ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
14 އެޕްރީލް 2025
ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އެއްފަހަރާ އެހާ ބައިވަރު މީހުންނަށް ޕައިލެޓްކަން ކިޔެވުމަށް ޖާގަ ނުދިނުމާ ގުޅޭ ގޮތުން އަޑު އުފުލައި އެކަމުގައި އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ތަމްރީނު ހަދައިގެން އައިސް އެހެން ގައުމަކުން ވަޒީފާ ލިބިފައިވާ މަންޒަރު އޭނާގެ އޭވިއޭޝަން ހަޔާތުގައި ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ޕައިލެޓުކަން ކިޔަވައިގެން ތިބޭ ކުދިންގެ ބޮޑު ބެކްލޮގެއް އޮންނާތީ، އެ ގައުމުތަކުގައި ގާނޫނު ހަދާފައި ވަނީ، އެހެން ގައުމެއްގެ އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ކަމަށެވެ.
"ކޮންމެ ގައުމެއްގައި އެބަ އޮވޭ ޕައިލެޓުކަން ކިޔަވައިގެން އައިސް ތިބޭ ބޮޑު ބެކްލޮގެއް. އެހެންވީމަ ބައެއް ގައުމުތަކުގައި ގާނޫނު ހަދާފައި ހުންނަނީ އެ ގައުމެއްގެ އެއްވެސް އޮޕަރޭޓްކުރާ އެއާލައިނަކަށް އިންޑަކްޓެއް ނުކުރެވޭނެއޭ އެ ގައުމެއްގެ ރައްޔިތަކަށް ނޫނިއްޔާ."
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕައިލެޓުންގެ ޑިމާންޑް ބޮޑުވަނީ އެ މީހުންގެ ވަޒީފާގެ ތަޖުރިބާ އިން ކަމަށް އަމީން ވިދާޅުވި އެވެ. އެކަމަކު ޕައިލެޓު ލައިސަންސް ނަގައިގެން އައުމުން އެއީ ކެޑޭޓް ޕައިލެޓުން ކަމަށާއި އެއްވެސް އެއާލައިނެއް، އެ ޕައިލެޓުންނާ އެކު ނުހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޕައިލެޓެއްގެ ލައިސަންސް ފްލައިން ސްކޫލަކުން ހަދައިގެން އައީމާ ހަމަ އެއީ ކެޑޭޓް ޕައިލެޓުން. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ނުހިންގޭނެ އިނގޭތޯ."
ރާއްޖޭގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، މިވަގުތު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި އެބަތިބި ކަމަށެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 500 އެއްހާ މީހުންނަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ދީފައި ކަމަށާއި އެއީ ސިޔާސީ މަންފާއަކަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"500 ކުދިންނަށް ޕައިލެޓުކަން ކިޔަވަން ޖާގަ ދިނީ. އޭރު ވެސް 200 އަށް ވުރެ ގިނަ ކުދިން ކިޔަވަން ތިބީ،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުންނެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އަހަރަކު އުފެއްދެނީ 25 ވަޒީފާގެ ފުރުސަތެވެ.
އެހެންވެ، ސަރުކާރުގެ ޒިންމާއަކީ އެ އޮންނަ ފުރުސަތަކާ އެއްވަރަށް ސްކޮލާޝިޕް ދިނުން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ދެރަވޭ. އަޅުގަނޑު ވެސް ވަރަށް ހިތާމަކުރަން. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ މޯލްޑިވިއަން އާއި ޓީއެމްއޭ އެކްސްޕެންޑް ކޮށްގެން އެ ކުދިން އިންޓޭކް ކުރެވޭނެ މިންވަރު އިތުރުކުރުން. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ވަރަކަށްތޯ ސޮލިއުޝަން ދެވޭނީ،" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ލޯނު ހަމަޖައްސައި ކިޔަވަން ނުގޮސް އަދި ތިބި މީހުންގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ކޯސް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. މިދިޔަ އަހަރު ބައެއް ކުދިން ވަނީ ކޯސް ވެސް ބަދަލުކޮށްފަ އެވެ.
ޕައިލެޓުކަން ކިޔަވައިގެން އައިސް ބައެއް ޒުވާނުން ދަނީ ރިސޯޓުތަކާއި އަދިވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެެ.
މީގެ ކުރިން އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އަމީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލައަށް ދެން އޮތް ހައްލަކީ ގައުމުގެ ނިސްބަތުން އޭވިއޭޝަން ސެކްޓަރު ފުޅާކުރުމެވެ. އެކަމަކު އެއީ ވެސް ވަރަށް "ސްލޯ ޕްރޮސެސް" އެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ޕައިލެޓުންނަށް!
ބޯޓެއްގެ ބުރަފަތީގައި ޖެހި ދަރިވަރަކު ޒަހަމްވެއްޖެ
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ
ޕައިލެޓުން ގިނަވުން ގައުމީ މައްސަލައަކަށް ވެދާނެ
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"
އޭއޭއޭގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!