Roadha Mihaaru

ކޯޓުގައި އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުން ހުއްޓާނުލާކަމަށް، އަދިވެސް މަރު ސާބިތެއް ނުވޭ

މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އަދިވެސް ގޮތެއް ނުނިމޭ ކަމަކަށާއި މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ކޯޓުގައި ބަޔާން ދީފައިވާ ކަމަށް ލ. މާވަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މުޝްފިގު ހޯދާ ކަމަށް ބުނާތީ އަދިވެސް މަރު ސާބިތެއްނުވޭ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 މެއި 2025

މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އަދިވެސް ގޮތެއް ނުނިމޭ ކަމަކަށާއި މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ކޯޓުގައި ބަޔާން ދީފައިވާ ކަމަށް ލ. މާވަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ބޯޓުގައި ރޯވި ހާދިސާގައި، ލ. މާވަށަށް އުފަން އެ ޒުވާނާ ނޫން އެންމެން ވަނީ ސަލާމަތްވެފަ އެވެ. އޭނާ ފެންނާނެ ކަމުގެ އުންމީދެއް ނެތުމުން އާއިލާގެ އެދުމަށް، ޣައިބުގައި ކަށުނަމާދު ކުރަން ކައުންސިލުން ކުރިން އިއުލާނުކުރި އެވެ.

ނަމަވެސް ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް ދިނީ އިލްމުވެރިން ވިދާޅުވުމުން ފަހުން ނިންމީ ކޯޓުން މަރު ސާބިތުކުރުމަށް ފަހު ކަށުނަމާދު ކުރާށެވެ.

ރަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ، "މިހާރު" އަށް ވިދާޅުވީ މާވަށު މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލާގައި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ދެން އޮތީ މުޝްފިގުގެ މަރާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. އެކަމަކު އެ އަޑުއެހުން އަދި ތާވަލް ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައި އޮތަސް މި މައްސަލާގައި ވެސް ފެނިގެން މިދަނީ ހަމަ އެހެން މައްސަލަތަކަކޭ އެއްގޮތަށް ކުރިއަށް ދާތަން،" އެ މައްސަލާގައި ގޮތެއް ނިންމުން ލަސްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން އެމްއެންޑީއެފަށް ކުރިން ފޮނުވި ސިޓީއަކާ ގުޅިގެން އެތަނުން އޭރު ވަނީ މުޝްފިގު ހޯދުމުގެ މަސައްކަތް އޭރުވެސް ކުރަމުން އަންނަ ކަމަށް ބުނެ ޖަވާބު ދީފަ އެވެ. އެމްއެންޑީއެފުން ކޯޓުގައި ބަޔާންދިނީ ވެސް އެހެންނެވެ.

"ސިޓީގެ ޖަވާބުގައި އޭރު ބުނެފައި އޮތީ މުޝްފިގު ހޯދުމުގެ މަސައްކަތް އެބަ ކުރަމޭ. އެކަމަކު މިހާރު އެ މަސައްކަތް ކުރާހެން ހިޔެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އަލީ މުޝްފިގު.-- ފޮޓޯ: ސޯޝަލް މިޑިއާ

އަލީ މުޝްފިގު.-- ފޮޓޯ: ސޯޝަލް މިޑިއާ

ކައުންސިލްގެ ރައީސް ވިދާޅުވީ މުޝްފިގު ހޯދަން އެމްއެެންޑީއެފުން މިހާރު ކުރާ މަސައްކަތެއް ބެލުމަށް ކައުންސިލުން މަސައްކަތްކުރާ ކަމަށެވެ. އަދި މިކަމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކޮށްގެން ވެސް ކުރިއަށްދާން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

"މުޝްފިގުގެ ބައްޕަ މި ފަހުން ވެސް އަޅުގަނޑު ގާތު އެދިފައި އެބަވޭ އެމްއެންޑީއެފްގެ ލިޔުމެއް ހޯދައި އެ މައްސަލަ އަވަސް ކުރުމަށް މަސައްކަތްކުރުމަށް،" އޭނާ ވިދާޅުވި އެވެ.

އަހްމަދު މޫސާ ވިދާޅުވި ގޮތުގައި ރަށުގެ މީހުންނަށް މުޝްފިގަކީ ހަމައެކަނި ނަމެއް ނޫނެވެ. އެ ޒުވާނާއަކީ މީހުންގެ އިހުތިރާމު ލިބުނު ރަނގަޅު ކުއްޖެއް ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި ގޮތެއް ކަނޑަނޭޅި ލަސްވުމަކީ ރަށު ތެރޭގައި ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އަހުމަދު އެވެ.

ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން އައި މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެކަމަކު އޭނާ ދަތުރުކުރަމުންދިޔަ ބޯޓުގައި އަލިފާން ރޯވެގެން، އޭގައި ދަތުރުކުރި 18 މީހުން ވެސް މޫދަށް ފުންމާލިއިރު އޭގެ ތެރޭގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ ވެސް ހިމެނެ އެވެ.

އޭނާގެ ކޮއްކޮއާ އެކު މުުޝްފިގު މޫދަށް ފުންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮއްކޮގެ އަތުން، އޭނާ ދޫވެ، ގެއްލުނީ އެވެ. މުޝްފިގަށް ފަތާކަށް ނޭނގެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އޭރު އެމްއެންޑީއެފުން ވަނީ ކަނޑު މަގުންނާއި ވައިގެ މަގުން ވެސް ކޮށްފަ އެވެ.