ރަށުގެ ބަނދަރުމައްޗަށް ކުޑަކުޑަ ލޯންޗެއްގައި ދެމަފިރިއަކު މަސްބާނައިގެން އައިސް ކައިރި ކުރުމާ އެކު، އެ މީހުންނާ ގުޅޭ ގޮތުން ބޭއިހުތިޔާރުގައި އެހެން މީހަކާ ސުވާލުތައް ކުރެވުނެވެ. އޭނާ ފުރަތަމަ ދިން ޖަވާބުން ވެސް ޒުވާން އެ ދެމަފިރިންގެ ވާހަކަތައް އަޑުއަހަން ޝައުގުވެރިކަން އުފެދުނެވެ.
21 މާޗް 2025
ރަށުގެ ބަނދަރުމައްޗަށް ކުޑަކުޑަ ލޯންޗެއްގައި ދެމަފިރިއަކު މަސްބާނައިގެން އައިސް ކައިރި ކުރުމާ އެކު، އެ މީހުންނާ ގުޅޭ ގޮތުން ބޭއިހުތިޔާރުގައި އެހެން މީހަކާ ސުވާލުތައް ކުރެވުނެވެ. އޭނާ ފުރަތަމަ ދިން ޖަވާބުން ވެސް ޒުވާން އެ ދެމަފިރިންގެ ވާހަކަތައް އަޑުއަހަން ޝައުގުވެރިކަން އުފެދުނެވެ.
"ތިއީ މަސައްކަތްތެރިންނަކީ. އަންހެންކުއްޖާ ފިރިހެނަކަށް ވަކި ދޫނުކުރާނެ. ކޮންމެ ދުވަކު މަސް ހިފަން ދާނެ ފިރިމީހާއާ އެކު. ދެ މީހުން އެކުގައި މުޅިން ވެސް މަހަށް ދާނީ. ކައިބޮއެ، އާމްދަނީ ހޯދަނީ ވެސް އެކަމުން،" ގދ. ނަޑެއްލާގެ ބަނދަރުމަތީގައި ހުރި މީހާ ބުންޏެވެ.
ލޯންޗު ބަނދަރުމަތީގައި އަޅާފައި ފިރިމީހާ އެރީ ބައިސިކަލަށެވެ. ބައިސިކަލްގެ ކުރީގައި ހަރުކޮށްފައި ހުރީ ބާސްކެޓް ފުރާ ހުރީ އެ ދެމަފިރިން ބޭނި މަހެވެ. އަނބިމީހާ ގެއަށް ދިޔައީ ސައިކަލްގަ އެވެ.
އެ ދެ މީހުން ދިރިއުޅޭ ގެ ހޯދައިގެން 15 ވަރަކަށް މިނިޓް ފަހުން އަހަރެމެން ވެސް އެ ގެއަށް ދިޔައިރު ދެ މީހުން އުޅެނީ މަސްކެނޑުމުގައި އަވަދިނެތި އެވެ. ދެ މީހުން ވެސް ވަރަށް ހިތްހެވެ. އަހަރެމެންނަށް ވެސް މަރުހަބާ ކިއީ އެހާ ލޯބިންނެވެ. އަނެއް ދުވަހަށް ދައުވަތު ދިނީ ޝަކުވާއެއް ނެތި ހިނިތުންވުމާ އެކުގަ އެވެ.
އުމުރުން 38 އަހަރުގެ އަހުމަދު އިއްޒަތާއި އޭނާގެ އަންހެނުން އުމުރުން 36 އަހަރުގެ މަރިޔަމް ޝުހުރަތު ކޮންމެ ދުވަހެއްގެ މަސައްކަތަކީ މަހަށް ދިއުމެވެ. ނަޑެއްލާ ކައުންސިލް އިދާރާގައި މަސައްކަތްކުރާ އިއްޒަތު އޮފީސް ނިންމާލުމަށް ފަހު، ކޮންމެ ދުވަހެއްގެ މެންދުރުފަހު އަންހެނުން ގޮވައިގެން ލޯންޗުގައި ދަނީ މަހަށެވެ. ގޭގައި ފޫހިވީމާ ވެސް އަރަނީ ކަނޑުމައްޗަށެވެ. އެކަމަކު، އެނބުރި އަންނަނީ އެ ދުވަހަކަށް ބޭނުންވާ ވަރަށް މަސް ބާނައިގެންނެވެ.
"މާ ބޮޑަށް ފޫހިފިލާ މި ގޮތަށް އުޅުނީމާ. ގޭގައި ތިބެފައި ފޫހިވީމާ ވެސް އަހަރެމެން ނައްޓާލަނީ މަހަށް. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދާނެ،" ލ. އަތޮޅަށް އުފަން ޝުހުރަތު ބުންޏެވެ.
ފޫހިފިލުމުގެ ބޭނުމުގައި ރަށް ކައިރިއަށް ލޯންޗުގައި "ބުރުޖަހަން" ނުކުތް ދެމަފިރިންގެ އާމްދަނީއާ މިއަދު ގުޅިފައި ވަނީ މަސްވެރިކަމެވެ. މީގެ ކުރިން މަސް ބާނަމުން އައީ އެ ދުވަހަކަށް އެ ގެއަަށް ބޭނުންވާ ވަރަށް ބަލައިގެން ކަމަށް ވިޔަސް އެ އަށް ވުރެ ދުރަށް މިހާރު މި ދެމަފިިރިން ޖެހިލައިފި އެވެ. ވިޔަފާރި އުސޫލުން އެކަން ކުރެވޭނެ ގޮތްތަކެއް މިހާރު ވަނީ ހޯދައިފަ އެވެ.
ދަރިފުޅު ވެސް ސްކޫލް ނިމުނީމާ އޭނާ ގޮވައިގެން ދަނީ. ވަރަށް މޮޅުވާނެ މިހާރު މަސް ބާނަން ވެސް މަސް ހިފަން ވެސް،"---ޝުހުރަތު
ފަރުމަހަށް ދެމަފިރިން ނުކުންނަތާ އަހަރެއްހާ ދުވަސްވީ އިރު މިހާރު އެކަން ކުރަނީ، ވިޔަފާރި ރަޖިސްޓަރީކޮށް، ބްރޭންޑް ވެސް ކޮށްގެންނެވެ. "ފިޝީ ފިޝް" ގެ ނަމުގައި ލޭބަލް ހަދައި ފަރުމަސް ޕެކުކޮށް، ބެހެއްޓުމަށް ދެ ޑީފްރީޒަރު ވެސް ގަނެފި އެވެ. އެ ވިއްކަނީ އެކަމަށް ހާއްސަ ވައިބާ ގްރޫޕެއްގަ އެވެ.
ޝުހުރަތު މަހަށް ދާން ލޯންޗަށް އަރަނީ: އާންމުކޮށް މަހަށް ނުކުންނަނީ މެންދުރު ފަހު.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝުހުރަތު ބުނީ، ދެ އަހަރު ދުވަސް ކުރިން އޭނާ ނަޑެއްލާ އަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު، ގޭގައި އިންނަން ޖެހޭތީ ފޫހިވެގެން މަހަށް ދާން ބޭނުންވީ ކަމަށެވެ. އުފަން ރަށް ލ. މާވަށުގައި ވެސް އޭނާ އުޅުނީ މަހަށް ނުދިޔަ ކަމަށް ވިޔަސް މަސް ބޭނުމުގަ އެވެ. ރަށުގެ ބަނދަރުމައްޗަށް ގޮސް ނަނު އެއްލައިގެން މަސް ބާނަން ކުރިން ވެސް އުޅުނެވެ. އޭރު ވެސް އެއީ އޭނާ އެންމެ ކުރާ ހިތްވާ ކަމެވެ. ފޫހިވީމާ އޭރު ވެސް ދަނީ ބަނދަރުމައްޗަށް ނަނު އެއްލާށެވެ.
އެކަމަކު ނަޑެއްލާ އަށް ބަދަލުވެ، އެކަން ތަޖުރިބާކުރަން ފެށީ މުޅިން އެހެން ގޮތަކަށެވެ. އިއްޒަތާ ލޯބީގެ ގޮތުން ގުޅި، ކައިވެންޏަކާ ހަމައަށް ދިޔައިރު އެނގުނީ ފިރިމީހާއަކީ ވެސް މަސްވެރިކަން ކުރަން ބޭނުންވާ އެ ކަމަށް "މޮޔަވެފައި" ހުންނަ މީހެއް ކަމެވެ. އެކަން ވީ ޝުހުރަތު އިތުރު ބާރަކަށެވެ. މާ ބޮޑު އުފަލަކަށެވެ.
"ފިމީހާ އަށް ވުރެ ބޮޑަށް އަޅުގަނޑު މިހާރު މަސްބާނަން ދާން ވެގެން އުޅޭނީ. މަސް ބާނަން ނުދެވޭ ދުވަހެއްގައި ވަރަށް ފޫހިވޭ. [އެ ދުވަހެއްގައި] އެހެން ކަމެއް ނުވެސް ކުރެވޭނެ،" ޝުހުރަތު ކިޔައިދިނެވެ.
"ވަރަށް ހެޕީ އެކަހަލަ ފިރިއެއް [މަސްވެރިއެއް] ލިބުނީމާ. ގުޅޭ، ކުރާ ހިތްވާ ކަންކަން ކުރެވޭނެތާ ދެމީހުން އެކުވީމަ."
އިއްޒަތާއި ޝުހުރަތު "މިހާރު" އާ ވާހަކަ ދައްކަނީ. އެދެމަފިރިން ފަރު މަސްވެރިކަން ކުރާތާ އަހަރެއް ވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިއްޒަތު އޮފީސް ނިންމާފައި ކޮންމެ ދުވަހަކު ގެއަށް އަންނައިރު ޝުހުރަތު ހުންނަނީ މަހަށް ދާން ހޭވައްލާ ތައްޔާރު ވެގެންނެވެ. އިއްޒަތު ވެސް ހުންނަނީ އެކަމަށް ހޭނިފަ އެވެ. ގެއަށް ވަދެ، އެއްޗެހި ބަދަލުކުރުމާ އެކު، އެ އަރަނީ ލޯންޗަށެވެ. އިރުއޮއްސެންވާއިރަށް މި ރަށާ ކައިރި ކޮށްލަނީ ހިތްހަމަޖެހުމާ އެކު އެވެ. މީހަކަށް އުނދަގުލެއް ނުކުރެ އެވެ. އިއްޒަތަކީ ބަސްމަދު މީހެކެވެ. ކުރި ސުވާލަކަށް ނޫނީ ގިނަ ފަހަރު އަހަރެމެންނަށް ވެސް ޖަވާބެއް ނުދެ އެވެ. ހުރިހާ ވާހަކަތައް ކިޔައިދެނީ އަންހެނުންނެވެ.
ޒުވާން އެ ދެމަފިރިން އެކަން ކުރާތީ 700 އެއްހާ މީހުން ދިރިއުޅޭ މި ރަށުން އެކަމަށް ވަރަށް ބޮޑު ހިތްވަރެއް ލިބެ އެވެ.
"ވަރަށް ސަޕޯޓު ލިބޭ. އަންހެނަކަށް ވިޔަސް މަހަށް ގޮސް އުޅޭތީ ބުނޭ، މިއީ ވަރަށް ރަނގަޅު ކަމެކޭ. އަނެއްހެން ފިރިމީހާއާ އެކުތާ މިދަނީ ވެސް،"ޝުހުރަތު ބުންޏެވެ
އިއްޒަތާއި ޝުހުރަތު ފެކް ކޮށްފައި ހުރ މަސްތަކެއް ދައްކާލަނީ: މަސްތައް ގަނޑުކުރަން ބަހައްޓަނީ ކިލޯ ކިރާ، އަގު ވެސް ޖަހާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝުހުރަތު އެއްގޮތަށް އިއްޒަތު ވެސް ބޮޑުވީ މޫދުގައި އުޅެ އެވެ. އެންމެ ކުޑައިރު ވެސް، ކިޔަވަން ރަށުގައި އުޅުނު އިރު ވެސް، ފީނުމާއި މަހަށް ދިއުމަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓެވެ. ސްކޫލު ނިންމާފައި މާލޭގައި ވަޒީފާގައި އުޅެފައި ރަށަށް ބަދަލުވި އެއް ސަބަބަކީ ވެސް އިއްޒަތު ބުނިގޮތުގައި މޫދާ ގާތްކޮށް ދިރިއުޅުމަށެވެ.
ރަށަށް ބަދަލުވެ، ކޮންމެވެސް ވަރަކަށް ލަނޑާ ނަގަން ދިޔަ އެވެ. އެކަމަކު ސިއްހީ ހާލަތު ހުރި ގޮތުން ފީނުމަށް ދަތިވާތީ އެކަން ހުއްޓާލީ އެވެ. އޭގެ ފަހުން، އޭނާ ކައުންސިލް އިދާރާގެ އެސިސްޓެންޓުގެ ވަޒީފާގައި އުޅުނު ނަމަވެސް، މުޅިއަކުން މޫދާ ދުރެއް ނުވެވުނެވެ. އެހެންވެ، ކުޑަ ލޯންޗެއް ވެސް ގަތެވެ.
އިއްޒަތު ބުނީ، ފަރުމަހުގެ މަސްވެރިކަމަށް ގޮސް އާމްދަނީ ހޯދުމުގެ ހިޔާލު އައީ، ކޮންމެ ދުވަހަކު މަހަށް ދާން ފެށުމުން، ޕެޓްރޯލް ހަރަދު ބޮޑުވާތީ ކަމަށެވެ. އެކަން ފޫބެއްދުމަށް ބާނާ މަސް ވިއްކަން ފެށީ އެވެ. އޭގެ ފައިދާ ވަރަށް ބޮޑުވި އެވެ. ނަޑެއްލާގައި އުޅެނީ މަދު އާބާދީއެއް ކަމަށް ވިޔަސް ޑިމާންޑު ވަރަށް ބޮޑެވެ.
މަސް ޕެކް ކުރުމަށް ކޮތަޅު ހަދަނީ: އެ މަސައްކަތް ވެސް ކުރަނީ ދެމަފިރިން އެކުގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ކުރީގައި މަސް ބާނައިގެން އައިސް ބަނދަރުގައި ތިބޭ މީހުންނަށް ބަހާލަނީ. ގެއަށް ގެންނަނީ ކާ ވަރަށް އެކަނި،" އިއްޒަތު ބުންޏެވެ.
އެކަމަކު، ފަހުން ހިޔާލު ބަދަލުވެ، ވައިބާ ގުރޫޕެއް ހެދި އެވެ. ރަށުގެ ގިނަ ބަޔަކު އެ ގުރޫޕަށް ޖޮއިންކޮށް، އެއީ އާމްދަނީ ހޯދޭނެ ގުރޫޕަކަށް ބަދަލުކުރި އެވެ. ކޮންމެ ދުވަހަކު މަހުން އައިސް އެ ދުވައްގައި ބޭނުނު މަސްތަކުގެ ފޮޓޯތައް ލަނީ "ފިޝީ ފިޝް" ވައިބާ ގްރޫޕަށެވެ. މާ ބޮޑަށް ޑިމާންޑު މަތިވެ، އިއްޒަތާއި ޝުހުރަތު ވެސް އެއީ ފައިދާ ނެގޭނެ ކަމަކަށް ވިސްނިގެން ވިޔަފާރިއަށް މިސްރާބު ޖެހީ އެވެ.
އިއްޒަތާއި ޝުހުރަތު ލޯންޗުގައި މަހަށް ނައްޓާލަނީ: ކޮންމެ ދުވަހަކު ވެސް އެ ދެމަފިރިން މަހަށް ދޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާންމުކޮށް މެންދުރުފަހު މަހަށް ނުކުމެ، ބައެއް ދުވަސް ދުވަހު ރަށަށް އާދެވެނީ ރޭގަނޑު 11، 12 ޖަހާއިރު އެވެ. ބައެއް ދުވަސް ދުވަހު، ދަންވަރު ވެސް މަހަށް އެ ދެމަފިރިން ނައްޓާލަ އެވެ.
އިއްޒަތު ބުނީ، އެ މަސައްކަތަށް ޑިމާންޑު ބޮޑުވެ، ބައެއް ފަހަރު ގދ. ތިނަދު އަށް ވެސް މަސްތައް ވިއްކާލާ ކަމަށެވެ. އެހެންވެ، އެ ދެމަފިރިންގެ ވައިބާ ގްރޫޕަކީ އެ ސަރަހައްދުގެ އެހެން ރަށްރަށަށް ވެސް މިހާރު މަޝްހޫރު ނަމެކެވެ.
"ރަނގަޅު އެއްޗެއް ހަމަ ލިބޭ. ގޭތެރޭގެ ހަަރަދުތައް ހަމަޖައްސާލެވޭ."
ބައެއް ދުވަސް ދުވަހު 50 ކިލޯގެ މަސް ވެސް ބޭނެ އެވެ. އެކަމަކު އެ އަށް ވުރެ ދަށްކޮށް ވެސް މަސް ބޭނޭ ދުވަސްތައް ދިމާވެ އެވެ. ފަރުމަސް ވިއްކައިގެން ދުވާލެއްގެ މައްޗަށް 5،000ރ. ވެސް ލިބިފައި އެބަހުއްޓެވެ. އެ މަސައްކަތް ފުޅާކުރަން ބޭނުންވާ ސާމާނު ވެސް ހޯދީ އެ މަސައްކަތުން ލިބުނު އާމްދަނީންނެވެ.
މަސް ޕެކުކޮށް، މަސްތައް ޑީފްރީޒަރަށް ލަނީ: މަސް ވިއްކަން ހާއްސަ ވައިބާ ގްރޫޕެއް ވަނީ ހަދާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާންމު ގޮތެއްގައި ފަރުމަސް ކިލޯއެއް ވިއްކަނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. މަސް ބައިގެން އައިސް މަސް ސާފުކޮށް، ޕެކްކޮށް އަގު ޖަހާފައި ލޭބަލްކޮށްފައި ގަނޑު ކުރަނީ އެވެ.
އެ މަސައްކަތަށް ހުންނަ ފޯރިއެއްގެ ސަބަބުން، މިދިޔަ ރޯދަމަހު ވެސް އެކަން ހުއްޓާނުލައި އެ ދެމަފިރިން ކުރި އެވެ. ރޯދަމަހު ފަރުމަހަށް އޮންނަ ޑިމާންޑު ވެސް އިތުުރުވާތީ ބައެއް ދުވަސް ދުވަހު ރޯދަ ވީއްލަނީ ވެސް ކަނޑުމަތީގަ އެވެ.
އެ ދެމަފިރިންގެ އުމުރުން 13 އަހަރުގެ ދަރިފުޅު ވެސް ބައެއް ދުވަސް ދުވަހު މަހަށް ގެންދެ އެވެ. މިއަދު އެ ކުއްޖާ ވެސް އެންމެ ކުރާ ހިތްވާ އެއް ކަމަކަށް ވެފައި ވަނީ މަސްވެރިކަމެވެ.
"ދަރިފުޅު ވެސް ސްކޫލް ނިމުނީމާ އޭނާ ގޮވައިގެން ދަނީ. ވަރަށް މޮޅުވާނެ މިހާރު މަސް ބާނަން ވެސް މަސް ހިފަން ވެސް،" ޝުހުރަތު ބުންޏެވެ.
އިއްޒަތާއި ޝުހުރަތު ނަޑެއްލާގެ މަގުމަތީ ހިނގާފައި ދަނީ: އެ ދެމަފިރިން އަންނަނީ ރަށުގައި ވަރަށް ފުޅާކޮށް ފަރު މަހުގެ މަސްވެރިކަން ކުރަމުން.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
އިއްޒަތާއި ޝުހުރަތު ދެކޭގޮތުގައި މިއީ ރަށުގައި ތިބެގެން، ކުރަން ރަނގަޅު މަސައްކަތެކެވެ. ހަމައެކަނި ވަޒީފާ އަށް ބަރޯސާ ނުވެ، އިތުރު އާމްދަނީއެއް ހޯދުމަށް ފަރުމަހަށް ގޮސް، އެ ދެމަފިރިން އެ ދައްކުވައިދެނީ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. ހަމައެކަނި މަހަށް ދިއުމެއް ނޫނެވެ. އެކަމަކު ރަނގަޅު ފެންވަރެއްގައި މަސް ޕެކްކޮށް، އެ ވިއްކޭނެ ގޮތްތައް މިހާރ ވަނީ ހޯދައިފަ އެވެ.
އެ މަސައްކަތް ފުޅާކޮށް، ގަނޑުކުރެވޭނެ ނިޒާމެއް ގާއިމްކޮށް، ނަޑެއްލާގައި ފިހާރައެއް ހުޅުވަން އެ ދެމަފިރިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތަން މިހާރު ވަނީ ރާނާ ހިޔާކޮށް ވެސް ނިންމައިފަ އެވެ. އިއްޒަތު ބުނީ، އެ ފިހާރަ ހުޅުވާފައި އެހެން މީހުންގެ އަތުން ވެސް ފަރު މަސް ގަނެގެން، ޕެކްކޮށްގެން ވިއްކޭނެ ގޮތް ފަހިވާނެ ކަމަށެވެ.
އިއްޒަތާއި ޝުހުރަތު ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ. މި އިންޓަވިއުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވީ އެ ލޯތްބެވެ. ހާއްސަކޮށް މަސްވެރިކަމަކީ ކުރަން ބޭނުންވާ ކަމަކަށް ވާތީ އަބަދުވެސް ލޯންޗު "ދުއްވަނީ" ދެ މީހުން އެއްބަސްވާ މިސްރާބަށެވެ. "ފަރަށް" ނާރައި، އެންމެ ފަހުން އާމްދަނީ ހޯދޭނެ މަސައްކަތަކަށް ބަދަކުރީ ވެސް އެ ލޯތްބާއި އެ މިޒާޖުގެ ސަބަބުން ކަން އިންޓަވިއު ނިންމާލިއިރު އަހަރެމެންނަށް ވެސް ވިސްނުނެވެ.
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
މުހައްމަދު މި ހިންގަނީ މަސްވެރިންގެ ބުޅި ފެކްޓަރީ
ކުއްލިއަކަށް ބިކަވެ ދަރިފުޅުގެ އިންތިޒާރުގައި
ފެންނަނީ އަރަމުން އަންނަ ޒުވާން ޝައިހަށް އޮތް ލޯބި
ދަރިފުޅުގެ މަރުގެ ހިތާމައިގެ ތެރެއިން ބޮޑު ނިއުމަތެއް
ދިވެހި ހުނަރުގެ ފުރިހަމަކަން މި ދަބަސްތަކުން
އޯޓިޒަމް ދެ ކުދިންނާ އެކު އަސަރާއި ކަރުނައިގެ ހަޔާތެއް
ވަޒީފާ ގެއްލުނަސް މިއީ އެންމެ އުފާވެރި ދެމަފިރިން
މުސްތަފާ ޝަކީބްގެ ވަޑާން ޖީލަކަށް ފަހު ޖީލަކަށް
ފައި ބުރިކޮށްލުމުން ލިބުނު ހިތްވަރުގައި ހިނގަނީ