ނުފޫޒު ފޯރުވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް ދޮގު ކުރައްވައި، ޖުޑީޝަރީ އާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދިޔައީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.
12 މެއި 2025
ނުފޫޒު ފޯރުވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް ދޮގު ކުރައްވައި، ޖުޑީޝަރީ އާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދިޔައީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ޑިސެމްބަރު 8، 2019 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ސުއޫދު އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ އެވެ.
މިރޭ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި، ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ސަރުކާރަށް އަމާޒުކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
އުޝާމް ވަނީ ހުސްނުއްސޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާ ދައްކަވަނީ ސިޔާސީ ވާހަކަތައް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މަގާމުގައި ދެމި ހުންނެވިއިރު ފަނޑިޔާރުންނާއި ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވާފައިވަނީ ސުއޫދު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުސްނުއްސުއޫދު އެކި މީހުން މެދުވެރިިވެ ފޮނުވާފައިވާ މެސެޖުތަކާއި ބައްދަލުވެ ދެކެވިފައި ހުރި ވާހަކަތަކުން އެކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެ މައްސަލަ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގުކޮށްފި ނަމަ، އެކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑެއް ނޯންނާނޭ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކަމެއް ކޮށްފަކާ. ނުފޫޒު ފޯރުވަން ކަމެއް ކޮށްފައި އޮތިއްޔާ ކޮށްފައި އޮތީ އެ ބޭފުޅާ،" އުޝާމް އިތުރަށް ވިދާޅުވި އެވެ.
ހުސްނުއްސުއޫދު ހިމެނޭހެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށް އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
އެ ބޭފުޅުން ސަސްޕެންޑް ކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަަމަށް ބުނެ އެވެ. ސުއޫދު އިސްތިއުފާ ދެއްވިއިރު ޖޭއެސްސީން ވެސް ބަލަމުން ގެންދިޔައީ ހައިކޯޓުގެ ރެޖިސްޓްރާ ހާޒިރުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެކެވެ. އުޝާމް ވިދާޅުވި ފަދަ ވާހަކައެއްް އަދި ތުހުމަތެއް ސުއޫދަށް އޭރު އަމާޒުކޮށްފައެއް ނުވެ އެވެ.
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި
ފެންނަ ގޮތަކަށް ނިންމަން ވަކާލާތެއް ނުކުރެވޭނެ: ސުއޫދު
ހުކުމް ލިޔުއްވާ ފަނޑިޔާރު އެނގޭ ގޮތަށް ހަދަނީ
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިންހަމަލާއެެއް
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ފާސްނުކޮށް ކޮމިޓީއަށް
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފި
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް