Roadha Mihaaru

ހަމަލާތައް މެދުކަނޑާލުމުގެ އާ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ

އިޒްރޭލާއި ހަމާސް އިން ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން އަލަށް ހުށަހެޅި ކަންކަމަށް ހަމާސް އިން އެއްބަސްވާ ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަމަލާތައް ހުއްޓާލާ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ

އިޒްރޭލާއި ހަމާސް އިން ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން އަލަށް ހުށަހެޅި ކަންކަމަށް ހަމާސް އިން އެއްބަސްވާ ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވް ވިކްޓޮފްގެ އާ ހުށަހެޅުމަކީ ދެ ފަހަރެއްގެ މަތިން އިޒްރޭލުގެ 10 ރަހީނުން މިނިވަންކުރާ ނަމަ 70 ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެކެވެ.

"އެމެރިކާގެ މަންދޫބު ސްޓީވް ވިކްޓޮފްގެ އާ ހުށަހެޅުމެއް، މެދުވެރިންގެ ފަރާތުން ވަނީ ލިބިފައި އަދި ހަމާސް އިން ވަނީ އެއަށް އެއްބަސްވެފައި،" އޭއެފްޕީއަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާތައް މެދުކަނޑާލައިގެން ތިބޭ މުއްދަތުގައި ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ފެށޭނެ ކަމުގެ ޔަގީންކަން ވެސް އެމެރިކާއިން ދީފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. އަދި ހުށަހެޅުމާ ބެހޭ މާ އިތުރު ތަފްސީލެއް ވެސް ނުލިބެ އެވެ.

އިޒްރޭލުން މިހާރު ޣައްޒާގައި ހަމަލާތައް ވަރުގަދަކޮށްފައި ވަނީ އޮކްޓޫބަރު 7، 2023 ގައި ފެށި ހަމަލާތައް މިދިޔަ ޖެނުއަރީ މަހު އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލުމަށް ފަހުގަ އެވެ. ހަމާސްއާ އެކު އެފަހަރު ވީ އެއްބަސްވުމުގެ ދަށުން ގިނަ އަދަދެއްގެ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކޮށްފައިވެ އެވެ. އެކަމަކު އެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާ މެދު އުފެދުނު ހިލާފްތަކަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފެށީ އެވެ.

މިހާރު ދެމުންދާ ހަމަލާތަކަކީ ހަމާސް ބަލިކޮށް ނައްތާލުމުގެ ފަހު މަރުހަލާ ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ. ސުލްހައިގެ ވާހަކަތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް ހަމަލާތައް މެދުކަނޑާނުލާނެ ކަމަށާއި ދެން ހުއްޓާލާނީ ހަމާސް ނައްތާލާފައި ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 54،000 މީހަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް 3،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.