Roadha Mihaaru

ކެފޭއަކަށް ވަދެ ތަޅާލީ ރެކުގެ ބިއްލޫރިގަނޑު

ކެފޭއަކަށް މީހަކު ވަދެ، ފައިން ޖަހައި ޑިސްޕްލޭ ރެކެއް މިއަދު ތަޅާލައިފި އެވެ.

ކެފޭއަކަށް ވަދެ ތަޅާލީ ރެކުގެ ބިއްލޫރިގަނޑު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 އެޕްރީލް 2025

ކެފޭއަކަށް މީހަކު ވަދެ، ފައިން ޖަހައި ޑިސްޕްލޭ ރެކެއް މިއަދު ތަޅާލައިފި އެވެ.

ސޯޝަލް މީޑިއާގައި މިރޭ މީހަކު އާއްމުކުރި ވީޑިއޯއިން ފެންނަނީ އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ހެނދުނު 8:08 ގައި ފިރިހެނަކު ވަންނަ ތަނެވެ.

ކައުންޓަރާ ދިމާލަށް ގޮސް، އެތަނުގައި އިން މީހައާ ދިމާލަށް އެއްޗެހިތަކެއް ކިޔައި، ކާ އެއްޗެހި އަޅާފައި ހުރި ރެކުގައި ފައިން ޖެހުމުން އެ ތަޅައިގެން ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އެ ވަގުތު އެ ތަނުގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިން ތަން ފެނެ އެވެ.

ރެކު ތަޅާލުމަށްފަހު އެ ފިރިހެން މީހާ ކެފޭއިން ނުކުމެގެންދަނީ އެވެ. އެ ވަގުތު ކައުންޓަރުގައި އިން މީހާ، ރެކު ތަޅާލި ފިރިހެން މީހާ ފަހަތުން ދެ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކެފޭގެ ރެކުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ މީހާ ސާފުކޮށް ފެންނަން ހުއްޓަސް އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.