Roadha Mihaaru

އިންޑިއާގެ "މިއޮޓް" ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

މިއޮޓްގެ ރިހެބިލިޓޭޝަން ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

30 އެޕްރީލް 2025

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

މާލޭގައި ގާއިމްކުރި އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައި ދެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް އެވެ. އޭނާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެތަނުގެ އިސްވެރިން ވަނީ އެތަން ބައްލަވާލައްވާފަ އެވެ. އެތަނަކީ އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ފަރުވާ ދީ، އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ބޭނުންވާ ރިހެބިލިޓޭޝަން ދޭ ސެންޓަރެކެވެ.

މިއޮޓް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް ހެލްތު މިނިސްޓަރު އަބދުﷲ ނާޒިމްއަށް ރިހިބެލިޓޭޝަން ސެންޓަރު ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއޮޓް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް ހެލްތު މިނިސްޓަރު އަބދުﷲ ނާޒިމްއަށް ރިހިބެލިޓޭޝަން ސެންޓަރު ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ތަނުގައި މޮބިލިޓީއަށް ހާއްސަކޮށް އެކި ކަސްރަތުތައް ކުރެވޭނެ މަލްޓި ޖިމްއަކާއި ރޮބޮޓްއެސިސްޓަޑް އައިގެއިޓް ޓްރެއިނިން ފެސިލިޓީތައް ހުރެ އެވެ. އަދި އާއްމު ދިރިއުޅުމުގައި ބޭނުންވާ އެކި ހަރަކާތްތައް ކުރަން ދަތި ފަރާތްތަކަށް އެ ހަރަކާތްތައް ކުރުމަށް އެހީވެދިނުމުގެ ގޮތުން ޓެކްނޮލަޖީގެ އެކި ވަސީލަތްތަކުގެ އެހީގައި ތައްޔާރުކޮށްފައިވާ ގޭމާއި ކޮޅަށް ހުރުމަށް ދަތިވާ ފަރާތްތަކަށް ސްޓެބިލިޓީ ދަސްކޮށް ދިނުމަށް ކުޅޭނެ ވީޑިއޯ ގޭމާއި އާއާރުގެ އެހީގައި އަތުގެ ހަރަކާތްތައް ކުރުމަށް ދަސްކޮށްދީ، އެހީވެދޭ ގޭމިން ފެސިލިޓީ ވެސް އެތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.

އެތަނުގައި ދޭ އޮކިއުޕޭޝަނަލް ތެރަޕީތަކުގައި ކޮންމެ ދުވަހަކު އަތުން ކުރަން ޖެހޭ އެކި ހަރަކާތްތައް ކުރުމަށް ދަސްކޮށްދީ، އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން ދޮރު ހުޅުވައި ލެއްޕުމާއި ތަޅުލުމަށް ހަދަން ކުރާ ހަރަކާތްތައް ދަސްކޮށްދެ އެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ މެޝިނެއް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ މެޝިނެއް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެ އިތުރުން ސްޓްރޯކް ފަދަ ބައްޔެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުންނަ ބައްޔަކުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅެން ދަތިވާ މީހުންނަށް ދޭނެ އެކި ފަރުވާތައް ވެސް އެތަނުން ދެ އެވެ. އަދި ރާއްޖެ ބަލިތައް ފަދަ އެކި ބަލިތަކަށް ތަދު މެނޭޖުކުރުމަށް ދޭނެ ރޭޑިއޯ އަދި ލޭޒާ ތެރަޕީ ވެސް އެތަނުން ދެ އެވެ.

މިއޮޓް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް ވިދާޅުވީ އެތަނަކީ ކޮންމެ ޕޭޝަންޓެއްގެ ބަލި ހާލަތު ދެނެގަނެ، އެ ޕޭޝަންޓެއްގެ ދިރިއުޅުމުގެ ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރުމަށް ބޭނުންވާ ހަރަކާތްތައް ކުރުމަށް ދޭން ޖެހޭ ތެރަޕީތައް ދޭނެ ސެންޓަރެއް ކަމަށެވެ. އަދި ނަފްސާނީ ކަންކަމާއި ގުޅިގެން އަންނަ ޖިސްމާނީ ކަންތައްތަކުން އަރައިގަތުމަށް ބޭނުންވާ ސައިކޯތެރަޕީ އާއި ސްޕީޗް ތެރަޕީ ފަދަ ހިދުމަތްތަކާއި ބަލި މީހުންނަށް އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެތަނުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އާއްމުކޮށް އޮންނަ ސަގާފަތާއި ހިލާފަށް ހަމައެކަނި ފިޒިއޮތެރަޕީ ދިނުމުގެ ބަދަލުގައި ވަށާޖެހޭ ފަރުވާ، ބަލި މީހުން ފޫހިނުވާނެ ގޮތަށް ލިބެން ހުންނާނެ ކަމަށެވެ. އަދި އެތަނުން ފަރުވާ ދޭނީ ހަމައެކަނި ޑޮކްޓަރުގެ ބަހަށް ބުރަވުމުގެ ބަދަލުގައި ޕޭޝަންޓުގެ ހާލަތާއި ޕޭޝަންޓުގެ ބޭނުންތައް ދެނެގަނެ، އެތަނުގެ ރިހިބެލިޓޭޝަން ބޯޑުން ކަނޑައަޅާ ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޕްރިިތްވީ ވިދާޅުވީ އިންޑިއާގައި ހުންނަ މިއޮޓް ހޮސްޕިޓަލަށް ގިނަ އަދަަދަކަށް ދިވެހިން ދާއިރު، އެ ހޮސްޕިޓަލުގެ އަމާޒަކަށްވީ ހޮސްޕިޓަލްގެ ފަރުވާ ނިމުމުން އަމިއްލަ ގައުމުގައި ހުރެ އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ބޭނުންވާ އެހީދެވޭނެ ފެސިލިޓީއެއް ގާއިމުކޮށްދިނުން ކަމަށެވެ.

"މިއޮޓް" ރިހިބެލިޓޭޝަންގެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ އެވެ. އެތަނުން ޓެލެމެޑިސިންގެ ޒަރީއާއިން މިއޮޓް ހޮސްޕިޓަލްގެ ޓީމުން ބަލިމީހުންގެ ރަނގަޅު ޑައިގްނޯސިސްއެއް ނެތް ނަމަ، އެ ޑައިގްނޯސިސް ހަދައި ދޭނެ އެވެ.

މިއޮޓް ރިހިބެލިޓޭޝަން ސެންޓަރު ހުންނަނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގަ އެވެ.