Roadha Mihaaru
ރޯގާއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް މެދުކަނޑާލައިފި

ރޯގާއާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް އޮޕަރޭޝަންތައް މެދުކަނޑާލައިފި

19 މާޗް 2017

އައިޖީއެމްއެޗުން ކުރަމުން އަންނަ ބައެއް ސާޖަރީތައް، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައިޖީއެމްއެޗުން ކުރަމުން އަންނަ ބައެއް ސާޖަރީތައް، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުން ކުރަމުން ގެންދާ އިމަޖެންސީ ނޫން ސާޖަރީތަކުގެ ތެރެއިން އައިސީޔޫ އެޑްމިޝަން ބޭނުންވާ ސާޖަރީތައް މާދަމާއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެމެޖެންސީ އާއި އައިސީޔޫގައި އެޑްމިޓް ކުރަން ނުޖެހޭ ސާޖަރީތައް ކުރިއަށް ދާނެ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި އެގޮތަށް ހަމަޖެއްސީ މިވަގުތު ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެވެ.

ހުމާއި އަރިދަފުސް ރޯގާއާ އެކު އެޗް1އެން1 އަށް ވެސް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު ރޯގާ ޖެހިގެން އަންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުން ވަނީ ގާއިމުކޮށްފަ އެވެ. ތާޖުއްދީން ސްކޫލްގައި ހިންގާ މި ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދެ އެވެ. މީގެ އިތުރުން ރޯގާ ޖެހިގެން އެޑްމިޓްކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ހާއްސަ ވޯޑެއް ވެސް ވަނީ ގާއިމު ކުރެވިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން 375 މީހަކު އިންފެލްއެންޒާއަށް ވަނީ ޓެސްޓުކޮށްފަ އެވެ. ރޯގާ ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުން، މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އަދި ދިފާއީ ނިޒާމު ބަލިކަށި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އެޗްއައިވީ ޖެހިފައިވާ މީހުންގެ އިތުރުން ބަލިވެ އުޅޭ، ދާއިމީ ފަރުވާއެއް ހޯދާ މީހުންނަށް އެޗް1އެން1ގެ ނުރައްކާ ބޮޑެވެ.