Roadha Mihaaru

ސެންޓަ އެންޓަޕްރައިސަސް އަށް 12 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމެއް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން 12 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ
ނާޒިމް ހަސަން
ނާޒިމް ހަސަން

21 އެޕްރީލް 2025

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމްކުރީ ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުންނެވެ.

އެ މައްސަލާގައި އެ ކުންފުނިން ދައުވާކުރީ ފައިސާ ނުދެއްކުމުން އެ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 17 މިލިއަން ރުފިޔާ ވެސް ހޯދުމަށެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ކަޅުހަންތަކަށްވާ ފައިސާ ދައުލަތުން ނުދައްކާ އޮތްކަން ލިޔުންތަކުން ސާބިތުވާ ކަމަށާއި އެހެންކަމުން، އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.

މީގެކުރިން ވެސް ސެންޓަ އެންޓަޕްރައިސަސް އަށް ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްތައް ކޮށްފައިވެ އެވެ. އެގޮތުން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ދައްކަން މިދިޔަ ފެބުރުއަރީ މަހު ހުކުމްކޮށްފައިވެ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު ދައްކަން ވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ.