް އެޅުމުގެ މަސައްކަތާއި ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ އަށް ލިބެމުން އަންނަ ކުރިއެރުމުން،" ފިޗުން ބުންޏެވެ.
ފިޗުގެ ރޭޓިން އެގޮތުގައި ބޭއްވި އަނެއް ސަބަބަކީ ރާއްޖޭގެ ފިސްކަލް ހާލަތު ގޯސްވެ، ބޭރުން ފައިސާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށް ބުންޏެވެ. އަދި ދަރަނި ނުދެއްކޭނެ ކަމުގެ ބިރު މި ވަގުތު ރާއްޖެއަށް އެބަ އޮތް ކަމަށް ވެސް އެ އޭޖެންސީގެ ރޭޓިން ރިޕޯޓުގައި ވެ އެވެ.
ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބާރު ކަމަށްވާ ޓޫރިޒަމަށް، ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއި އަދި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު އަންނާނެ ކަމަށް އަންދާޒާކުރެވޭ ކުރިއެރުމަށް ބަލައި ފިޗުން ލަފާކުރާ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު 4.8 ޕަސެންޓުގައި އަދި އަންނަ އަހަރު 4.7 ޕަސެންޓުގައި ހުންނާނެ އެވެ.
އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) ގެ ކަރަންސީ ސްވޮޕުން ރިޒާވްގެ ހާލަތަށް ކުރިއެރުން އައިކަން ފާހަގަކުރުމާ އެކު، ފިޗުން ވަނީ ޓޫރިސްޓު ފެސިލިޓީތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނުން ލާޒިމްކޮށް މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ވެސް ބޭރު ފައިސާގެ ރިޒާވު އިތުރުވިކަން ވެސް ފާހަގަކޮށްފަ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މުސްތަގުބަލުގައި ބޭރު ފައިސާ އިތުރުވުމަކީ ކުރިއަށް އޮތް ތަނުގައި އަދާކުރަންޖެހޭ ބޭރުގެ ދަރަނި ދެއްކުމަށް އެހީއެއް ކަމަށް ފިޗުން ބުންޏެވެ.
މިދިޔަ އަހަރު ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދެ ފަހަރަށް ބަދަލުކޮށްފަ އެވެ. އެންމެ ފުރަތަމަ ޖޫން މަހު ވަނީ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށް ކުރުމަށް ފަހު އޭގެ ދެ މަސް ފަހުން، ޑިފޯލްޓް ރިސްކް ބޮޑު ކަމަށް ބަލާ "ސީސީ" އަށް ދަށްކޮށްފަ އެވެ.
ރާއްޖޭގެ ރިޒާވްގައި ހުރީ 1.5 މަހުގެ އިމްޕޯޓަށްވާ ފައިސާ ކަމަށް ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ. މިއީ އައިއެމްއެފާއި މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދަށް އަދަދެކެވެ. އެވްރެޖުކޮށް ގައުމެއްގެ ރިޒާވުގައި އެންމެ މަދުވެގެން އެ ގައުމެއްގެ ތިން މަހުގެ އިމްޕޯޓަށްވާ ފައިސާ ހުންނަން ޖެހެ އެވެ.
މި އަހަރު ތެރޭ ދައުލަތުން 688 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) ދަރަންޏަށް ދައްކަން ޖެހޭއިރު، އޭގެ ތެރެއިން އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 356 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ފިޗްގެ ކޮމެންޓްރީގައިވެ އެވެ.
މި އަހަރު އަދާކުރަން ޖެހޭ ދަރަނީގެ ތެރޭގައި އިންޑިއާއިން ނެގި ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ހިމެނެ އެވެ. އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) އަރަ އެވެ. އޭގެ ތެރޭގައި ސުކޫކުގެ 500 މިލިއަން ޑޮލަރާއި ޕްރައިވެޓް ބޮންޑެއްގެ ގޮތުގައި ނަގާފައިވާ 100 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
މޫޑީސްއިން ރާއްޖެއަށް ދިން ރޭޓިން ދަމަހައްޓައިފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް
"ފިޗުގެ ލަފަޔާ އެކު ވަށައިޖެހޭ ރިފޯމެއް ގެންނާނަން"
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ފިޗް ރޭޓުގައި ރާއްޖެ މިފަހަރު ވެސް ބީ މައިނަސްގައި
"ރޭޓިން ދަށްކުރީ އިގްތިސާދަށް އައި ބަދަލަށް ނުބަލައި"
މޫޑީސްގެ އިންޒާރެއް: ދަރަންޏާ ހެދި ލޯނު ނުލިބިދާނެ!
ފިޗުގެ ވާހަކަ އަހަންވާނެ، ދަރަންޏެއް ނުވާނެ: ނަޝީދު