Roadha Mihaaru

ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް

ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

"ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

05 ޖޫން 2025

ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން މި މަހުގެ ދެވަނަ ދުވަހުން ހަތަރު ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މަގުސަދަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން މިފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުވުން ކަމަށް ދިރާގުން ބުންޏެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ދިރާގުން ބުންޏެވެ. "ގޯ ގްރީން" ހަރަކާތްތަކުގެ ދަށުން ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގަސް އިންދުމުގެ އެ ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފަ އެވެ. އެ ގަސްތަކަކީ ދިގު މުއްދަތަށް ފައިދާ ލިބޭ ފަދަ ގަސް ގަހެވެ. އޭގެ ތެރޭގައި އަނބު ގަހާއި ފޭރު ގަހާއި ރޯސް އާފަލު އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެއެވެ.

އެ ޕްރޮގްރާމުގައި އިންދި 1،000 ގަހަކީ ދިރާގުން ހަދިޔާކުރި ގަސްތަކެވެ.

"ދިރާގު ގޯ ގްރީން" ހަރަކާތުގެ ދަށުން ދިއްދޫގެ ގޭގެއަށް މޭވާ އަޅާ ގަސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކުނި މެނޭޖް ކުރުމާއި ރީސައިކަލް ކުރުމާއި ގަސް އިންދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާ ބެހޭގޮތުން ސްކޫލް ކުދިންނާއި އާންމުންނަށް ހޭލުންތެރިކަމުގެ ސެޝަންތައް ވަނީ ބާއްވައިފަ އެވެ. އޭގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭގޮތުން ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު އެންޖީއޯގެ ބައިވެރިވުމާއެކު ޕެނަލް ޑިސްކަޝަނަކާއި ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ސަސްޓެއިނަބިލިޓީއާ ގުޅޭ ތީމްތަކަށް ކުރެހުމުގެ މުބާރާތެއް ބާއްވައި، އީކޯ ފްރެންޑްލީ އިނާމުތަކެއް ވެސް ވަނީ ދީފަ އެވެ. އެ ހަރަކާތުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ދިރާގުން ހަރަކާތުގެ ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ އެއީ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ. އަދި އެއީ ތިމާވެށި ރައްކާތެރި ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކްލީން މޯލްޑިވްސްގެ ފައުންޑާ އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވީ ސަސްޓެއިނަބިލިޓީ އަކީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށެވެ. އަދި އުންމީދަކީ ގޯގްރީން މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަށްވުރެ ފެހި ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ދިރާގުން ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ.