Roadha Mihaaru

އުމުރުން 17, ފިލާގައި ކަނޑައި މި ނަގަނީ އަމިއްލަ ވިޔަފާރި

ބޮޑު މެޝިނެއްގެ ކައިރީގައި އިނީ މިދިޔަ އަހަރު އޯ ލެވެލް ނިންމި ހުސެއިން އިޔާދު ނޫހް އެވެ. ވަރަށް ގަޔާވެގެން މަސައްކަތަށް ގެއްލިފަ އެވެ. ކޮމްޕިއުޓަރުން އެކި ޑިޒައިންތައް ހަދައި މެޝިނުން ކަފައިގެން އޭނާ ނިންމަމުން ދިޔައީ އެ ދުވަހުގެ އޯޑަރުތަކެވެ. ވަށައިގެން ހުރީ އޭނާގެ ވިޔަފާރީގެ ސާމާނެވެ. ލަކުޑި ފިލާގައި އެންގްރޭވްކޮށް ނުވަތަ ކަނޑައި ނަގައި އަމިއްލަ އަށް ހަދައި ވިއްކަން ތައްޔާރު ކޮށްފައި ހުރި އެކި އެއްޗިއްސެވެ.

ފަޒީނާ އަހުމަދު
ނ. މަނަދޫން ފަޒީނާ އަހުމަދު

12 މާޗް 2025

ބޮޑު މެޝިނެއްގެ ކައިރީގައި އިނީ މިދިޔަ އަހަރު އޯ ލެވެލް ނިންމި ހުސެއިން އިޔާދު ނޫހް އެވެ. ވަރަށް ގަޔާވެގެން މަސައްކަތަށް ގެއްލިފަ އެވެ. ކޮމްޕިއުޓަރުން އެކި ޑިޒައިންތައް ހަދައި މެޝިނުން ކަފައިގެން އޭނާ ނިންމަމުން ދިޔައީ އެ ދުވަހުގެ އޯޑަރުތަކެވެ. ވަށައިގެން ހުރީ އޭނާގެ ވިޔަފާރީގެ ސާމާނެވެ. ލަކުޑި ފިލާގައި އެންގްރޭވްކޮށް ނުވަތަ ކަނޑައި ނަގައި އަމިއްލަ އަށް ހަދައި ވިއްކަން ތައްޔާރު ކޮށްފައި ހުރި އެކި އެއްޗިއްސެވެ.

އިންޓަވިއުއަށް ވަގުތުކޮޅެއް ދިނީ ކަސްޓަމަރުންގެ އޯޑަރުތައް ޑެލިވަރީ އަށް ތައްޔާރު ކޮށްފަ އެވެ. މަސައްކަތުގެ އަޚްލާގު އޭނާ ހިފަހައްޓާ ވަރެވެ. އުމުރުން 17 އަހަރުގެ މި ވިޔަފާރިވެރިޔާގެ އެންމެ ބޮޑު އިސްކަމަކީ އޭނާގެ މަސައްކަތުން ކަސްޓަމަރުންނަށް ހިތްހަމަޖެހުން ހޯދައި ދިނުމެވެ. އިތުބާރު ދެމެހެއްޓުމެވެ.

އިޔާދު މަސައްކަތުގައި: ގްރޭޑް އަށަކުން ފެށިގެން ވިސްނީ އަމިއްލަ ވިޔަފާރިއެއް ފަށަން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިޔާދު މަސައްކަތުގައި: ގްރޭޑް އަށަކުން ފެށިގެން ވިސްނީ އަމިއްލަ ވިޔަފާރިއެއް ފަށަން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމިއްލަ ވިޔަފާރިއެއް ފަށަން އޭނާ ހުރީ އޯ ލެވެލް ނިމުން ލަސްވެފަ އެވެ. އޭ ސްޓާ އާއި އޭ ހޯދައި ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އެކަމަކު ފުރަތަމަ އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ގްރޭޑް އަށަކުން ފެށިގެން އިޔާދުގެ ސިކުނޑީގައި ކަނޑައި ނެގި އަޒުމެކެވެ. ތަޖުރިބާ ހޯދަން ވަޒީފާއަކަށް ދިޔައަސް އުމުރުގެ ބޮޑު ބައި އަމިއްލަ ކަމެއް ނުފަށައި އެ ވަޒީފާއެއްގައި ހޭދަކުރުމަކީ އޭނާގެ ކުރިމަގު ތަސައްވުރު ކުރާ ގޮތެއް ނޫނެވެ.

"އަމިއްލަ ވިޔަފާރިއަކަށް ބޮޑަށް އިންޓްރެސްޓް އުފެދުނީ ގްރޭޑް އަށެއްގައި ކީ ފޮތެއްގެ ސަބަބުން. އޭގައި ކިޔައިދެނީ އެމްޕްލޯއިމަންޓާއި ބިޒްނަސްގެ ތަފާތު. އެ އަށް ވިސްނައި ދެން ދަސްކުރީ ކުރިއަށް ދާންވީ ގޮތް," އިޔާދު ބުންޏެވެ.

އިޔާދު މެޝިން ކައިރީގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިޔާދު މެޝިން ކައިރީގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިޔާދުގެ ވިޔަފާރީގެ ފޭސްބުކް ޕޭޖް

ވިޔަފާރިއެއް ހިންގުމަކީ ކުރެވިދާނެ ކަމެއް ކަން ފުރަތަމަ އަމިއްލަ ނަފްސަށް ގަބޫލުކުރެވޭ ވަރަށް އިޔާދު މަސައްކަތް ކުރި އެވެ. ކިޔަވަމުން ޝައުގުވެރިވާ އެކި ކަންކަން ޔޫޓިއުބް ބަލައިގެން ދަސްކުރި އެވެ. އެނިމޭޝަން ހަދައި އަމިއްލަ އަށް ގްރެފިކް ޑިޒައިނިންގެ ތެރެއަށް ވެސް ވަދެ ގިނަ ވަގުތު އެކަމަށް ހޭދަކުރި އެވެ. އިތުރަށް ކުރިއަށް ދާން ޖަވާބު އެކަޑަމީގެ ގްރެފިކް ޑިޒައިން ކޯހެއްގައި ވެސް ބައިވެރިވި އެވެ.

އެ ކޯހުގައި އުޅުނު އިރު "އެކުވެރިޔާ"ގެ ނަމުގައި ފޭސްބުކް ޕޭޖަކާއި ޔޫޓިއުބް ޗެނަލެއް ހިންގި އެވެ. ދީނީ ނަސޭހަތާއި ދަރުސްތަކުން ތަންތަންކޮޅު ނަގައި އެ ޕޭޖު އަޕްޑޭޓް ކުރީ ރަނގަޅު ކަމެއް ކުރުމުގެ ނިޔަތުގަ އެވެ.

"އަހަރެއްހާ ދުވަހު އެނިމޭޝަން ހެދުމުގައި އުޅެފައި ހަމަ ބިޒްނަސް ވިސްނުން ކުރިއެރުވީ. ސެލްފް އިމްޕްރޫވްކުރުމާ ގުޅޭ ގިނަ ހިޔާލުތައް ކިޔައި ހެދިން. ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭނެ ގޮތް ދަސްކުރިން."

އިޔާދު ހަދާފައިވާ ދޯނިތަކެއް.

އިޔާދު ހަދާފައިވާ ދޯނިތަކެއް.

ވިޔަފާރި ފެށީ ބޭބެ އެކްސްޕެރިމެންޓްކުރަން ގެނައި މެޝިނުން

އިޔާދު ގްރޭޑް 10 ގައި އުޅެނިކޮށް އޭނާގެ ބޭބެ ލޭޒާ ކަޓް މެޝިނެއް ގަތީ އާ ކަންކަން ތަޖުރިބާކުރަން ޝައުގުވެރިވާތީ އާއި ވިޔަފާރިއެއް ވެސް ފެށުމަށެވެ. އެކަމަކު ބޭބެގެ ވަގުތު ހުންނަ ގޮތުން މެޝިން ރަނގަޅަށް ޖެއްސޭ ގޮތް ނުވީ އެވެ.

އޯ ލެވެލް ނިމުމާ އެކު އިޔާދު އެ މެޝިން ދަސްކުރީ އެވެ. ފިހާރަތަކުން ލަކުޑި ފިލާ ގަނެގެން ގެނެސް މެޝިނަށް ލެއްވޭ ވަރަށް ކީހައި އެންގްރޭވްކުރަން ފެށީ ޓެސްޓަކަށެވެ. ފުރަތަމަ ހެދީ ދުފާ ފޮއްޓެކެވެ. އެ ވިއްކަން އެޑެއް ޖެހުމުން ގަންނާނެ މީހަކު ނުވި އެވެ. ދެ ވަނަ އަށް ހެދީ ފޮތް ގޮނޑިއެކެވެ. އެ ކަމުގޮސްގެން އެކި ސަރަހައްދުން އޯޑަރު ލިބުނެވެ.

އިޔާދު ހެދި ފޮތް ގޮނޑިތަކެއް. އެންމެ ގިނަ އޯޑަރު ލިބޭ އެކައްޗަކީ މި ފޮތް ގޮނޑި. -- ފޮޓޯ: ފަޔާޒް މޫސާ

އިޔާދު ހެދި ފޮތް ގޮނޑިތަކެއް. އެންމެ ގިނަ އޯޑަރު ލިބޭ އެކައްޗަކީ މި ފޮތް ގޮނޑި. -- ފޮޓޯ: ފަޔާޒް މޫސާ

ޓްރޮފީ އާއި ސުވެނިއާގެ ގޮތުގައި ދޯންޏާއި ކަހަނބާއި އެ ނޫން ވެސް އެކި އެއްޗެހިތައް އިޔާދު ހަދަ އެވެ. ރިސޯޓްތަކުންނާއި ގެސްޓް ޝޮޕްތަކުން ވެސް އޯޑަރުތައް ލިބެ އެވެ.

ފޮތް ގޮނޑިއެއް ފުރަތަމަ 250 ރުފިޔާ އަށް ވިއްކިއަސް ގެނައި ބަދަލުތަކާ އެކު މިހާރު 450 ރުފިޔާ އަށް ވިކެ އެވެ. ފުރަތަމަ ހެދި ފިލާ ތުނިވެގެން ކަސްޓަމަރުންގެ އެދުމުގެ މަތިން މިހާރު ވަނީ ތަންކޮޅެއް ބޯ ފިލައަށް ބަދަލުކޮށްފަ އެވެ.

ތުނި ފިލާގައި ހެދި އިރު ކޮލިޓީ މައްސަލައެއް ދިމާވެ ބައެއް ކަސްޓަމަރުންނަށް ރިފަންޑް ވެސް ދޭން ޖެހުނެވެ. އެއީ ވެސް އިޔާދު ބުނި ގޮތުގައި ދަސްވި ވަރަށް ބޮޑު ފިލާވަޅެކެވެ. ރަނގަޅު ކުރަމުން ގޮސް މިހާރު އޭނާ އަށް މުޅިން ވެސް ލިބެނީ ރަނގަޅު ކޮމެންޓްތަކެވެ.

"ރަނގަޅަށް މެޝިން ޖައްސަން ފެށީމަ ހަ މަސް ތެރޭ ގާތްގަނޑަކަށް 300,000 ރުފިޔާ ލިބުނު," އިޔާދު ބުންޏެވެ.

ވިޔަފާރިން މިހާރު ލިބޭ ފައިދާ ބަހަނީ މިކަމުގައި އޭނާ އަށް އެހީތެރިވަމުން އަންނަ ދައްތަ އާއި ބޭބެ ވެސް ހިމަނައިގެންނެވެ. އޭނާގެ ހިތްވަރަކީ ވެސް އެ ދެ މީހުންނެވެ.

އޯޑަރުތައް ނެގުމާއި ޑެލިވަރީ އަދި ފައިސާގެ ކަންކަން މެނޭޖްކުރަން އެހީތެރިވަނީ ދައްތަ އެވެ.

މަސައްކަތުގައި އިޔާދު ހޭދަކުރާ ވަގުތު ގިނަ އެވެ. ރޭގަނޑު އެއްކޮށް މަސައްކަތުގައި ހޭދަކޮށްފައި ފަތިސް ނަމާދުކޮށްގެން ނިދާ ދުވަސްތައް ވެސް އާދެ އެވެ. ބޭނުމަކީ އާ އެއްޗެހި ހަދަން ދަސްކުރުމެވެ.

ރިސޯޓް މާކެޓަށް ރާއްޖޭގެ ރީތިކަމާއި ސަގާފަތުގެ މުއްސަނދިކަން ފެންނަ ސުވެނިއާ ހަދަން ވެސް އިޔާދު ތައްޔާރެވެ. އެކަމަކު އަދި ފަހި ނުވަނީ އެކަހަލަ ރަނގަޅު ފުރުސަތެކެވެ. ޕްރޮޑަކްޓްތައް ރަނގަށް މާކެޓް ކުރާނެ ގޮތްތަތައް އިޔާދު މިހާރު އަންނަނީ ދަސްކުރަމުންނެވެ.

ފަސް އަހަރު ފަހުން އިޔާދު ހުންނާނެ ހިސާބު: އެ ވެސް ޕްލޭނެއް

އޭ ލެވެލް މުހިއްމު ކަން އިޔާދު ގަބޫލުކުރެ އެވެ. ކިޔަވަން ފަށަން މަންމަ އާއި އާއިލާ އިން ދޭ ނަސޭހަތް ވެސް ބަލައިގަނެ އެވެ. އޭނާ އަށް އެ ވަގުތު އަދި ނުޖެހެނީ އެވެ.

ގާތްގަނޑަކަށް ފަސް އަހަރު ފަހުން އޭނާ މި ވިޔަފާރީގައި ހުންނަން ބޭނުންވާ ހިސާބު މިހާރު އޮތީ ކަނޑައަޅައިފަ އެވެ. އުމުރުން 23 އަހަރުވާ އިރު މަހެއްގެ މައްޗަށް އޭނާ ހޯދާނެ އާމްދަނީ ވެސް އޮތީ ލަފާކޮށްފަ އެވެ. އެކަމަކު އެދުނީ އެކަން ކާމިޔާބު ވަންދެން ނޫހުގައި އަދި ނުޖެހުމަށެވެ.

"އޭ ލެވެލްއާ އެކު ހަ އަހަރު ގާތްގަނޑަކަށް ކިޔެވުމަށް ހޭދަވާނެ. އަޅުގަނޑުގެ ވިސްނުމުގައި އިންނަނީ ބިޒްނަސްގެ ތެރޭގައި އުޅެމުން ކިޔެވުމުގެ އެ މުއްދަތު ކުރިއަށް ގެންދަން. ކިޔެވުން ކުރިއަށް ގެންދާނަން. އަޅުގަނޑަށް މާ ރަނގަޅު މި ވިޔަފާރީގައި މި ލިބޭ ތަޖުރިބާ. ސޭވްކޮށްގެން ކިޔެވުމުގެ ފުރުސަތު ވެސް އެބަ ފަހިވޭ," އިޔާދު ބުންޏެވެ.

"މަސައްކަތް ހުއްޓާލާފައި ސީދާ ކިޔަވަން ހުންނާކަށް ބޭނުމެއް ނޫން."

އިޔާދު ފޮތްގޮނޑިއެއް ހަދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިޔާދު ފޮތްގޮނޑިއެއް ހަދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޭޒާ އެންގްރޭވިންއާ އެކު އިތުރު ވިޔަފާރިއެއްގެ ތެރެއަށް ވަންނަން ވެސް އިޔާދު ވިސްނި އެވެ. އެއީ ބޭރުން ބައެއް މުދާ ގެނެސްގެން ވިއްކުމެވެ.

"ފަހުން ވިސްނުނީ އެއް ކަމަކަށް ފޯކަސްކޮށްގެން ކުރީމަ މާ ރަނގަޅު ވާނެއޭ. އެކަމަކު އަދި އެ [ވިޔަފާރި ފެށުމުގެ] ވިސްނުން ވެސް ދޫކޮށްލީއެއް ނޫން."

ވިޔަފާރިން ލިބޭ ފައިދާ އިން އެހެން ކަންކަމަށް އިންވެސްޓްކޮށްގެން ފައިސާ ހޯދޭނެ މަގުތައް ވެސް އޭނާ އަންނަނީ ވިސްނަމުންނެވެ. އޭނާގެ ބަހުން ނަމަ އެއީ ޕްރޮފިޓް ހޯދޭނެ މަގުތަކެވެ. އެ ހިޔާލުތައް އެއްކުރަނީ އޭނަ ކިޔާ ފޮތްތަކުންނާއި އަޑުއަހާ ޕޮޑްކާސްޓްތަކުންނެވެ.

"މިސާލަކަށް ސްޕީޑް ބޯޓުތައް ވެސް ގެންގުޅެވިދާނެ."

އިޔާދު ގަބޫލުކުރަނީ ކަމެއް ފަށަން ބޭނުން ނަމަ ލަސް ނުކުރުމެވެ. ތަޖުރިބާކޮށްލުމަކީ ކުރިއަށް ދާން އަމިއްލަ ނަފްސަށް އިތުބާރުކުރަން ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. ދިމާވާ ކަންކަމުގެ ހައްލު ނުހޯދައި މެދުތެރެއިން ހުއްޓާލުމަކީ ވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ.

"މިއަދު ރުފިޔާކޮޅެއް ހޯދާފައި މާދަމާ އަށް ނުވިސްނައި ހުއްޓާލުމެއް ނޫން."

ވަރަށް ޒުވާން މި ވިޔަފާރިވެރިޔާގެ އޮތީ ބޮޑު ވިސްނުމެކެވެ. މާ ވަރުގަދަ އަޒުމެކެވެ. މުރާލި ކަމާ އެކު މަސައްކަތުގެ ތެރެއަށް ގެއްލިފައި އިނދެވެނީ އެހެންވެ އެވެ.