Roadha Mihaaru
ޕާޓީތަކަށް އަމާޒުކޮށްކުރާ އަމުރުތައް ކުށްވެރިކޮށްފި

ޕާޓީތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ އެކިއެކި އަމުރުތައް އެމްޑީޕީން ކުށްވެރިކޮށްފި

14 މާޗް 2017

‎ސިޔާސީ ޕާޓީތަކަށް އަމާޒުކޮށްގެން "ހަމައިން ނެއްޓިފައިވާ އެކިއެކި އަމުރުތައް" ސަރުކާރުންނާއި ސަރުކާރުގެ ނުފޫޒުން އެކިއެކި މުއައްސަސާތަކުން ކުރަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

‎ސިޔާސީ ޕާޓީތަކަށް އަމާޒުކޮށްގެން "ހަމައިން ނެއްޓިފައިވާ އެކިއެކި އަމުރުތައް" ސަރުކާރުންނާއި ސަރުކާރުގެ ނުފޫޒުން އެކިއެކި މުއައްސަސާތަކުން ކުރަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

‎އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕާޓީތަކަށް އަމާޒުކޮށްގެން ސަރުކާރުން ކޮށްފައިވާ ހަމައިން ނެއްޓިފައިވާ އެއް އަމުރަކީ ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރުމަށާއި އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ހިންގަވާ ޕީޕީއެމްގެ ރަސްމީ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނުނަގައި ތިރިކުރުމަށް ކޮށްފައިވާ ހަމައިން ނެއްޓިފައިވާ އަމުރު ކަމަށެވެ.

"‎ގައުމީ ދިދަ ނެގުމާއި ބޭނުންކުރުމަކީ ގައުމުގެ ކޮންމެ ރައްޔިތަކަށާއި ގާނޫނީ ކޮންމެ ޝަހުސަކަށް ލިބިގެންވާ ހައްގެކެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ މުޖުތަމައުތަކެއްގައި އޮންނަ އާންމު އުސޫލެކެވެ. ހަމައެފަދައިން، ސިޔާސީ ޕާޓީއެއްގެ އަމިއްލަ ދިދައަކީ އެ ޕާޓީއެއްގެ ދިދައިގެ ގޮތުގައި ބޭނުންކުރެވޭނެ ދިދަކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ކުރިން ފާސްކުރެވިގެން ބޭނުންކުރަމުންގެންދާ އެ ޕާޓީއެއްގެ ފިކުރީ މުދަލެކެވެ. އެ ފިކުރީ މުދަލުގެ ހައްގު ހޯމް މިނިސްޓްރީން ފަހުން ކަނޑައަޅާ އުސޫލަކުން ނިގުޅައި ނުގަނެވޭނެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ‎ގައުމީ ދިދަ ބޭނުންކުރުމާ މެދު ހޯމް މިނިސްޓްރީން ހެދި އުސޫލުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ދިދަ މާ ބޮޑުކޮށް ފެންނަހެން މައްޗަށް ނެގުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި އެއީ ވެސް ހަމައިން ނެއްޓިފައިވާ އަދި ހެއްވާކަމުން ފުރިގެންވާ ގޮތަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމެއް ކަަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

"‎މިކަން މިހެން އޮތްއިރު، މީގެ ކުރިން ދައުލަތުގެ އެހެން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ރައީސްކަމަށް އެ ޕާޓީތަކުން އައްޔަނުކޮށްފައިވާ ބޭފުޅުން ވަކިކޮށްފި ކަމަށް ނުވަތަ އެބޭފުޅުންގެ ބާރުތައް އެހެން ފަރާތަކަށް ދީފި ކަމަށް، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ކަނޑައަޅާފައިވެ އެވެ. ހަމަ އެފަދައިން، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގައި މާކުރިންސުރެ ރަޖިސްޓްރީވެފައިވާ މެމްބަރުން ގަނޑުކޮށް އެތަކެއް ހާސް މެމްބަރުން އެއްފަހަރާ ވަކިކޮށްފައިވެ އެވެ. އަދި ސިޔާސީ ޕާޓީތައް ބައިވެރިވާ ގައުމީ އިންތިހާބުތައް ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ލަސްކޮށް ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަނެފައިވެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.