Roadha Mihaaru

ގެއްލިގެން ހޯދާ މުޝްފިގުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަނީ

މުދާ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.

ގެއްލިގެން ހޯދާ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 އެޕްރީލް 2025

މުދާ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.

އޭނާ އުފަން ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ 25 އަހަރުގެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ.

އަންހެނުންނަށް ވެސް ކަށުނަމާދުގައި ބައިވެރިވެވޭނެ ކަމަށާއި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.

ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި އެ ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ.

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު"އަށް ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.

"މުޝްފިގު ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމަ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން." އަހުމަދު ވިދާޅުވި އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ ޒުވާނާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދާ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.