Roadha Mihaaru

ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ

ސަރުކާރުން މި ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ބަހައި ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

06 މާޗް 2025

ސަރުކާރުން މި ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ބަހައި ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށެވެ.

"[މިއަދު] ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ ފޯރާނެ. އޭރުން މުޅި ރާއްޖެ ކަވަރުވީ،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ބަހަމުން އަންނަ މަސްދަޅުތަކާ ގުޅޭ ގޮތުން އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 40،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ވަނީ ބަހައިފަ އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހު 20 ވަނަ ދުވަހު އެވެ. ފުރަތަމަ ހަމަޖެއްސީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޖުމްލަ ފަސް ތަނަކުން މަސްދަޅު ކޭސް ދޫކުރާށެވެ. ނަމަވެސް، ދިގު ކިއުތައް ދަމާލުމާ އެކު މަރުކަޒުތައް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ. އަދި މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް ޓޯކަން ނިޒާމެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.