Roadha Mihaaru

އޭޝިއާގެ ބީޗް ވޮލީ ޓްއާގެ ފިލިޕީންސް މުބާރާތުގެ އެންމެ އިސް ޑެލިގޭޓަކަށް ހުސައިން

އަންނަ މަހު ފިލިޕީންސްގައި ބާއްވާ އޭވީސީގެ ބީޗް ވޮލީ ޓްއާ މުބާރާތުގެ އެންމެ އިސް ޑެލިގޭޓަކަށް ރާއްޖޭގެ އިންޓަނޭޝަނަލް ރެފްރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.

ބީޗް ވޮލީ ފިލިޕީންސް ޓްއާގެ އިސް ޑެލިގޭޓަކަށް ހުސައިން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 މާޗް 2025

އަންނަ މަހު ފިލިޕީންސްގައި ބާއްވާ އޭވީސީގެ ބީޗް ވޮލީ ޓްއާ މުބާރާތުގެ އެންމެ އިސް ޑެލިގޭޓަކަށް ރާއްޖޭގެ އިންޓަނޭޝަނަލް ރެފްރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.

އޭޝިއާގެ ވޮލީގެ މައި އިދާރާ (އޭވީސީ) ގެ މުބާރާތުގެ އެންމެ އިސް ޑެލިގޭޓަކަށް ހުސައިން ހަމަޖެއްސުމުން، އޭނާ ވެފައި ވަނީ އިންޓަނޭޝަނަލް މުބާރާތެއްގައި އެންމެ އިސް ޑެލިގޭޓްކަން ކުރާ ފުރަތަމަ ދިވެހި އޮފިޝަލަށެވެ.

މީގެ ކުރިން ބޭރުގެ މުބާރާތެއްގެ އެންމެ އިސް ޑެލިގޭޓް މަގާމު، އެހެން ކުޅިވަރެއްގައި ވެސް ދިވެއްސަކު އަދާކޮށްފައެއް ނުވެ އެވެ.

އޭނާގެ 32 އަހަރު ވީ ބީޗް ވޮލީ ރެފްރީކަމުގައި ކެރިއާގައި ލިބުނު ފުރުސަތު ހުސައިން ސިފަ ކުރެވީ ލިބުނު ހާއްސަ އުފަލެއްގެ ގޮތުގަ އެވެ.

ޓެކްނިކަލް އެންމެ އިސް ޑެލިގޭޓްގެ ޒިންމާއަކީ މުބާރާތުގެ އިންތިޒާމުތައް އޭވީސީގެ ފަރާތުން ބެލެހެއްޓުމެވެ.

ހުސައިން: އޭވީސީގެ އިސް ޑެލިގޭޓަކަށް ހުސައިން ހަމަޖެއްސުމުން އެކަން ވެފައިވަނީ މިހާތަނަށް ދިވެއްސަކު އެފަދަ މަގާމެއް އަދާކުރާ ފުރަތަމަ ފަހަރަށް --- ފައިލް ފޮޓޯ: އެމްއޯސީ

ހުސައިން: އޭވީސީގެ އިސް ޑެލިގޭޓަކަށް ހުސައިން ހަމަޖެއްސުމުން އެކަން ވެފައިވަނީ މިހާތަނަށް ދިވެއްސަކު އެފަދަ މަގާމެއް އަދާކުރާ ފުރަތަމަ ފަހަރަށް --- ފައިލް ފޮޓޯ: އެމްއޯސީ

މުބާރާތުގައި ވާދަކުރަން ފިލިޕީންސަށް ދަތުރު ކުރާ ހުރިހާ ޓީމުތަކެއްގެ އެކޮމެޑޭޝަނާއި މެޗުތަކަށް ހާޒިރުވާން އެތެރޭގައި ކުރަން ޖެހޭ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ ރަނގަޅަށްތޯ ވެސް ކަށަވަރު ކުރުމަކީ ޓެކްނިކަލް ޑެލިގޭޓްގެ މަސްއޫލިއްޔަތެކެވެ. މުބާރާތް ކުޅޭ ތަނުގައި ކުޅުންތެރިންނާއި އަމްޕެޔަރުން އަދި އެހެނިހެން އޮފިޝަލުންނަށް މެޗުތަކަށް ހުރި އިންތިޒާމުތައް އޭވީސީގެ ސްޓޭންޑަޑަށް ފެތޭތޯ ބެލުމަކީ ވެސް ޓެކްނިކަލް އިސް ޑެލިގޭޓްގެ މަސައްކަތެކެވެ.

ހުސައިން އަށް ލިބުނު މި ފުރުސަތާ އެކު އޭނާ ބުނީ މިއީ އޭނާ އަށް އެކަނި ލިބުނު ފުރުސަތެއް ކަމަށް ނުދެކޭ ކަމަށެވެ.

"މިއީ ރާއްޖޭގޭ ކުޅިވަރަށް ވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ޗައިނާގައި 2017 ގައި ބޭއްވީ 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކުރި ހުސައިން ވިދާޅުވި އެވެ.

އެފްއައިވީބީގެ ބީޗް ވޮލީގެ ދަރަޖަ ސީ ގްރޭޑް 2023 ގައި ހާސިލު ކުރި ހުސައިން ވަނީ 2018 ގައި ޖަޕާނުގައި ބޭއްވި ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފަ އެވެ.